15 ނޮވެމްބަރ 2025 - 20:25

އދ. ގެ މަންދޫގައި މި ސަރުކާރުން އަޅައިދިން ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށުގެ ޒުވާނުން އެދިފައިވާތީ، އެ މަނިކުފާނު މިއަދު އެ ރަށަށް ވަޑައިގެން ފުޓްސަލް ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.

އެ ރަސްމިއްޔާތަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބައެއް ވެރިން ވެސް އެ ރަށަށް ވަޑައިގަތެވެ.
މަންދޫގެ ފުޓްސަލް ދަނޑަކީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިދިޔަ އޮކްޓޫބަރު 8 ގައި އެ ރަށަށް ވަޑައިގަތުމުން އެ ރަށުގެ ޒުވާނުން، މި މަހުގެ ނިޔަލަށް ފުޓްސަލް ދަނޑެއް އަޅައިދޭން ރައީސް އަރިހުގައި އެދުމާ އެކު ފެށި ޕްރޮޖެކްޓެކެވެ.
މި ދަނޑު ހަދައި، ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރީ އެމްޓީސީސީއާ ހަވާލު ކޮށްގެންނެވެ.
މަންދު އަށް މިދިޔަ މަހު ރައީސް މުއިއްޒު ވަޑައިގަތުމުން އެ ރަށުގެ ޒުވާނުން އެދުނީ ފުޓްސަލް ދަނޑު ހުޅުވާ ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގަތުމަށާއި ފުޓްސަލް މެޗެއްގައި ކުޅުއްވުމަށެވެ. އަދި އެ ދަނޑު ރަސްމީކޮށް ހުޅުވުމުގެ ޝަރަފު ވެސް ދޭން ބޭނުންވަނީ ރައީސަށް ކަމަށް މަންދޫގެ ޒުވާނުން އޭރު ބުންޏެވެ.
އޭގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވެފައި އޮތީ ވަގުތު ލިބިވަޑައިގެންފި ނަމަ މަންދޫގެ ފުޓުސަލް ދަނޑު ހުޅުވުމުގެ ގޮތުން ބާއްވާ ފުޓުސަލް މެޗުގައި ކުޅުއްވަން ބޭނުންފުޅުވާ ކަމަށެވެ. އެ މަނިކުފާނުގެ ތާވަލުން ޖާގައެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އޮތީ މަންދޫގެ ޒުވާނުންނަށް ދެއްވައިފަ އެވެ.
ދަނޑު ހުޅުވުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި ރަހުމަތްތެރިކަމުގެ ފުޓްސަލް މެޗުގައި ރައީސް މުއިއްޒާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މަންދޫގެ ރައްޔިތުންގެ ޓީމަކާ ވާދަކޮށް، 6-2 އިން މި މެޗު ކާމިޔާބުކުރީ ރައީސްގެ ޓީމެވެ.