ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި

އެމްޕީއެލްގެ ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު ސިނގިރޭޓް ކޮންޓެއިނަރުގެ މައްސަލާގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ، ކަމަށެވެ. އެއީ އެ މައްސަލާގައި ހައްޔަރުކުރި ފުރަތަމަ ބިދޭސީ މީހާ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސިނގިރެޓް ކޮންޓެއިނަރު ވަގަށް ނެގި މައްސަލަ މިދިޔަ މަހު ފެންމަތިވުމާއެކު، މިހާތަނަށް 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެކަމަށް ފަންޑުކުރި ކަމުގެ ތުހުމަތުވާ ދެ ވިޔަފާރިވެރިން ކަމަށްވާ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް އަދި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ހިމެނެ އެވެ.

އޭގެ އިތުރުން ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ އަދި ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް އަދި ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު ވެސް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ރާއްޖެއަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާންމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 122 މިލިއަން ރުފިޔާ އަރާނެ އެވެ.

ކަސްޓަމްސް އިން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓް ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.