ރައީސްގެ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓް
ރައީސްގެ ދަރިކަލުންނާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް އެމްޑީޕީ އާއި ފައްޔާޒްގެ ކިބައިން ބަދަލު ހޯދޭނެ: ފެމިލީ ކޯޓް

އެމްޑީޕީގެ މުޒާހަރާއެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލަކާ ބެހޭގޮތުން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކާ ގުޅިގެން އެމްޑީޕީ އާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްގެ ކިބައިން ބަދަލު ހޯދޭނެ ކަމަށް ފެމިލީ ކޯޓުން ހުކުމްކޮށްފި އެވެ.

އެމްޑީޕީން މިދިޔަ މާޗް މަހު ބޭއްވި މުޒާހަރާއެއްގައި، ރާއްޖޭގައި ވޭޕް މަނާކުރަން ރައީސް ނިންމެވި ނިންމެވުން ރައީސްގެ ދަރިކަލަކާ ގުޅުވައިގެން މަންދީ އާއި ވާހަކަ ދެއްކި މައްސަލާގައި މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒްގެ މައްޗަށް ފެމެލީ ކޯޓުގައި ދައުވާ ކުރެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.

އެ މައްސަލާގައި ފެމެލީ ކޯޓުން މިއަދު ކުރި ހުކުމްގައި ކަނޑައެޅީ މަންދީ އާއި އަހުމަދު ސަލީމް (މާޒް) ދެއްކި ވާހަކަތަކުން ރައީސްގެ ދަރިކަލުންގެ ރައްކާތެރިކަން އަދި ކަރާމާތް ގެއްލިފައިވާ ކަމަށެވެ. އަދި އެ ވާހަކަތައް މަނާކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދީފައިވާކަން ސާބިތުވާތީ އެމްޑީޕީ އާއި ފައްޔާޒް އެކަމަށް ޒިންމާވާން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އެމްޑީޕީ އާއި ފައްޔާޒްގެ ފަރާތުން ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށް ހުކުމުގައިވެ އެވެ.

އެ މައްސަލާގައި ފަސްޓްލޭޑީގެ ފަރާތްޕުޅުން ސިވިލް ކޯޓުގައި ވެސް މަންދީގެ އިތުރުން ފައްޔާޒާއި އެމްޑީޕީގެ މައްޗަށް ދައުވާކުރި އެވެ. އެ މައްސަލާގައި މިދިޔަ ޖުލައި މަހު ސިވިލް ކޯޓުން ނިންމީ މަންދީގެ ވާހަކަތަކުގެ ސަބަބުން ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ފަސްޓްލޭޑީއަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އޭރު ސިވިލް ކޯޓުން ނިންމާފައިވަނީ ފައްޔާޒާއި އެމްޑީޕީން ސީދާ ގޮތެއްގައި ކުރި ކަމަކަށް ނުވާތީ ފައްޔާޒާއި އެމްޑީޕީން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ.

އެ މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮންނާނެ ކަމަށް ކަނޑައަޅާފައި ވިޔަސް، ގެއްލުމުގެ ބަދަލު ހޯދުމަށް ފަސްޓްލޭޑީގެ ފަރާތްޕުޅުން ދައުވާ ކުރައްވާފައެއް ނުވެ އެވެ.