16 ނޮވެމްބަރ 2025 - 06:04

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ދެއްކެވި ވާހަކަތަކެއްގެ ވީޑިއޯ، އޭގެ މާނަ އޮޅޭ ގޮތަށް އެޑިޓްކޮށް ދެއްކި މައްސަލައިގައި ބީބީސީން މާފަށް އެދިފައި ވިޔަސް ފަސް ބިލިއަން ޑޮލަރާ ހަމަޔަށް ބަދަލު ހޯދަން ދައުވާކުރައްވާނެ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ބީބީސީން ވީޑިއޯ މައްސަލައިގައި މާފަށް އެދުމަށް ފަހު ވަނީ ޓްރަމްޕު ޑިމާންޑްކުރައްވާ ބަދަލު ނުދޭނެ ކަމަށް ބުނެފަ އެވެ.
ބީބީސީގެ ޕްރޮގްރާމެއްގައި ދެއްކި އެ ވީޑިއޯގެ މައްސަލަ ބޮޑުވެ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ގުޅުމަށް އަސަރުކުރާ ހިސާބަށް ގޮސްފައި ވަނިކޮށް ބީބީސީގެ އިސް ވެރިންތަކެއް ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ. އެކަމަކު ޓްރަމްޕު ހުންނެވީ މި މައްސަލައިގައި ދޫ ދެއްވާ ގޮތަކަށް ނޫނެވެ.
"އަޅުގަނޑުމެން ބީބީސީއާ ދެކޮޅަށް ބިލިއަނަކާއި ފަސް ބިލިއަނާ ދެމެދުގެ އަދަދެއްގެ ބަދަލެއް ހޯދަން ދައުވާކުރާނަން. ފަހަރެއްގައި އަންނަ ހަފްތާގެ ތެރޭގައި ދައުވާ ހުށަހެޅޭވަރު ވާނެ. އަޅުގަނޑަށް ހީވަނީ މިއީ ކުރަންޖެހޭ ކަމެއްހެން. އެ މީހުން ވަނީ 'އޮޅުވާލި' ކަމަށް އެއްބަސް ވެސް ވެފައި،" އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕު ވިދާޅުވި އެވެ.
ޓްރަމްޕު ކުރިން ވިދާޅުވެފައިވަނީ ބިލިއަން ޑޮލަރު ހޯދަން ދައުވާކުރައްވާނެ ކަމަށެވެ. މިއީ މުޅި ބީބީސީގެ އަހަރު ދުވަހުގެ އާމްދަނީގެ 13 ޕަސެންޓާ އެއްވަރުގެ އަދަދެކެވެ. ބީބީސީގެ މައިގަނޑު ފަންޑަކީ އިނގިރޭސި ވިލާތުގެ އާންމުން ދައްކާ ލައިސަންސް ފީ އެވެ.
މައްސަލަ ޖެހިގެން އުޅެނީ ޓްރަމްޕަށް 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުުމުން ހަމަނުޖެހުންތަކަށް ހިތްވަރުދީ ވާހަކަ ދެއްކެވި ކަމަށް ބުނެ ބީބީސީން ޖެނުއަރީ 6، 2021 ގައި ދެއްކި ޓްރަމްޕުގެ ތަގުރީރަކާ ހެދި އެވެ. ޓްރަމްޕުގެ ވާހަކަތައް އޮޅޭ ގޮތަށް އެޑިޓްކޮށްފައިވާ މައްސަލަ ހާމަވެ އަމާޒުވި ފާޑުކިޔުންތަކާ އެކު އިއްޔެ ވަނީ ޗީފް އެގްޒެކެޓިވް ޓިމް ޑޭވީގެ އިތުރުން ހެޑް އޮފް ނިއުސް ޑެބޯރާ ޓާނެސް ވެސް އިސްތިއުފާ ދެއްވައިފަ އެވެ.
ޓްރަމްޕުގެ ވާހަކަތަކުން އެކި ތަނުން އެކި ތަންކޮޅު ނަގައި މާނަ އޮޅޭ ގޮތަށް ހިމަނައިގެން ޑޮކިއުމެންޓްރީއެއްގައި ދެއްކީ މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބަށް ހަފްތާއަކަށް ވެފައި ވަނިކޮށް ބީބީސީގެ މަޝްހޫރު ޕެނޮރާމާ ޕްރޮގްރާމްގަ އެވެ.
ވީޑިއޯ އެޑިޓްކޮށްފައިވާ ގޮތުން، ކެޕިޓޮލް އިމާރާތަށް އެންމެން އެކުގައި ދިއުމަށާއި ޓްރަމްޕު ވެސް އެ މީހުންނާ އެކު ވަޑައިގަންނަވާނެ ކަމަށާއި ކުރިމަތިލުމަކަށް ވެސް ދާންޖެހޭނެ ކަމަށް ޓްރަމްޕު ވިދާޅުވާ ކަމަށް ދޭހަވެ އެވެ. ނުރުހުން ފާޅުކޮށް ކެޕިޓޮލްއަށް ވަންނާނީ ސުލްހަވެރިކަމާ އެކު ކަމަށް ޓްރަމްޕު ވިދާޅުވާ ބައި ވަނީ އުނިކޮށްފަ އެވެ. -- އޭއެފްޕީ