15 ނޮވެމްބަރ 2025 - 19:33

އެންސްޕާގެ ބައެއް ހިދުމަތްތަކާއެކު، ސަރުކާރުގެ ޑިޖިޓަލް ޕްލެޓްފޯމް، "ވަންގަވް" އަށް ބަދަލުވެއްޖެ އެވެ.

ވަންގަވް ބަލަހައްޓާ، މޯލްޑިވްސް އިނޮވޭޝަން އެންޑް ޑިޖިޓަލް ކޮމްޕެނީ (މައިންޑްކޯ) ގައި ބޭއްވި ރަސްމިއްޔާތުގައި، ވެލްފެއާ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ މި ވަގުތު ވަންގަވް އިން އެންސްޕާގެ ފަސް ހިދުމަތެއް ލިބޭނެ ކަމަށެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، ފަސޭހައިން ހިދުމަތްތައް ލިބޭނެ ގޮތަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

- ފަގީރު ހާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ މީހުންނަށް ދޭ މާލީ އެހީ
- ފަގީރު ހާލަތުގައި ދިރިއުޅޭ މީހުން، ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ މާލީ އެހީ
- ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީ
ހީނާ ވިދާޅުވީ އެ ފަސް ހިދުމަތަށް ވަންގަވް އަދި މިހާރު ވެސް އެދޭ ގޮތަށް ސީދާ އެންސްޕާއަށް ފޯމު ހުށަހެޅޭނެ ކަމަށެވެ. ނަމަވެސް، މީހުން ހޭލުންތެރިކުރުމުގެ ހަރަކާތްތަކަށް ފަހު އެ ފަސް ހިދުމަތް ވަންގަވް އަށް އެއްކޮށް ބަދަލުކުރަން ނިންމާފައިވަނީ އަންނަ ޖެނުއަރީން ފެށިގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ވަންގަވް ޕްލެޓްފޯމަށް ބަދަލުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޯލްޑިވްސް 2.0 ގެ ދަށުން ދެފުށް ފެންނަ ގޮތެއްގައި ހިދުމަތްތައް ދެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު ހިދުމަތްތައް ބަދަލުވުމުގެ ނަތީޖާއެއްގެ ގޮތުން ކަރުދާސް ބޭނުންކުރާ މިންވަރު މަދުކުރެވި، ހަރުދަނާގޮތެއްގައި ހިދުމަތްތައް ދެވޭނެ ކަމަށެވެ.
އެ އިދާރާއިން ހިދުމަތް ދެނީ ވަރަށް ނާޒުކު ހާލަތުގައި ތިބި ބަޔަކަށް ކަމަށާއި އަދި އެ މީހުންނަށް ހިދުމަތް ދިނުމަށް އެންސްޕާގެ މުވައްޒަފުން ރެއާއި ދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރާ ކަން އޭނާ ފާހަގަކުރެއްވި އެވެ. ނަމަވެސް، މިހާތަނަށް ހިދުމަތްތައް ދެމުން ދިޔައީ މެނުއަލްކޮށް ކަމަށް ވާތީ އެކަމުގައި ބޮޑު ގޮންޖެހުމެއް ދިމާވާކަން އޭނާ ހާމަކުރެއްވި އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވިއިރު އެ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔަގޮތުން ކަންބޮޑުވުން އޮތް ކަމަށް ހީނާ ވިދާޅުވި އެވެ.
އެހެންވެ، އެ މަސައްކަތަށް ލުއެއް ހޯދައިދޭން ކޮށްދޭ އެއް ކަމަކީ ހިދުމަތްތައް ޑިޖިޓަލްކުރުން ކަމަށާއި އޭރުން ދެފުށް ފެންނަ ގޮތެއްގައި، ފަސޭހައިން ހިދުމަތް ދެވޭނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މައިންޑްކޯގެ މެނޭޖިން ޑިރެކްޓަރު ސައީދާ އުމަރު ވިދާޅުވީ އެ ޕްލެޓްފޯމުން މި ވަގުތު ހިދުމަތްދޭ ބޮޑުބަޔަކީ ވިޔަފާރިއާ ގުޅުން ހުރި ކަންކަން ކަމަށެވެ. އެކަމަކު، އެންސްޕާ ފަދަ އާއްމުންނާ ސީދާ ގުޅުން ހުރި ކަމެއް ޕްލެޓްފޯމްގައި ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދާ ވިދާޅުވީ ޑިޖިޓަލައިޒޭޝަންގެ ނަތީޖާއަކީ ރައްޔިތުންނަށް ފޮނި މީރުކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް، މިހާރު އެންމެ ބޮޑަށް ދިމާވާ އެއް މައްސަލައަކީ، އޭނާ ވިދާޅުވި ގޮތުގައި، ޕްލެޓްފޯމަށް ހިދުމަތްތަށް ބަދަލުކުރުމަށްފަހު ފަސޭހައިން ހިދުމަތްތައް ފޯރުކޮށްދިނުމުގެ ވިސްނުން ގެނައުމަށް ދަތިވުމެވެ.
އިދާރާތަކުގެ މަސައްކަތު ވައްޓަފާޅި ބަދަލުކުރުމަކީ ފާހަގަވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ އިދާރާތައް ޑިޖިޓަލް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު އަމާޒަކީ 2027 ގެ ނިޔަލަށް ސަރުކާރުގެ ހުރިހާ ތަނެއް ޑިޖިޓަލައިޒްކުރުން ކަމަށް ސައީދާ ވިދާޅުވި އެވެ.
ވަންގަވް އަށް މި އަހަރު އިތުރު ހަ އިދާރާއެއްގެ ހިދުމަތްތައް ބަދަލުވާނެ އެވެ. އޭރުން ޖުމްލަ 50 އިދާރާއަކަށް ވަންގަވް އިން ހިދުމަތް ދެވޭނެ އެވެ. އަދި އެ ތަނުން 360 އެއްހާ ހިދުމަތްތައް ލިބޭ ކަމަށާއި އަދި އެއަށްވުރެ ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވި އެވެ.