16 ނޮވެމްބަރ 2025 - 10:33

މޯލްޑިވްސް އިސްލާމިކް ބޭންކުން ކްރޮސް ރޯޑްސް މޯލްޑިވްސްއާ ގުޅިގެން މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގުރާމު ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ މުރަކަ އިންދުމަށް ހަމަޖެހިފައިވާ ފަޅުގެ އަޑީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ އެވެ. އަދި ކްރޮސް ރޯޑްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސައި ލެގޫންސް، ކުއިރިއީ ކަލެކްޝަން ބައި ހިލްޓަން އެންޑް ކްރޮސް ރޯޑްސް މެރީނާގެ ޖެނެރަލް މެނޭޖަރު، އެލެކްޒެންޑާ ޓްރައިގާ އެވެ.
އެމްއައިބީން ބުނީ ކަނޑު އަޑީގައި އެ ރަސްމިއްޔާތު ބޭއްވީ ރާއްޖޭގެ ތިމާވެށި އަދި މުރަކަތަކުގެ މުހިންމުކަމާއި މުރަކަތަކުގެ ބޭނުންތެރިކަމާއި މެދު އަހުލުވެރިކަން އިތުރުކުރުމަށް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން، މުރަކަ އާލާކުރުމުގެ ޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައި ވަނީ ކްރޮސް ރޯޑްސްގެ ފަޅު ތެރޭގަ އެވެ. މި ޕްރޮގްރާމުގެ ދަށުން "އެމްއައިބީ ފަރު"ގެ ނަމުގައި ފަރެއް ގާއިމުކުރަން ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީން އަންނަނީ ތިމާވެށި ރައްކާތެރިކުރުމުގެ އެކި މަސައްކަތްތަކުގައި ބައިވެރިވެ، އެފަދަ އެކި ޕްރޮގުރާމުތައް ހިންގަމުންނެވެ.