15 ނޮވެމްބަރ 2025 - 15:58

އަންނަ އަހަރު ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަ އެއް ފަހަރާ ބޮޑު ކުރުމުގެ ބަދަލުގައި، އެކަން ކުރަން ވާނީ އެކިފަހަރު މަތިން ބަހާލައިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ،

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، އަންނަ އަހަރު އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން ކަމަށެވެ. އެކަމަށްޓަކައި ސަރުކާރަށް ދޭ ލަފައަކީ މުސާރަ ބޮޑުކުރުމުގެ ކަންކަން ބަހާލައިގެން ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ކުރީއްސުރެ ޕޭ ހާމަނައިޒޭޝަންގެ ތެރެއިން މަސައްކަތްތައް ކުރެވިގެން މި އަންނަނީ މިއަންނަ އަހަރު އެ މަސައްކަތް ނިންމުމަށްޓަކައި. އެހެން ނަމަވެސް، ބަޖެޓުގައި އެހާ ބޮޑު އިންސައްތައެއް، ގާތްގަނޑަކަށް ތިން ވަރަކަށް ބިލިއަން އިތުރު ވެގެންދާއިރު އަޅުގަނޑުމެންގެ އެންމެ މުހިންމު ލަފައަކަށް ދީފައި އިންނާނީ އެ ބަހާލައިގެން ކުރިއަށް ގެންދިއުން. އެއްފަހަރާ ހުރިހާ މުސާރައެއް ބޮޑުކުރެވިގެން ދިއުމުން އޭގެ ޕްރެޝަރު އައުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ އެ ބަދަލާއެކު، ފޮރިން އެކްސްޗޭންޖް މާކެޓުގައި މިހާރު އޮތް ޕްރެޝަރަށް އިތުރު ޕްރެޝަރެއް އައިސްދާނެ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދިނުމަށް، ކަންކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިވަގުތު ބޭރު ފައިސާ ލިބެނީ ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ތެރެއިން ލިބޭ ޑޮލަރާއި ޓެކްހާއި އެ ނޫން އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރުން ކަމަށާއި މިދިޔަ އަހަރުތަކުގައި ވެސް ރާއްޖެއިން ބޭރުން ލޯނު ހޯދުމަށް ދަތިތައް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ސަބަބުތަކާ ހެދި އެމްއެމްއޭއިން ބޭނުންވާ މިންވަރަށް ބޭރު ފައިސާގެ ކަންކަން ހަމައަކަށް އަޅުވަން އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބޭރު ފައިސާގެ ކަންކަން ރަނގަޅު ކުރެވޭނީ ރިޒާވް އިތުރުކުރެވިގެން ކަމަށާއި އަދި އެއީ އަންނަ އަހަރު ކުރިމަތިވާނެ ރިސްކެއް ކަމަށް ވެސް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ އޯޕަން މާކެޓް އޮޕަރޭޝަން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށާއި މޮނިޓަރީ ސިޔާސަތުގެ ތެރެއިން އެ ޕްރެޝަރުތައް ކުޑަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އެމްއެމްއޭ އިން ދިން ލަފާގައި ބުނެފައިވަނީ އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައި އޮތުމުން އެންމެ ބޮޑަށް އިތުރުވާނީ މުވައްޒަފުންގެ މުސާރައިގެ ހޭދަ ކަމަށެވެ. އަދި މުސާރައާ ހެދި ރިކަރަންޓް ހަރަދު އިތުރުވާތީ، ބަޖެޓް ފައިނޭންސިން ހޯދަންޖެހޭ މިންވަރު އިތުރުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އަންނަ އަހަރު މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށްޓަކައި ބަޖެޓްގައި 1.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރުމަށް ހިމަނާފައިވާ އަދަދެކެވެ.
އަންނަ އަހަރުގެ ބަޖެޓުގެ 30 ޕަސެންޓް ހޭދަކުރަނީ މުވައްޒަފުންގެ މުސާރައަށެވެ. އެއީ 17.1 ބިލިއަން ރުފިޔާ އެވެ. އަދި އަންނަ އަހަރު ދައުލަތުގެ މުވައްޒަފުންގެ އަދަދު 54،000 އަށް އިތުރު ވާއިރު އެއީ މިއަހަރަށް ވުރެ 7،000 މުވައްޒަފުން އިތުރު އަދަދެކެވެ.
"މުސާރަ އެއްފަހަރާ ބޮޑުކޮށްފި ކަމުގައިވާނަމަ މިހާރު އަންދާޒާ ކުރާ ވަރަށް ވުރެ އިތުރަށް އިންފްލޭޝަން އިތުރުވުމާއި ބާޒާރުގައި ބޭރު ފައިސާ އިތުރުވެ، ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރާ ނޭދެވޭ އަސަރު އިތުރުވުން އެކަށީގެންވޭ،" އެ ކޮމެޓީގައި އެމްއެމްއޭގެ ރިސާޗް އެގްޒެކެޓިވް މަރިޔަމް ރަޝްފާ ވިދާޅުވި އެވެ.
އެމްއެމްއޭ އިން ވަނީ ރިކަރަންޓް ހަރަދަށް ކުރާ ހޭދަ ކުޑަކުރުމުގެ ގޮތުން، އާމްދަނީއަށް ބަލައިގެން ޓާގެޓް ސަބްސިޑީތަކަށް ބަދަލު ކުރަން ލަފާ ދީފަ އެވެ. އަދި އާސަންދަ އާއި މެޑިކަލް ވެލްފެއާ ރިފޯމް ކުރަން ވެސް ލަފާ ދީފައިވެ އެވެ. އެއީ ވޭތުވެދިޔަ ފަސް އަހަރު ވެސް ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭއިން ދީފައިވާ ލަފާތަކެވެ.
އެމްއެމްއޭ އިން ބުނީ އެފަދަ ރިފޯމްތައް ވީހާ ވެސް އަވަސް ކުރަންޖެހޭ ކަމަށެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެފިޝަންސީ ރަނގަޅު ނުކޮށްފިނަމަ، އެފަދަ ކަންކަމަށް ސަބްސިޑީގެ ތެރެއިން ކުރާ ހޭދަ އިތުރުވާނެ ކަމަށާއި އަދި ވޭތުވެދިޔަ އަހަރުތަކުގައި ވެސް އެ ހަރަދުތައް ކުޑަކުރުމަށް ބޮޑު ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށް އެމްއެމްއޭގެ ލަފާގައިވެ އެވެ.
އެމްއެމްއޭއިން ބުނީ ދައުލަތަށް ލިބޭ އާމްދަނީގެ 99 ޕަސެންޓް ރިކަރަންޓް ހަރަދަށް ހޭދަ ކުރާއިރު، ކެޕިޓަލް ހަރަދުތައް ކުރަން ޖެހޭނީ އިތުރަށް ލޯނު ނަގައިގެން ކަމަށްވާތީ، އަންނަ އަހަރު ބައެއް މަޝްރޫއުތައް ހިންގުމުގައި ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށެވެ.