16 ނޮވެމްބަރ 2025 - 06:09

(ބުދަ ދުވަހާ ގުޅޭ)
ބޭރު އޮތީ ކަނުއަނދިރިކޮށެވެ. ހުޅުވި ވަރަށް ވުރެ އަވަހަށް ދޮރުލައްޕައިފައި ރާއިފު ގަޑި ބަލައިލިއެވެ. ދަންވަރު ދެގަޑި ބައިވަނީއެވެ. ދެ މީހުންނަށް ވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ދެގަޑި ބައިވުން ހައެއް ޖަހާހެން ދެ މީހުންނަށް ފެނުނީ ކީއްވެގެން ހެއްޔެވެ؟ އޮޅިގެން ވެސް އެހެނެއް ނުވާނެއެވެ. ބާރަ ގަޑި ބައިވަނިކޮށް ފެނުނު ނަމަ މައްސަލައެއް ނެތެވެ. އެ ހިސާބުން ދެ މީހުން އަނެއްކާ ވެސް ނިދަން އޮށޯތީއެވެ.
އަންޖަލް ބިރުގަތެވެ. ބަތޫރު މަތިން އަންޖަލް ހަނދާން ހުއްޓެވެ. ރާއިފުއަށް އެ ކަން ނޭނގޭނެތީ އެ ވާހަކަ ނުދެއްކީއެވެ. ރާއިފު ވެސް ޝައްކުކުރީ ބަތޫރަށެވެ. އެ ވާހަކަ ދެއްކެން ނެތީމައި ނުދެއްކީއެވެ.
ހަމަ އެ ވަގުތެވެ. އެހެނަސް، އިރުގެ އަލި ކަހަލަ އައްޔެއް ފޯރާފައިވާ ދުނިޔެއެކެވެ. މަގުތައް އޮތީ ފަޅަށެވެ. އެ ވަގުތަކީ ތަނުގައި ދިރިއުޅޭ އެކަކު ވެސް ބޭރަށް ނުނިކުންނަ ވަގުތެކެވެ. އެ ރަށުގެ ގިލާއަކީ އެ ތަނުގެ ވެރިޔާއަށް ހާއްސަ ކޮށްފައިވާ ގަނޑުވަރުތަކުގެ ތެރެއިން، ބޮޑެތި ބައްދަލުވުންތައް ބާއްވާ ތަނެވެ. އެންމެ ހައިބަތު ހުރި ތަހުތު ވެސް ހުންނަނީ ގިލާގައެވެ. ބިއްލޫރި ކުލައިގެ ސަންގުމަރުމަރުހިލައިގެ ދަށުން ފުން ކަނޑެއް ފެންނަ އެ ކިއްލާއަށް ދައުވަތު ލިބުމުން ނޫނީ ދޮރެއް ނުފެންނާނެއެވެ. ދާން އިޒުނަ ދިނުމުން ނޫނީ ނުކުންނާކަށް ވެސް ނޭނގޭނެއެވެ.
ފުރަތަމަ ފަހަރަށް ބަތޫރު އެ ތަނަށް ވަނެވެ. ކުލަ ޖެހުނު ހުވަފެނުގެ ފުރިހަމަ އުފާ ހާސިލުކުރަން ބަތޫރު ހުރީ ކެތްމަދުވެފައެވެ. ތަނުގައި އެލުވާފައިވާ ބިޔަ މަންދީލަތަކާއި ޒީނަތްތެރިކަމަށް ޓަކައި ފާރުގައި ހަރުކޮށްފައި ހުރި ދަންމަރުތަކާއި ވެރިކަން ވާރުތަވަމުން އައި ހުރިހައި އެންމެންގެ ތަސްވީރުތައް ބަތޫރުގެ ސަމާލުކަން ހޯދިއެވެ.
ކޮންމެވެސް ދުވަހަކުން އެ ތަނުގައި ބަތޫރުގެ ފޮޓޯއެއް ހުންނާނެކަން ބަތޫރަށް ކަށަވަރެވެ. އެހެން ހުރިހައި ފޮޓޯއަކަށް ވުރެ އެ ފޮޓޯ ބޮޑު ވެސް ވާނެއެވެ. އެ ހިސާބުން ވެސް ބަތޫރުގެ ހިޔާލީފޮލާ ކައްކައި ނިމުނީކީ ނޫނެވެ. ފޮޓޯލޯގަނޑުގެ ހަތަރު ކަނުގައި، ކިތަންމެ ކުޑަ ނަމަވެސް ހަތަރު ޕަނީތު އެސް ނުހުންނާނެ ގޮތަކީ ނެތް ގޮތެކެވެ. ބާރާއި ނުފޫޒު ރަމުޒު ކުރަން އެ އަށް ވުރެ މޮޅު ގޮތެއް ނެތެވެ. އެ ދުވަސް ނަޔަސް، ތަނުގައި ހުރި ތަހުތުގެ ފަސޭހަކަމަކާއި އަރާމު އިހުސާސް ކޮށްލުމުގެ ޝަރަފަށް ބަތޫރު ހުރީ ފެންބޮވައިގެންފައެވެ. ދަގައްފާނަށް ދަގަނޑު ދަމާ ހެން، ތަހުތާ ދިމާއަށް ބަތޫރު ދަމައިގަތެވެ. ހީވީ އަލިގަނޑެއް އައި ހެންނެވެ. ބިޔަ ކިޔާނުންނަށް ތިބެވޭ ވަރަށް ހަދާފައިވާ އެ ތަހުތުގައި ބަތޫރަށް ވެސް އަރާމުކޮށް އިނދެވޭނެއެވެ.
"ތަރާ!" އަތީލާ ހަޅޭއްލަވައިގަތް އަޑުއިވުނެވެ.
އިށީންނަން ފަރިވަމުން ދިޔަ ބަތޫރު މަޑުޖެހިލިއެވެ. ނުވެސް އިށީނދެއެވެ. ހިންދަމައެއް ވެސް ނުލިއެވެ. ބަތޫރު ހިތަށް އެރިއެވެ. އަހަންނާ ދިމާއަކަށް އެ ގޮތަށް ހަޅޭއްލަވަން އަތީލާއަކީ ކާކު ހެއްޔެވެ؟ އޭނަގެ ހައިސިއްޔަތަކީ ކޮބައި ހެއްޔެވެ؟ މަގާމެއް ވާރުތަވުމަކީ އެ މަގާމަށް ކުފޫހަމަވާކަމުގެ ދަލީލެއް ނޫނެވެ. އެ ފަދަ ކިތަންމެ އެއްޗެއް ހިތަށް އެރި ނަމަވެސް، ބަތޫރު ފަނޑު ގޮތަކަށް ހިނިތުންވެލިއެވެ.
"ނޫޅެމޭ އިށީންނާކަށް." ހިންދަމައިލަމުން ބަތޫރު ބުންޏެވެ.
"ނަސީބެއް،" އަތީލާގެ އަޑު ދެން ވެސް މަޑެއް ނުވިއެވެ. "އެކަކު ދިރިހުއްޓާ އަނެކަކަށް ތި ތާކު ނީށީނދެވޭނެ. ބައްޕަ ދުނިޔޭގަ އަހަންނަށް ވެސް ތި ތާކު ނީށީނދެވޭ! އިށީނދެއްޖެއްޔާ އަދަބަކީ މަރު. ތި ގޮނޑިއަށް އެ ހައްގު އޮންނަނީ ދީފަ."
"ސިކުންތަކުން ވެސް ކަމެއް ބަދަލުވެދާނެ. ވަގުން ރަދުންނަށް ވެ، ރަދުން ވަގުންނަށް ވާން ލަހެއްފަހެއް އޮވޭތަ؟" ވަރަށް ހަމަޖެހިލާފައި ބަތޫރު ބުންޏެވެ. "ބަދު ބަހެއް ބުނެވިއްޖެއްޔާ މާފުކުރާތި އެކަމަކު މި ތާ އިށީންނަން އަތީލާ ޝަރުތު ހަމަވޭ؟"
އަތީލާ އެއްޗެއް ނުބުންޏެވެ. ވެރިކަން ކުރުމަކީ އަތީލާ ދަސްކުރި މަސައްކަތެއް ނޫނެވެ.
"ދެން ނުބުނާނެ އެއްޗެއް،" ބަތޫރު ބުންޏެވެ. "އެއްޗެއް ނުބުނީމަ އެ ބުނެވެނީ ވަރަށް ބޮޑު އެއްޗެއް. ކީއްކުރަން އަހަރެން މި ވަރު ތަނަކަށް ގެނައީ؟ މި ކަހަލަ ތަންތަން އަހަންނަށް ދައްކާކަށް ނުވާނެ. ނިޔަތް އަރާރުންވޭ!"
"ބަރުގާންއަށް ޖެއްސުން ކުރުން ހުއްޓާލާ!" އަތީލާ އަމުރުކުރިއެވެ. "ހީކުރީ އަހަންނަށް ނޭނގޭ ކަމަށްތަ؟"
"ހިޔެއް ނުވޭ އެނގޭ ހެނެއް،" ބަތޫރު ނިކަން ރާގުލާފައި ބުންޏެވެ. "ހަނދާނެއް ވެސް ނުހުރޭ! އެހެންވެ އެ ކަހަލަ ކަންކަން ކުރަން ޖެހެނީ. އަނެއްކާ ވެސް އަތީލާއަށް ހަނދާން ކޮށްދޭނަން. އަހަންނަށް ވެރިކަން ދީ. އޭރުން އޭނަޔަކާ އަހަންނެއް ނުބެހޭނަމޭ! އެހެން ބަޔަކު އޭނަ ގެންގޮސް ހުރަގެއަށް ލާނީ. އެ ތިބަ އަންނަނީނު ދުންމާރި ފުމެމުން."
ދަންވަރު ސައިރަން އަޅަމުން އައި ފުލުސް ކާރު އަންޖަލްގެ ގެއަށް މަޑުކޮށްލިއެވެ. ކާރު ފޭބި ފުލުހުން އަތުގައި ކޯޓު އަމުރު އޮތެވެ. އެ ވަގުތަކީ މީހަކު އެ ގެއަށް ވަން ވަގުތެވެ. އެހެން ނޫން ނަމަ، ފުލުހުންނަށް އެހައި ފަސޭހައިން ގެއަކަށް ނުވަދެވުނީހެވެ. ރާއިފު އުޅޭނެ ކަމަށް ފުލުހުންނަށް އެނގިފައިވާ އެޕާޓުމަންޓު ކައިރިއަށް ގޮސް ދޮރުގައި ޓަކިޖެހިއެވެ. ރަނގަބީލަށް ފިތި ނަމަވެސް މަސައްކަތެއް ނުކުރެއެވެ. ގޭގެ އެންމެން ތިބީ ނިދައިފައެވެ.
ނިދަން އޮތް ރާއިފުއަށް ހޭލެވުނެވެ. މާލޭގައި އޮތް ނިޒާރަށް ގޮވީ ރާއިފުއެވެ. ނިޒާރަށް ހޭލެވުނެވެ. އޭނަ ހީކުރީ ނިދި މަދުވެގެން ހޭލެވުނީ ކަމަށެވެ. ތެދުވެ ފެންފޮދެއް ބޯލައިގެން އޮށޯތް ވަގުތު ޓަކި ޖަހާ އަޑުއިވިގެން ދޮރު ހުޅުވިއެވެ. ފުލުހުން ސަލާން ރައްދު ކުރުމަށް ފަހު ކޯޓު އަމުރު ދެއްކިއެވެ. ނިޒާރަކަށް ގަބޫލެއް ނުކުރެވުނެވެ.
"އޭނަ ކީއްކުރީ؟" ނިޒާރު އެހިއެވެ.
"ކޮބައިތޯ ރާއިފުގެ ކޮޓަރި؟" ފުލުހުން ވެސް ކުރީ ސުވާލެކެވެ. "ކޮންކޮން ބައެއްތޯ މި ގޭގަ އުޅެނީ؟"
ހުރިހައި ސުވާލަކަށް ނިޒާރު ޖަވާބު ދިނެވެ. އަނެއްކާ ވެސް ކުރިން ކުރި ސުވާލުކުރިއެވެ. ފުލުހުން ގޮސް ރާއިފުގެ ކޮޓަރި ހުޅުވިއެވެ.
"އޭނަ ދިޔައީ ރިސޯޓަށް،" ނިޒާރު ޖަވާބު ދިނެވެ. "ދެތިން ދުވަހެއް ފަހުން އަންނާނީ."
"ކޮން ރިޒޯޓެއްތޯ؟" ފުލުހުން އެހިއެވެ.
ނިޒާރަކަށް ރިޒޯޓުގެ ނަމެއް ހަނދާނެއް ނުވިއެވެ. މުހުސިނާއަށް ގޮވިއެވެ. ކާފަ ދަރިންނަށް ވެސް ގޮވިއެވެ. އެކަކަށް ވެސް ރިޒޯޓުގެ ނަމެއް ހަނދާނެއް ނުވިއެވެ. ރާއިފުގެ ނަންބަރު ހޯދައިގެން ފުލުހުން އެ ނަންބަރަށް ގުޅިއެވެ. އޭގެ ކުރިން ރާއިފުގެ ފޯނާއި އަންޖަލްގެ ފޯނުގެ ވެސް ރަނގަބީލުގެ އަޑު ނީވޭ ގޮތް ރާއިފު ހެދިއެވެ. ވަމުންދާ ގޮތް، އެ ގޭގައި ހުރުމުން ފެންނަ ހެން ރާއިފުއަށް ފެނެއެވެ. ރިޒޯޓުގެ ނަން އެންމެން ހަނދާން ނެތުނީކީ ނޫނެވެ. ހަނދާން ނައްތައިލީއެވެ. ވަކި މިންވަރަކަށް ސިކުނޑި ކޮންޓުރޯލު ކުރުމަކީ ޖިންނީންނަށް އޮންނަ ބާރެކެވެ. ރާއިފުގެ ތޮށިގަނޑު އެއްލައިލަން ބަރުގާން ތައްޔާރުވެއްޖެއެވެ. އެހެނަސް، އަދި ވަގުތެއް ނުޖެހެއެވެ. އެއް ކަމެއް ބާކީ އެބަ އޮތެވެ.
ހެނދުނު ރާއިފު އާއި އަންޖަލްއަށް ސައިބޯން ދެވުނީ، ނާސްތާގަޑި ނިމެން އުޅެނިކޮށެވެ. ބައިގަޑިއިރު ކުރިން އަންނަން ބުނުމުން އެހައި ލަހުން އައި ސަބަބު އޮޅުންފިލުވަން އެކަކު ބޭނުންވިއެވެ. އެއީ އަންޖަލްއާ އެންމެ ރައްޓެހިކޮށް އުޅޭ، ރެސްޓޯރަންޓުގެ އިސް ވޭޓަރެވެ. ވީ ގޮތް އަންޖަލް ކިޔައިދިނެވެ. ވޭޓަރު ހައިރާނެއް ނުވިއެވެ.
"ގެސްޓުންނަށް ވެސް ވާ ގޮތެއް ތީ،" އޭނަ ވަރަށް ހަމަޖެހިލާފައި ބުންޏެވެ. "އަހަރުމެން އެ ވާހަކަ ނުދައްކަނީ. އެއްފަހަރަކު ނުބައި ގަޑިއެއްގަ ގެސްޓަކަށް ނުކުމެވިގެން އޭނަ މޮޔަ ވެސް ވި. ނަސީބެއްނު އެކަކު ވެސް ނުނިކުތްކަން. މި ރިޒޯޓުގެ ވަރަށް އެހެން ކަހަލަ ސްޓޯރީއެއް ވެސް އޮވޭ! ކުރިން މީ ފަޅުރަށެއް. މި ރަށަށް ދަތުރު އައި ބައެއްގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގަ، އޭނަގެ ބިޓު މަރުވީ. ދަންވަރު ތި ބުނާ ގަޑީގަ އެ ކަމެއް ހިނގީ! ކޮންމެ މަހެއްގެ ވެސް އެ ރޭ ކޮންމެވެސް ކަންތައްގަނޑެއް ހިނގާ! އެކަމަކު މި ވާހަކަ ނުދައްކާތި!"
ކަމެއް ހިނގާފައި އޮވެދާނެ ކަމަށް ރާއިފު ގަބޫލުކުރިއެވެ. އެހެނަސް، ރާއިފުއަށް ދިމާވީ މުޅީން އެހެން ކަމެކެވެ. ވީ ގޮތް ރާއިފުއަށް އެނގިފައިވާތީ، އެ ކަން އިތުރަށް ބެލުމުގެ އެއްވެސް ޝައުގުވެރިކަމެއް ރާއިފުގެ ނެތެވެ. ރާއިފުއަށް ލިބުނު އެންމެ ބޮޑު ނަސީބަކީ، އަންޖަލް ފޯނު ހިފައިގެން ނޫޅުމެވެ. ފުލުހުންގެ އެއްވެސް ކޯލެއް އަންޖަލްއަށް ނެގުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ރާއިފު ޖަވާބު ދެނީ އެނގޭ ނަންބަރުތަކަށެވެ.
ނިޒާރު ގުޅުމުން ރާއިފު ފޯނު ނެގިއެވެ. ދިނީ ވަރަށް ފިނި ޖަވާބެކެވެ.
"ރާއިފު އެ ކަހަލަ ކަމެއް ނުކުރާނެ،" ބަރުގާން ބުނީ އެހެންނެވެ. "ކާފަ އެއްގޮތަކަށް ވެސް ހާސްވާނެ ކަމެއް ނެތް. ކޮންމެވެސް އެހެން މީހަކު އަހަރެން ބޮލުގަ އެޅުވި ބަދުނާމަކަށް ތި ވާނީ. ކާފަ އެ ކަމާ ނުވިސްނާ! އަހަރެން މި ގުޅަނީ ޕޮލިހަށް."
"ކިހިނެއްވީ؟" އަންޖަލް އެހިއެވެ.
އަންޖަލް ކަންބޮޑު ނުވާނެ ކަހަލަ ޖަވާބެއް ދީފައި ރާއިފު ދެއްކީ އެހެން ވާހަކައެކެވެ.
"އަހަރުމެން ވިސްނާނީ އަހަރުމެންގެ ހަނީމޫނަށް،" ރާއިފު ބުންޏެވެ. "އެނގޭތަ މި ތާ ކައިރީ ފިނޮޅެއް އޮންނަކަން؟ މިރޭ ހަނދުވަރު ވަރަށް ރީތި ވާނެ އެކަމަކު ތަންކޮޅެއް ލަހުން ހަނދު އަރާނީ. މި ކޮޅުގަ ގެންގުޅޭނެ ޓެންޓު. ހިނގާބަލަ ފިނޮޅަށް ޖައްސާލަން. މި މީހުން އެބަ ކިޔާ ކާއެއްޗިއްސާ ހުރިހާ ކަމެއް ހަމަޖައްސައިދޭނަމޭ! ރިޒޯޓަށް އަންނަންވީމަ ގުޅާށޯ!"
އަންޖަލްގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ. ޒަމާންވެ، ދަހަނގުވެފައިވާ ފަތެއް ފުނޑުފުނޑުކޮށްލުމުން އޭގެ އެތިކޮޅުތައް ވަޔަށް ބުރައިގެންދާ ހެން އަންޖަލްގެ މާޒީގެ ހަނދާންތައް، އެނބުރެމުންސެނބުރެމުން އައިސް ކުރިމަތީގައި ފެތުރުނެވެ. މަންމައަށް ދިމާވި ހާދިސާ ހަނދާންވިއެވެ. ގޭތެރޭގައި ދެއްކެވުނު ވާހަކަތައް ހަނދާނަށް އައެވެ.
"ކީއްކުރަން ފިނޮޅަށް ދަނީ؟" އަންޖަލް ބުންޏެވެ. "މި ރަށް ވެސް ކިހާ ރީތި؟"
"އަހަރެން ހުއްޓާ އަންޖޫ ނުޖެހޭނެ ބިރު ގަންނާކަށް،" ރާއިފު ވިސްނައިދިނެވެ. "ހަނީމޫން ޖެހޭނެ ހިތުންނުފިލާ ވަރުކުރަން. އޯކޭ ދެނީ އިނގޭ!"
ގަޑިން ރޭގަނޑު އަށެއް ޖެހި އިރު އަންޖަލް ހުރީ ކަނޑުމަތީގައެވެ. އޭރަކު ހަނދެއް ނާރައެވެ. ދެ މީހަކު ކައިފައި ބާކީވާ ވަރަށް ލޯންޗުގައި ކާއެއްޗެހި ހުއްޓެވެ. ބެޓެރި ބިގަރާއި މަހެއް ފިހެލަން ބޭނުންވެއްޖެ ނަމަ އަލިފާން ރޯކުރާނެ ސާމާނާއި ބޮޑު ފޭލިގެއެއް ވެސް ގެންދިޔައެވެ. އަންޖަލް ގަދަހަދައިލައިފިއްޔާ ލޯންޗު އެނބުރި ރިޒޯޓަށް ދާނެކަން އަންޖަލްއަށް އެނގެއެވެ. ހިތާމައަކީ، އެ ތަޖުރިބާ ކޮށްލަން އަންޖަލްގެ ހިތް އެދޭކަމެވެ. އެ އަށް ވުރެ މާ ފުން އެދުމެއް ބަރުގާންގެ ހިތުގައި އޮތެވެ. މުޅި ދަތުރުގެ މަގުސަދަކީ ވެސް އެއީއެވެ. ދެ މީހުން އެނބުރި ރިޒޯޓަކަށް ނުދާނެއެވެ. (ނުނިމޭ)