ކޮރެއާގެ ކުންފުންޏަކަށް 3 މިލިއަން ޑޮލަރު ދައްކަން އެފްއޭއެމަށް ކުރި ހުކުމް މަޑުޖައްސުވައިފި
ކޮރެއާގެ ކުންފުންޏަކަށް 3 މިލިއަން ޑޮލަރު ދައްކަން އެފްއޭއެމަށް ކުރި ހުކުމް މަޑުޖައްސުވައިފި

ވިލިމާލެ އާއި ހުޅުމާލޭގައި ފުޓްބޯޅަ ދަނޑެއް ތަރައްގީކުރަން 2021 ގައި ހަވާލުކުރި ދެކުނު ކޮރެއާގެ ޓީކުއިން ކޮންސްޓްރަކްޝަން ކޯ ލިމިޓެޑަށް 3،382،000 ޑޮލަރު (52.1 މިލިއަން ރުފިޔާ) ދައްކަން އެފްއޭއެމްގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

ޓީކުއިން ކޮންސްޓްރަކްޝަނާއި އެފްއޭއެމާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، ވިލިމާލެ އާއި ހުޅުމާލޭގައި ފުޓްބޯޅަ ދަނޑު ތަރައްގީކޮށް، މަސައްކަތުގެ އަގުގެ ގޮތުގައި ދެ އިންވޮއިސް އަށް ވާ 1،197،200 ޑޮލަރާއި 1،940،800 ޑޮލަރު ދައްކަން ޖެހެ އެވެ. ހުޅުމާލެ ރީކޮންސްޓްރަކްޝަންގެ މަސައްކަތަށްވާ 122،000 ޑޮލަރާއި އެ ކުންފުނީގެ ރިކުއާމެންޓަށް ބަދަލު ގެނެސް ކޮށްފައިވާ މަސައްކަތުގެ އަގު ކަމަށްވާ 122،000 ޑޮލަރާ އެކު ޖުމްލަ 3،382،000 ޑޮލަރު އެފްއޭއެމުން ދައްކަން ޖެހެ އެވެ.

އެފްއޭއެމުން އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ޓީކުއިން އިން ލުއިތަކެއް ވެސް ދިނެވެ. އެކަމަކު، އެފްއޭއެމުން އެދުނު ލުއިތަކާ އެއްގޮތަށް ވެސް ފައިސާއެއް ނުދައްކަ އެވެ. އެހެންވެ، އެ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅީ އެ ފައިސާގެ އިތުރަށް ވެސް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ކޮރެއާ ކުންފުނީގެ މަސައްކަތްތަކުގެ އަގަށް ވާ 3،382،000 ޑޮލަރު، މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެފްއޭއެމުން ދައްކައި ހަލާސް ކުރާށެވެ. އެ ހުކުމް އެ ކޯޓުން އިއްވީ އެފްއޭއެމުން ޝަރީއަތަށް ހާޒިރުނުވާތީ، ޣައިރު ހާޒިރުގަ އެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެފްއޭއެމުން އެދިފައިވެ އެވެ.

އެފްއޭއެމުން އެދުނު އަމުރު ނެރެދޭން ނިންމައި، ހައި ކޯޓުން ބުނެފައިވަނީ އަމުރު ނުނެރެފި ނަމަ، އެފްއޭއެމްގެ މަސްލަހަތަށް އުނިކަން އަތުވެދާނެ ފަދަ ހާލަތެއް މެދުވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ހައި ކޯޓުން ގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ވަނީ އަމުރުކޮށްފަ އެވެ.

ޓީކުއިން ކޮންސްޓްރަކްޝަނާ އެކު ހެދި މި އެއްބަސްވުމުގެ ކުރިން، އެ މަހުގެ ދެވަނަ ދުވަހު އެފްއޭއެމުން ވަނީ ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސްކައިވިންޑް ގްލޯބަލްއާ އެކު 17 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއްގައި ވެސް ސޮއިކޮށްފަ އެވެ. ނަމަވެސް އެ ޕްރޮޖެކްޓުގައި ހިމެނޭ، އެފްއޭއެމް ހައުސްގެ 20 ބުރީގެ އިމާރާތާއި ހަތަރު ބުރީގެ ފުޓްސަލް އެރީނާގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 20 އާޓިފިޝަލް ގްރާސް ފުޓްބޯޅަ ދަނޑުގެ މި ޕްރޮޖެކްޓް ވެސް ކުރިއަކަށް ނުދެ އެވެ.