16 ނޮވެމްބަރ 2025 - 13:43

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ރިސާޗް ކޮންފަރެންސް 2025 މިއަދު ފަށައިފި އެވެ.
ވިލާ ނޯޓިކާ ޕެރެޑައިޒް އައިލެންޑް ރިޒޯޓުގައި ފެށި، މި ކޮންފަރެންސަކީ މިހާތަނަށް އެ ކޮންފަރެންސްގައި އެންމެ ގިނަ ފަރާތްތަކުން ބައިވެރިވި ފަހަރެވެ. މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ މި ފޯރަމްގައި 240 މީހުން ބައިވެރިވި އެވެ.
މި އަހަރުގެ ކޮންފަރެންސްގައި އެމްއެމްއޭއިން އަލަށް ތައާރަފްކުރި އިކޮނޮމިކް އަދި ފައިނޭންޝަލް މެގަޒިން "ދި އައިލޭންޑް އިކޮނޮމިސްޓް" ވަނީ ތައާރަފްކޮށްފަ އެވެ. އެ މެގަޒިން ލޯންޗްކޮށްދެއްވީ ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނު އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.
މި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ ދެމެހެއްޓެނިވި ގޮތަކަށް ގައުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ދިރާސާކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މި ކޮންފަރެންސްގައި ހުށަހަޅާ ކޮންމެ ކަރުދާހަކާއި ކުރެވޭ ކޮންމެ މަޝްވަރާއަކީ އެ މަގުގައި ކުރިއަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ކޮންފަރެންސްގައި މަޝްވަރާ ބައްދަލުވުންތަކާއި، ޕެނަލް ޑިސްކަޝަންތައް ވެސް އޮންނާނެ އެވެ. އެގޮތުން، އެއް ޑިސްކަޝަންގައި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒުގައި މަސައްކަތްކުރައްވާ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެމްއެމްއޭގެ ރިސާޗް ޖާނަލް "މޯލްޑިވްސް ޖާނަލް އޮފް އިކޮނޮމިކްސް އެންޑް ފައިނޭންސް" ވަނީ ލޯންޗުކޮށްފަ އެވެ. މި ޖާނަލް ލޯންޗްކުރީ މެލޭޝިއާގެ އިންސީފް ޔުނިވާސިޓީގެ ޕްރޮފެސަރު އަދި އެސޯސިއޭޓް ޑީން ޑރ. އާއިޝަތު މުނީޒާ އެވެ. އެ ކޮންފަރެންސަގައި ވަނީ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ގެ މުބާރާތްތަކުގެ ފައިނަލަށް ދިޔަ ފަރާތްތަކަށް ވަނަތަކާއި ފައިސާގެ އިނާމު ހަވާލުކޮށްފަ އެވެ.
މި އަހަރުގެ އެމްއެމްއޭ ރިސާޗް ކޮންފަރެންސްގައި އިލްމީ ދިރާސާ ކަރުދާސްތައް ފާހަގަކޮށްލެވޭ މިންވަރަށް އިތުރުވެފައިވެ އެވެ. އެ ކޮންފަރެންސްގައި 40 ދިރާސީ ޕޭޕަރު ހުށަހަޅާނެ އެވެ. އޭގެ ތެރޭގައި 20 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ދިރާސާވެރިންގެ ހުށަހެޅުން ހިމެނެ އެވެ. އެމްއެމްއޭއަށް ރިސާޗް ފަންޑްތަކަށް 39 ހުށަހެޅުމާއި، މިއަދު ލޯންޗުކުރި އެމްއެމްއޭ މަޖައްލާ ދި އަލއިލޭންޑް އިކޮނޮމިސްޓް މަޖައްލާއަށް 20 ލިޔުން ލިބިފައިވެ އެވެ.
އެމްއެމްއޭގެ ރިސާޗް ކޮންފަރެންސަކީ މިދިޔަ ފެށިގެން ބާއްވާ ކޮންފަރެންސެކެވެ.