15 ނޮވެމްބަރ 2025 - 14:28

ކޯޓު މަރުހަލާތަކާ ހެދި ދައުލަތަށް ނުލިބި ތާށިވެފައި ހުރި ބިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދު ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ ޓެކްސް އެޕީލް ޓްރައިބިއުނަލް މަރުހަލާއިން ފެށިގެން ސުޕްރީމް ކޯޓާ ހަމައަށް ޓެކުހާ ގުޅޭ އެންމެ މައްސަލައެއް ނިމެން ގާތްގަނޑަކަށް 10 ވަރަކަށް އަހަރު ނަގާ ކަމަށެވެ. އެހެންވެ، އެއީ ޓެކްސް ފައިސާ ހޯދަން އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މުއްދަތުގައި ލިބެންޖެހޭ ފައިސާ ހުންނަނީ ބްލޮކްވެފައިވާ ކަމަށް ޒަރީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ވެސް ޓެކްސްގެ 200އެއްހާ މައްސަލަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ގެންގުޅޭއިރު، އެ މަސައްކަތް ކުރަނީ ފަސް ވަރަކަށް ވަކީލުން ކަމަށެވެ. އަދި ކުރިން މައްސަލަތަކުގައި ކޯޓުތަކަށް އެކްސްޕާޓުންނަށް ދެވުނަސް، މިހާރު އެ ފުރުސަތު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަނގަޅު ލޯޔަރުން ރީޓެއިން ކުރެވޭކަށް ނޯވޭ. އެއީ މީރާގައި މަސައްކަތް ކުރަންޏާ އެހެން އެއްވެސް ލީގަލް މަސައްކަތެއް ނުކުރެވޭ. ޓްރައިބިއުނަލް ލެވެލްގައި ދުނިޔޭގެ އެހެން ގައުމުތަކުގައި، އީޔޫގައި ވެސް ޓެކްސްގެ ކޭސްއެއް ހޭންޑްލް ނުކުރެވޭނެ ޓެކްސޭޝަންއިން މާސްޓާސް ހަދާފައި ނެތިއްޔާ،" އޭނާ ވިދާޅުވި އެވެ.
ޒަރީރު ވިދާޅުވީ އެހެން ގައުމުތަކުގައި ޓެކްސްގެ މައްސަލަތައް ބަލާ ފަނޑިޔާރުންނަކީ ޓެކްސް ލޯއިން ވަކި ހާއްސަ ކޮލިފިކޭޝަނެއް އޮތުން ލާޒިމްވާ ބަޔަކަށް ވިޔަސް، ރާއްޖޭގައި އެފަދަ އުސޫލެއް ނެތުމުން ހުކުމް ކުރުމުގައި ބައެއް ގޯސްތައް ހަދާތަން ފެންނަ ކަމަށެވެ.
"ޓެކްސްގެ ދެލިގަނޑަށް ބަލައިގެން ހުކުމްތައް އަންނާތީ، މީރާގެ މުޅި ޕްރޮސެސް ދަނީ. ޓެކްސްއަކީ ވެސް ވަކި ޕްރޮފެޝަނެއް. ފަނޑިޔާރުން ވެސް އަދި ޓްރައިބިއުނަލްގައި މައްސަލަތައް ހޭންޑްލްކުރާ ފަރާތްތަކަށް ވެސް އެބަޖެހޭ ޓެކްސް އެނގެން މައްސަލަ ނިންމާއިރު،" އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ވަންނަ އާމްދަނީގެ 85 ޕަސެންޓް ބަލައިގަންނަނީ މީރާއިންނެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މީރާއަށް ނުލިބި 13 ބިލިއަން ރުފިޔާ ހުރިއިރު، އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ނުލިބި ހުރީ ރިސޯޓް ކުލީގެ ގޮތުގަ އެވެ. އެއީ ފަސް ބިލިއަން ރުފިޔާ އެވެ.