ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލާ އިސްލާހުތައް މަޖިލީހަށް
ކައުންސިލަރުންގެ އަދަދު މަދުކޮށް، އަތޮޅު ކައުންސިލްތައް އުވާލާ އިސްލާހުތައް މަޖިލީހަށް

ލާމަރުކަޒީ ނިޒާމުގެ ތެރޭގައި އަތޮޅު ކައުންސިލްތައް ނޯންނަ ގޮތް ހެދުމަށްޓަކައި ގާނޫނުއަސާސީ އަށް ގެންނަންޖެހޭ އިސްލާހުތައް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެ ހުރިހާ އިސްލާހުތަކާ ގުޅޭ ބިލްތަކުތެ ފުރަތަމަ ކިޔުން އިއްވުން ވަނީ އެޖެންޑާ ކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން ހުށަހަޅުއްވައިފަ އެވެ.

އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވި އެވެ.

މީގެއިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.

އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފަ އެވެ.

ގާނޫނުއަސާސީ އިސްލާހުކުރުމުގެ އިތުރުން، ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނު އިސްލާހުކުރަން ވެސް ސަރުކާރުގެ ފަރާތުން ވަނީ މަޖިލީހަށް ވައްދައިފަ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ހުށަހެޅުއްވި އިސްލާހުގައި ވަނީ، 2،000 މީހުންނަށް ވުރެ ކުޑަ އާބާދީއެއް އޮންނަ ރަށްރަށުގައި ތިން ކައުންސިލަރުން އަދި 2،000 އަށް ވުރެ ބޮޑު އާބާދީއެއްގައި ފަސް ކައުންސިލަރުންނަށް މަދު ކުރަން ހުށަހަޅުއްވައިފަ އެވެ.

ތިން ކައުންސިލަރުން ތިބޭ ރަށު ކައުންސިލްތަކުގެ އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭއިރު، ފަސް މެމްބަރުންގެ ކައުންސިލެއްގެ ދެ ގޮނޑި އަންހެންނުނަށް ހާއްސަކުރަން އެ އިސްލާހުގައި ވަނީ ލާޒިމުކޮށްފަ އެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތެރެއިން، ފުލް ޓައިމް މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން އިންތިހާބު ކުރާ ރައީސް އެކަނި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އަތޮޅު ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގައި ބޭކާރު ފަށަލައެއްގެ ގޮތުގައި ސިފަ ކުރައްވައި، އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީ އިސްލާހުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އޮގަސްޓު މަހު ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ވޯޓުލާން ދާއިރު އަތޮޅު ކައުންސިލެއް ހޮވާކަށް ވޯޓެއް ލާކަށް ނުޖެހޭނެ ކަމަށެވެ.

"އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،" ރައީސް ވިދާޅުވި އެވެ.