ޝާހުގެ ނަމުގައި ދުބާއީގައި ޓަވަރެއް އަޅަނީ
ޝާހުގެ ނަމުގައި ދުބާއީގައި ޓަވަރެއް އަޅަނީ

ދުބާއީގައި އަމިއްލަ މީހަކު އަޅާ ޓަވަރަކަށް ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ޚާންގެ ނަން ދޭން ނިންމައިފި އެވެ.

"ޝާހްރުކްޒް"ގެ ނަން ދޭން ނިންމާފައިވާ އެ ޓަވަރު އިފްތިތާހުކުރުމަށް އިންޑިއާގެ މުމްބާއީގައި އިއްޔެ ވަނީ ހާއްސަ އިވެންޓެއް ބާއްވައިފަ އެވެ. އެ އިވެންޓުގައި ޝާހު ވެސް ބައިވެރިވި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އެ ޓަވަރު އަޅަނީ ދުބާއީގައި ހިންގާ ޑަނުބޭ ގްރޫޕް ކިޔާ ކުންފުންޏަކުންނެވެ. އެއީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހެއް ކަމަށްވާ ރިޒްވާން ސަޖަންގެ ކުންފުންޏެވެ. އޭނާއަކީ ދުބާއީގައި ވިޔަފާރިކުރާ އިންޑިއާ މީހުންގެ ތެރެއިން އެންމެ މުއްސަނދި އެކަކެވެ.

އޮފީސް އިމާރާތެއްގެ ގޮތުގައި ހަދާ އެ ޓަވަރަކީ 56 ފްލޯގެ އިމާރާތެކެވެ. ކުރިއަށް އޮތް 3-4 އަހަރުގެ ތެރޭގައި މަސައްކަތް ނިންމަން ހަމަޖެހިފައިވާ އެ ޓަވަރުގެ ތިރީގައި ޝާހުގެ ސްޓެޗޫއެއް ވެސް ބަހައްޓާނެ އެވެ.

ޝާހު ބުނީ މިއީ މީހެއްގެ ފަރާތުން އޭނާއަށް ލިބުނު އެންމެ ބޮޑު ހަދިޔާ ކަމަށެވެ. އަދި އެ އިމާރާތަށް އޭނާގެ ނަން ދިނުމުން އެންމެ އުފާވާނީ އޭނާގެ މަންމަ ކަމަށާއި މި ދުވަސް ދެކެން މަންމަ މިއަދު ދުނިޔޭގައި ހުރި ނަމައޭ ހިތަށް އަރާ ކަމަށް ވެސް ޝާހު ބުންޏެވެ.

ޝާހުއަކީ ވެސް ދުބާއީގައި މިހާރު ރިއަލް-އެސްޓޭޓްގެ ވިޔަފާރިކުރާ މީހެކެވެ.