16 ނޮވެމްބަރ 2025 - 14:29

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓް ދެ ކޮންޓެއިނަރުގެ މައްސަލައިގައި މިދިޔަ ބުދަ ދުވަހު ހައްޔަރުކުރި ބިދޭސީ އަކީ ކޮންޓެއިނަރު ނައްތާލަން އިސްކޮށް އުޅުނު މީހާކަން އެނގިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝް މީހެއް ކަމަށްވާ މުހައްމަދު އަލަމިން މިއާ އެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭ އެމްޕީއެލް ބަނދަރުން ވަގަށް ނަގައިގެން ގެންދިޔަ ދެ ކޮންޓައިނަރު ތިލަފުށީގައި ނައްތާލައި، ދެ ކޮންޓެއިނަރު ބާދަނގަޑަށް ކިރުވާފައިވާކަން "މިހާރު" އަށް އެނގިފައިވެ އެވެ. މުހައްމަދު އަލަމިން މިއާ އަކީ އެ މަސައްކަތުގައި އިސްކޮށް ހުރި މީހާ އެވެ.
ފުލުހުން ވަނީ ދެ ކޮންޓެއިނަރުގެ ބައިތައް ތިލަފުށިން ހޯދައިފަ އެވެ.
ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނަގާފައިވަނީ އެ ދެ ކޮންޓެއިނަރާ އެއްގޮތަށް ދެ ކޮންޓެއިނަރު ތިލަފުށީގައި ހެދުމަށް ފަހު އެ ގެންގޮސް އެމްޕީއެލް ބަނދަރުގައި ބެހެއްޓުމަށް ފަހުގަ އެވެ.
ކޮންޓެއިނަރުގެ ނަކަލެއް ހެދުމުގައި އިސްކޮށް އުޅުނީ ކާކުކަމާއި އެކަމާ ގުޅުން ހުރި އެތައް ހެއްކެއް ވެސް ފުލުހުން ހޯދާފައިވާކަން ވަނީ އެނގިފަ އެވެ. އަދި ދެ ކޮންޓެއިނަރު ކަފައި ކުދިކުރުމަށް ފަހު ބާދަނޑުގެ ގޮތުގައި ވިއްކާލުމުން ގަތީ ކޮން ކުންފުންޏަކުން ކާކުކަން ވެސް ފުލުހުންނަށް އެނގެ އެވެ.
ތިލަފުއްޓަށް ގެންދިޔަ ކޮންޓެއިނަރު ކެފުމުގައި އެހީތެރިވި ބައެއް ބިދޭސީން ވަނީ ބައެއް މައުލޫމާތު ފުލުހުންނަށް ދީފަ އެވެ.
ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ މިދިޔަ މަހު ފެންމަތިވުމާ އެކު، މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.
އޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.
ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.