15 ނޮވެމްބަރ 2025 - 21:52

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރި ރާއްޖޭގެ ކުރީގެ ރައީސަކީ ޑރ. މުހައްމަދު ވަހީދު ކަމާއި އެ މަނިކުފާނު އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބާއްވަވާފައިކަން ހާމަވެއްޖެ އެވެ.
ހެކަރުންގެ ބަޔަކު ކުރިން ވެސް ލީކު ކޮށްލާފައިވާ އީމެއިލް މުއާމަލާތުގައި ޝާމިލުވާ ރާއްޖޭގެ ކުރީގެ ރައީސަކީ ވަހީދުކަން ހާމަވީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" އިން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި، އީމެއިލް އެޑްރެސްތަކާ އެކު އެ މައުލޫމާތު ހާމަވުމުންނެވެ.
އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.
އެ މުއާމަލާތްތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެ އެވެ.
އެ އީމެއިލްތަކުން އެނގޭ ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އެ މަނިކުފާނު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ފުރަތަމަ ކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރު އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.
ވަހީދު އެޕްސްޓީންއާ އެކު، ކުރައްވާފައިވާ އީމެއިލް މުއާމަލާތްތަކުގެ ތެރެއިން އެންމެ ހައިރާން ކުރުވަނިވި ވާހަކަތަކެއް އޮތީ ޖެނުއަރީ 2013 ގައި ކުރައްވާފައިވާ މެއިލްތަކަކާއި އެ މެއިލްތަކުގެ ޖަވާބުގައި އެޕްސްޓީން ފޮނުވާފައިވާ މެއިލްތަކުގަ އެވެ.
އޭގެ ފުރަތަމަ މެއިލްގައި ވަހީދު އެދިވަޑައިގެންފައި އޮތީ އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު، ޝައްކު އުފެދޭ ގޮތަކަށް ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރުގެ މާލީ ޕްރޮޕޯސަލަކާ މެދު އަމަލުު ކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ.
"އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭ މިކަމާ ބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ހުރި ކަމަކަށް. އެ މީހުން [ހަތަރު ބިލިއަން ޑޮލަރު ދޭން ބުނާ މީހުން] އަަބަދުވެސް ބޭނުންވަނީ ބެންކޮކް ނުވަތަ ބޭރު އެހެންތަނެއްގައި ފިނޭންސް މިނިސްޓަރާ ވަކިން ބައްދަލުކުރަން،" މިހާރު އާއްމުވެފައިވާ މެއިލްގައި ވަހީދު ވިދާޅުވެފައި އޮތެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ނެތިފައި ދަރަނި އެހާ ބޮޑުކޮށް އޮއްވައި އެހާ ގިނަ ފައިސާ ޖަމާކުރަން އެއްވެސް މީހަކު ބޭނުންވާންވީ ކީއްވެތޯ ވެސް އެ މެއިލްގައި ވަހީދު އެޕްސްޓީންއާ ސުވާލުކުރައްވާފައި އޮތެވެ.
އީމެއިލް މުއާމަލާތުން އެނގޭ ގޮތުގައި ހަތަރު ބިލިއަން ޑޮލަރުގެ އެ ޕްރޮޕޯސަލް އަކީ ސްކޭމެއްކަން އެޕްސްޓީން ވަގުތުން ދެނެގަނެ އެވެ، އޭގައި ކުރިއަށް ދާ ނަމަ ސްކޭމަރުން ދެން ކަންތައް ކުރާނެ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
"އެއީ ސްކޭމެއް. އެމީހުން ތިޔަ ބޭފުޅުން ގާތު ދެން ބުނާނެ ވާހަކަ އަކީ އެ މީހުން ބޭނުންވަނީ ހަމަ އެކަނި އެކައުންޓަކާއި ވެހިކަލެއް [އިންވެސްޓްކުރާނެ ވަސީލަތެއް] ހަމަޖައްސަން ކަމަށް. އެއީ އެކަން ކުރުމުގައި ރިސްކެއް ނެތް ކަމެއް ކަމަށް،" އެ މައްސަލައިގައި ދިން އިރުޝާދުގައި އެޕްސްޓީން ބުނެފައި އޮތެވެ.
މި ފައިސާ ގެނައުމަށް ބޭނުންކުރާނެ ވަސީލަތެއްގެ ގޮތުގައި، އެ މެއިލްތަކުގައި ބުނެފައިވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏެއް އުފެއްދުމެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ ކަންތައް ހަމަަޖައްސަން އެޕްސްޓީން ދިން އިރުޝާދުގައި ބުނީ އެ ޕްރޮޕޯސަލްއާ ބެހޭ ތަފްސީލު ދޭން ފިނޭންސް މިނިސްޓަރަށް އެންގެވުމަށެވެ.
"ޝުކުރިއްޔާ. ތިޔައީ އަހަރެން ސަލާމަތްކުރާ މީހާ، ހަމަ ސީދާ ތިޔަ ބުނި ގޮތަށް ކަންތައް ކުރާނަން،" އެޕްސްޓީންގެ އިރުޝާދަށް ޖަވާބު ދެއްވަން ފޮނުއްވި މެއިލްގައި ވަހީދު ވިދާޅުވައި އޮތެވެ.
އާއްމުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އެހީތެރިކަން ދޭނެ މޮޅު މީހުން ހޯދައިދޭން ވެސް އެޕްސްޓީން އެހީތެރިވި އެވެ، އެގޮތުން ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމުކުރުވަން ސްވިޑެންގެ ޑިޕްލޮމޭޓަކު ގެންނަން އެޕްސްޓީން ހުށަހެޅި އެވެ،
އެގޮތުން ހުށަހެޅި މާހިރަކީ އޭނާގެ އެކުވެރިއެއް ކަން ވެސް އެޕްސްޓީންގެ މެއިލް އިން އެނގެ އެވެ.
އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ.
އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.
އޭގެ ފަހުން ވަނީ، އެޕްސްޓީންގެ ޖަރީމާތަކަށް އެހީވި ކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ހައްޔަރުކޮށް އަދި ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލައިފަ އެވެ.