15 ނޮވެމްބަރ 2025 - 14:33

ޓެކްސް ނިޒާމުގެ އިތުބާރު ދެމެހެއްޓުމަކީ ޓެކްސް ނެގުމާ ގުޅޭ ދާއިރާގެ ހުރިހާ ޕްރޮފެޝަނަލުން ވެސް ހިއްސާވެ، ޒިންމާވާން ޖެހޭ ކަމެއް ކަމަށާއި އެހެންވެ އެ ދާއިރާގެ އިތުބާރު ދަމަހައްޓަން ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު މިއަދު އެދިވަޑައިގެންފި އެވެ.

އިންސްޓްޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް، (ސީއޭ މޯލްޑިވްސް) އާއި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގުޅިގެން މިއަދު ކުރިއަށް ގެންދާ ޓެކްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ޒަރީރު ވިދާޅުވީ، މުޅި ދުނިޔޭގައި ޓެކުހާ ގުޅޭ ގޮތުން ކުރާ މަސަައްކަތުގެ އަމާޒަކީ އެ ދާއިރާ އިން ބައިނަލްއަގުވާމީ އެއްބާރުލުން އިތުރު ކުރުން ކަމަށެވެ.

އޯގަނައިޒޭޝަން އޮފް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯއީސީޑީ) އިން ހިންގާ ބެޕްސް ޕްރޮޖެކްޓްގައި އެޑްރެސް ކުރަނީ ޓެކްސް އެވޮއިޑެންސް އަށެވެ. އެއީ "ޓެކްސް އެވޮއިޑެންސް" އަށް ސަރުކާރުތަކުން ދޭ ލުއިތަކާއި އިނާޔަތްތައް ބޭނުންކުރުމާއި އެ ނޫން ވެސް ގޮތް ގޮތުން، ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުކުރުމެވެ.
ޒަރީރު ވިދާޅުވި ގޮތުގައި ޓެކްސްގެ ނިޒާމަށް މިހާރު އޮތް އެއް ގޮންޖެހުމަކީ ޑިޖިޓަލް އިކޮނޮމީ އިން ޓެކްސް ނެގުމެވެ.
"މި މައްސަލަތަކަކީ ރާއްޖެ ފަަދަ ކުދިކުދި އިގުތިސާދުތަކާ ވަރަށް ބޮޑަށް ގުޅޭ މައްސަލަތައް. މިއަދު މި ތަަނަށް ވަޑައިގެންނެވި ޓެކްސް ޕްރޮފެޝަނަލުންނަށާއި ޓެކްސް އޭޖެންޓުނަށާއި ޓެކްސް ލޯޔަރުންނަށް އަޅުގަނޑު ހަނދާން ކޮށްދޭން ބޭނުންވަނީ އަޅުގަނޑުމެން އެންމެންގެ ޒިންމާއަކީ ޓެކްސް ނިޒާމުގެ އިންޓަގްރިޓީ އާއި އިންސާފުވެރިކަން ދެމެހެއްޓުން ކަން،" ޓެކްސް ކޮމިޝަނަރު ވިދާޅުވި އެވެ.
ޓެކްސް އަށް މަކަރު ހަދައި، ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ މަދުކުރަން އެހީތެރިވާ ސްކީމުތަކަށް އެހީތެރިވުމަކީ ހަމަ އެކަނި އިތުބާރު ގެއްލޭނެ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ސީއޭ މޯލްޑިވްސް އާއި މީރާ ގުޅިގެން މިއަދު ފެށި ޓެކްސް ފޯރަމަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފޯރަމެވެ. މީރުމާ ހޯލްގައި ކުރިއަށް ގެންދާ އެ ފޯރަމްގައި 150 ފަރާތަކުން ބައިވެރިވި އެވެ.
ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ހަލުވިކަމާ އެކު، ކުރިއަށް ގެންދާ ދުވަސްވަރެއްގައި ބާއްވާ އެ ފޯރަމްގެ ޝިއާރަކީ "ޝޭޕިން އަ ސްމާޓާ ޓެކްސް ފިއުޗާ ޓުގެދާ" އެވެ.
ޓެކްސް އެކައުންޓިން އަދި އޮޑިޓް ދާއިރާ އަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އެ ފޯރަމްގައި ޓެކުހާ ގުޅޭ ސިޔާސަތުތައް އެކުލަވައިލާ ދިވެހި ބޭފުޅުންނާއި ބައިނަލް އަގުވާމީ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާނެ އެވެ.
ސީއޭ މޯލްޑިވްސް އިން ބުނި ގޮތުގައި ފޯރަމްގެ ތެރެއިން، ،ޓެކްސްއާ ގުޅޭ ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި، ޓެކްސް ސިޔާސަތުތައްް އެކުލަވާލާ ފަރާތްތަކާއި ޓެކްސް ޕްރޮފެޝަނަލުން އެއް މޭޒެއްގައި ތިބެ ވަރަށް ގިނަ މަޝްވަރާތައްް ކުރާނެ އެވެ.