16 ނޮވެމްބަރ 2025 - 06:03

ސައޫދީގެ ވެރިކަމުގެ ބާރުތަކާ ހަވާލުވެ ވަޑައިގެން ހުންނެވި ވަލީއަހުދު މުހައްމަދު ބިން ސަލްމާން މި ހަފްތާގައި އެމެރިކާއަށް ވަޑައިގެން ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަން ހަމަޖެހިފައި ވާއިރު ސައޫދީން އިޒްރޭލާ ގުޅުން ގާއިމުކުރުމަށް ޓްރަމްޕު އެދިވަޑައިގަންނަވާނެ ކަމަށް މަސްރަހު ދިރާސާކުރާ މީހުން ބުނެފި އެވެ.
އެމެރިކާއަށް ވަޑައިނުގަންނަވާތާ ހަތް އަހަރު ފަހުން މުހައްމަދު ކުރައްވާ މި ދަތުރުގައި އެމެރިކާގެ ކިބައިން އެދިވަޑައިގަންނަވާނީ ސަލާމަތީ ގޮތުން ސައޫދީއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގި ގަތުލްއާންމާއި މިހާރު ވެސް އަމަލުކުރަމުންދާ ލާއިންސާނީ ގޮތުގެ ސަބަބުން މިއީ އިޒްރޭލާ އެކު ސައޫދީން ގުޅުން ބަދަހިކުރުމަށް އެއްބަސްވާނެ ވަގުތެއް ކަމަކަށް ތަޖުރިބާކާރުން ނުދެ އެވެ. އަނެއްކޮޅުން މިދިޔަ ސެޕްޓެމްބަރު މަހު ގަތަރަށް އިޒްރޭލުން ދިން ހަމަލާއަށް ފަހު ސައޫދީން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ދޭ އިސްކަން ވަނީ ކުރިއަށްވުރެ ބޮޑުކޮށްފަ އެވެ.
"ސައޫދީން މި ދަތުރުގައި ތިން ކަމެއް ހާސިލްކުރަން މަސައްކަތްކޮށްފާނެ. ގުޅުން ފުޅާކުރުމާއި ވަރުގަދަކުރުން އަދި ސަލާމަތީ އަދި ދިފާއީ ކަންކަމަށް މަގު ފަހިކުރުވުން،" އެމެރިކާގެ ތިންކް ޓޭންކެއް ކަމަށްވާ އަރަބް ގަލްފް ސްޓޭޓްސް އިންސްޓިޓިއުޓްގެ އަޒީޒް އަލްގާޝިއަން ލިޔުއްވާފައިވެ އެވެ.
އުމުރުން 40 އަހަރުގެ ވަލީއަހުދު އެމެރިކާއަށް މި ވަޑައިގަންނަވަނީ 2018 ވަނަ އަހަރު ސައޫދީގެ ކޮލަމިސްޓެއް ކަމަށްވާ ޖަމާލް ޚާޝުގްޖީ، ސައޫދީގެ އެެޖެންޓުންގެ އޮޕަރޭޝަނެއްގައި ތުރުކީގައި މަރާލި މައްސަލައިގައި ކުރެވުނު ތުހުމަތަށް ފަހު ފުރަތަމަ ފަހަރަށެވެ. އެ މައްސަލައިގައި ދުނިޔެއިން ސައޫދީއަށް އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާ އެކު އެމެރިކާ އާއި ސައޫދީގެ ގުޅުމަށް ވެސް ކުޑަ ދުވަސްކޮޅަކަށް ބުރޫއެރި އެވެ.
ތެޔޮ އެންމެގިނައިން އެކްސްޕޯޓްކުރާ ގައުމު ކަމަށްވާ ސައޫދީއަށް ޓްރަމްޕް ޒިޔާރަތް ކުރެއްވުމުން 600 ބިލިއަން ޑޮލަރު އެމެރިކާގައި އިވެސްޓްކުރާނެ ކަމަށް ސައޫދީން ވީ ވައުދާ އެކު ދެ ގައުމުގެ ގުޅުން އިތުރަށް ވަނީ ބަދަހިވެފަ އެވެ.
ސައޫދީ ވަލީއަހުދުގެ ދަތުރުތައް ކުރިން އިއުލާނުކުރުމަކީ އާންމުކޮށް ކުރާ ކަމެއް ނޫނަސް މި ދަތުރާ ބެހޭ މައުލޫމާތު ވަނީ ހާމަކޮށްފަ އެވެ. ސައޫދީ ސަރުކާރުގެ އިސް އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ މިއީ ތިން ދުވަހުގެ ދަތުރެއް ކަމަށާއި ހޯމަ ދުވަހު އެމެރިކާއަށް ވަޑައިގަތުމަށް ފަހު ޓްރަމްޕާ ބައްދަލުކުރައްވާނީ އަންގާރަ ދުވަހު ކަމަށެވެ.
މި ދަތުރުގައި އެމެރިކާ-ސައޫދީ އިންވެސްޓްމަންޓް ފޯރަމް ވޮޝިންޓަންގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އެމެރިކާ އާއި ސައޫދީން ދިޔައީ ސަލާމަތީ ގޮތުންނާއި ހަކަތައިގެ ދާއިރާއިން ޔަގީންކަން ދިނުމުގެ ބަދަލުގައި އިޒްރޭލާ އެކު އާދައިގެ ގުޅުމަކަށް ރުޖޫއަވުމާ ބެހޭ ގޮތުން މަޝްވަރާކުރަމުންނެވެ.
ޣައްޒާއަށް އިޒްރޭލުން ހަމަލާތައް ދޭން ފެށުމާ އެކު ސައޫދީން ވަނީ އެމެރިކާއާ އެކު މި މަޝްރާތައް ހުއްޓާލައިފަ އެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމު ނުކުރެވެނީސް އިޒްރޭލު ބަލައިނުގަންނާނެ ކަމަށް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ.