މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ އައްޔަންކޮށްފި
މީޑިއާ ކޮމިޝަންގެ އެސްޖީއަކަށް ޕީސީބީގެ ކުރީގެ ރައީސް ހަމްދީ އައްޔަންކޮށްފި

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ކުރީގެ ރައީސް ހަމްދީ އަގީލް މިއަދު އައްޔަންކޮށްފި އެވެ.

އެމްއެމްބީސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެ ކޮމިޝަނުގެ އެސްޖީ ކަމަށް ހަމްދީ އައްޔަންކުރިކަން އިއުލާންކޮށްފަ އެވެ.

ދައުލަތުގެ ވިޔަފާރިތައް ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގެ ރައީސްގެ މަގާމުން ހަމްދީ ވަކިކުރެއްވީ މިދިޔަ ފެބްރުއަރީ މަހު އެވެ. ޕީސީބީގެ ރައީސަކަށް ހަމްދީ އައްޔަންކުރެއްވީ ނޮވެމްބަރު 22، 2023 ގަ އެވެ.

ހަމްދީ ޕީސީބީން ވަކި ކުރެއްވި ސަަބަބެއް އޭރު ސާފު ނުކޮށްދޭއިރު، އޭނާ ވަކި ކުރެއްވީ އެ މަގާމުގައި ހުންނަވައިގެން ސަރުކާރުގެ ކުންފުނިތަކަށް އަމާޒު ކުރައްވައިގެން ސާކިއުލާތަކެއް ނެރުއްވި ދަނޑިވަޅާ ދިމާކޮށެވެ. އެއީ މިދިޔަ ރޯދަމަހު ކުންފުނިތަކުގެ މުވައްޒަފުންނަށް ދިން ރޯދަ އިނާޔަތުގެ ފައިސާ ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް އަންގައި ނެރުނު ސާކިއުލާއަކާއި ކުންފުނިތަކުގެ ހަރަދު ކުޑަކުރުމާ ގުޅޭ ސާކިއުލާއެއް ނެރެފައި ވަނިކޮށެވެ. އެ ސާކިއުލާތައް ޕީސީބީން ފަހުން ބާތިލު ވެސް ކުރި އެވެ.

އޭނާ މީގެ ކުރިން ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަމާއި މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.

އަސާސީ މުސާރަ އާއި ލިވިން އެލަވަންސާ އެކު އެމްއެމްބީސީގެ އެސްޖީއަށް މަހަކު 35،500ރ. ގެ މުސާރައެއް ލިބޭނެ އެވެ.

މީޑިއާ ރެގިއުލޭޝަން ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގައި ޖުމްލަ ހަތް މެމްބަރުން ތިއްބަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުން އައްޔަންކުރި ތިން މެމްބަރުންނާއި މީޑިއާތަކުގެ މެދުގައި ވޯޓުލައިގެން ހޮވި ހަތަރު މެމްބަރުންނެވެ. އެ ހުރިހާ މެމްބަރުން ވެސް މިހާރު ވަނީ ކޮމިޝަނަށް އައްޔަންކޮށްފަ އެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކުރި ތިން ބޭފުޅުންނަކީ ސީއެސްސީގެ ކުރީގެ މެމްބަރު އަދި މީޑިއާ ކައުންސިލްގެ ކުރީގެ އެސްޖީ މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސޮފާ ޝަފީގާއި އެ ކޮމިޝަންގެ ކުރީގެ މެމްބަރު އައިމިނަތު ސަރާހަތު އިއްޒަތެވެ.

މިފަހަރުގެ އިންތިހާބުގައި މީޑިއާތަކުގެ ފަރާތުން ކުރިމަތިލި މެމްބަރުންގެ އަދަދު މަދުވުމުން އިންތިހާބަކާ ނުލައި ހަތަރު މެމްބަރަކު ވަނީ އެ ކޮމިޝަނަށް ހޮވިފަ އެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާއިން ޒަމްއަތު އަހުމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހިމްގެ އިތުރުން އޮންލައިން މީޑިއާގެ ދާއިރާއިން ހުސައިން ސަގީފާއި ސިމާހާ ނަސީމެވެ.

އެ ކޮމިޝަނުގެ ރައީސަކަށް ހަމަޖައްސާފައި ވަނީ ފަރުޝަތެވެ. އަދި ނައިބު ރައީސަކީ ޒަމްއަތެވެ.