ޕާޓީ ބަދަލުކޮށްގެން މެމްބަރުކަމުން ވަކިކުރުމުގެ ކުރިން އާންމު ވޯޓެއް ނަގަންޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި
ޕާޓީ ބަދަލުކޮށްގެން މެމްބަރުކަމުން ވަކިކުރުމުގެ ކުރިން އާންމު ވޯޓެއް ނަގަންޖެހޭ ގޮތަށް އިސްލާހެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލުމުގެ ކުރިން އެ ދާއިރާގެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކު ކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

ނަމަވެސް، ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ މަޖިލީހުގެ މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް، ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް އެ އިސްލާހުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވަން މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރަން ޝުޖާއު ހުށަހަޅުއްވާފައިވަނީ، މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރަކަމުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގައި، އެ މެމްބަރަކު މެމްބަރުކަމުން ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.

އަދި އެ އާންމު ވޯޓުގައި މެމްބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

އެކަމަކު، މަޖިލީހުގެ އެ އުމުރުގެ ތެރޭގައި އެ މެމްބަރަކު ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ވެސް ކަނޑައަޅަން ވަނީ ހިމަނައިފަ އެވެ.