ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި ބިޑި އަޅުވަން އުޅުމުން
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި ބިޑި އަޅުވަން އުޅުމުން

އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި ކަމުގެ ތުހުމަތުގައި ދައުވާ އުފުލައި އޭގެ ތެރެއިން ބައެއް ދައުވާތައް ސާބިތުވެ ޖަލަށް ހުކުމްކޮށްފައިވާ، ބައްސާމް އަދީލް ޖަލީލު ޖަލުގެ ގޮޅިން ނުކުންނަން މިއަދު ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވަން އުޅުމުގެ ސަބަބުން ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން އެ ތަނުގެ ކުރީގެ ރައީސް ބައްސާމް ޕެންޓްހައުސްއެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު 8:15 އަށް ތާވަލުކޮށްފައިވެ އެވެ. ނަމަވެސް، މިހާތަނަށް ވެސް އެ އަޑުއެހުން ފެށޭ ގޮތް ވަނީ ނުވެފަ އެވެ.

ބައްސާމްގެ ޝަރީއަތުގެ އަޑުއެހުން ނުފެށި ލަސްވަނީ ޖަލުގެ ގޮޅިން އޭނާ ނުކުންނަން ދެކޮޅު ހަދަމުންދާތީ އެވެ. ކްރިމިނަލް ކޯޓުން ބުނި ގޮތުގައި ބައްސާމް ޖަލުން ނުކުންނަން ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި، ބިޑި އަޅުވައިގެން ގެންނަން ކަރެކްޝަނަލް ސާވިސް އިން މަސައްކަތް ކުރުމުންނެވެ.

މިއީ ޖަލު ހުކުމް ތަންފީޒުކުރާ މީހުން ކޯޓަށް ހާޒިރުކުރުމުގައި އެ އިދާރާއިން އާންމުކޮށް އަމަލުކުރާ ގޮތެވެ.

ކޯޓުން ބުނި ގޮތުގައި 11:00 އަށް ބައްސާމް ކޯޓަށް ގެނެވޭނެ ކަމަށް ކަރެކްޝަނަލް ސާވިސްއިން މިހާރު ވަނީ އަންގައިފަ އެވެ. އެހެންވެ އަޑުއެހުން ކެންސަލް ނުކުރާ ކަމަށް ބުންޏެވެ.

އެފްއޭމްއެމަށް ފީފާއިން ފޮނުވި ފައިސާތަކަކަށް ހިޔާނާތްތެރިވެ، މަނީ ލޯންޑާ ކުރުމުގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް މިހާރު ވެސް ތަންފީޒު ކުރަމުންދާ ބައްސާމްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑްރިންގެ އިތުރު ދައުވާތަކެއް ދައުލަތުން ކުރަނީ ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (18 މިލިއަނަށް ވުރެ ގިނަ ރުފިޔާ) އަށް ބައްސާމް ހިޔާނާތްތެރިވެ، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ބައްސާމްގެ ވަކީލުން ބުނެފައިވަނީ ބައްސާމް ހިޔާނާތްތެރިވި ކަމަށް ބުނަނީ ފީފާއިން ފޮނުވި ފައިސާތަކަކަށް ކަމަށާއި ފީފާގެ އުސޫލުތައް އޮންނަ ގޮތުން ފީފާގެ ހުއްދަ ނެތި އެފަދަ މައްސަލަތައް ނުބެލޭނެ ކަމަށެވެ.

އެ ފައިސާ ދިނީ އެފްއޭއެމްއަށް ކަމަށް ވިޔަސް، އެއީ ފީފާގެ ފައިސާތަކަކަށް ވާތީ އެ މައްސަލަ ބެލުމުގައި ފީފާގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ވަކީލުން ފާހަގަކުރި އެވެ. އަދި އެފަދަ ކަންކަމަށް ގައުމުތަކުގެ އިދާރާތަކަށް ނުވަދެވޭނެ ކަމަށް ވެސް ވަކީލުން ބުނެފައިވެ އެވެ.

ނަމަވެސް ގާޒީ ނިންމެވީ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމިއިރު، އެ މައްސަލާގައި އެފްއޭއެމްގެ ކުރީގެ އިސްވެރިންތަކަކާއި އަމިން ކޮންސްޓްރަކްޝަން ކުންފުންޏަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ނަމަވެސް އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެެވެ.

އެ މައްސަލާގައި ބައްސާމް ހުޅުމާލޭގެ އަމިން އެވެނިއުއިން ގަނެފައިވާ ޕެންޓް ހައުސްއެއް ފުލުހުން މިދިޔަ އަހަރުން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ.