ބަޖެޓު ނެތިގެން 54 މަގާމަށް މީހުން ނުނެގޭ: ސީއެސްސީ
ބަޖެޓު ނެތިގެން 54 މަގާމަށް މީހުން ނުނެގޭ: ސީއެސްސީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ އޮނިގަނޑުގައި 136 މަގާމު އޮތް ނަމަވެސް، ބަޖެޓް ނުލިބޭތީ އެ އިދާރާ ހިންގަން ޖެހެނީ 54 މަގާމަށް މީހުން މަދުން ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ ކޮމިޝަނުން ބުނީ، މިވަގުތު އެ އިދާރާގައި މަސައްކަތް ކުރަނީ 86 މުވައްޒަފުން ކަމަށާއި ސަރުކާރުގެ އެހެން މިނިވަން މުއައްސަސާތަކާ އަޅާ ބަލާ އިރު އެ އިދާރާއަށް ލިބިފައިވަނީ ވަރަށް ކުޑަ ބަޖެޓެއް ކަމަށެވެ.

ސީއެސްސީ އިން ބުނީ އަންނަ އަހަރު އެ ކޮމިޝަނަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާ ކުރުމަށް އެންމެ މަދުވެގެން 8.8 މިލިއަން ރުފިޔާ އިތުރަށް ބޭނުންވާ ކަމަށެވެ.

އެ ކޮމިޝަނުގެ ބަޖެޓް ސީލިންގްއެއްގެ ގޮތުގައި 32.7 މިލިއަން ރުފިޔާ ކަމަށާއި ހުށަހެޅި އިރު 31.2 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. ބަޖެޓުގެ 85 ޕަސެންޓް ހޭދަވަނީ މުވައްޒަފުންގެ މުސާރައަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"އެހެންވީމަ ގާތްގަނޑަކަށް ކޮމިޝަންގެ ކޮންމެހެން ކުރަން ޖެހޭ ހަރަދު. ލިބެން ކަނޑައަޅަފައިވާ ބަޖެޓުގެ 96 ޕަސެންޓް މި ހޭދަވަނީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކަށް. ގާނޫނީ ގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމަށް އަޅުގަނޑުމެންނަށް ލިބެނީ ހަތަރު ޕަސެންޓް،" ސީއެސްސީގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 1.7 މިލިއަން ރުފިޔާ ގާނޫނީ ޒިންމާ އަދާކުރަން އޮތް އިރު ތަމްރީނުތަކަށް ހަތަރު ލައްކަ ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ.