16 ނޮވެމްބަރ 2025 - 12:16

ޖަލުގެ ގައިދީން ލުމަށް ހާއްސަކޮށްފައިވާ ހެދުން ލާން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ދެކޮޅު ހެދުމުން އޭނާ މިއަދު ކޯޓަށް ހާޒިރުކުރީ ކުލަ ހެދުމުގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ނުފެށި ދިގުލައިގެންދިޔަ އެވެ.
ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހެދުމުންނެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ގެންނަން ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރުމުންނެވެ.
މިއީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި އެ އިދާރާއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.
ކޯޓުން ބުނި ގޮތުގައި 11:00 އަށް ބައްސާމް ކޯޓަށް ގެނެވުނީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެންނެވެ. ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި ޝަރީއަތުން އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
މިއަދުގެ އަޑުއެހުން ތާވަލުކުރީ އެފްއޭއެމްގެ ކުރީގެ ފައިނޭންސިއަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލްގެ ހެކިބަސް ނެގުމަށެވެ. ނަމަވެސް، އޭނާ މިއަދު ކޯޓަށް ހާޒިރުވެފައިނުވާތީ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.
ޝަރީއަތުން ވަނީ އަގީލް ހައްޔަރުކޮށްގެން މާދަމާ ކޯޓަށް ހާޒިރުކުރަން އަންގާ އަމުރު ނެރެން ނިންމައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ބައްސާމް ވަނީ ވަކީލުންނާ ބައްދަލުކުރަން ދަތިވާ ކަމަށް ބުނެފަ އެވެ. އެހެންވެ ބައްސާމްއަށް ވަކީލުންގެ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ޝަރީއަތުން އަންގާފައިވެ އެވެ.
އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.
އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.
ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.
ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.