މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް، މުވައްޒަފުން ހަރެއް ނުލާ
މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް، މުވައްޒަފުން ހަރެއް ނުލާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި 50 މީހުން ބޭނުންކުރަން ހުރީ އެންމެ ފާހާނާއެއް ކަމަށާއި އަދި މުވައްޒަފުން ވަކިވާ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާ ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް، މުވައްޒަފުން ހަރެއް ނުލާ
މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް، މުވައްޒަފުން ހަރެއް ނުލާ

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޒަރީރު ވިދާޅުވީ އަންނަ އަހަރަށް މީރާއަށް ކަނޑައަޅާފައިވާ ބަޖެޓާ މެދު މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށާއި އެކަމަކު އެ އިދާރާގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ބޭނުންވާ ކަމަށެވެ.

މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް، މުވައްޒަފުން ހަރެއް ނުލާ
މީރާގެ ޝަކުވާ: އެންމެ ފާހާނާއެއް 50 މީހުންނަށް، މުވައްޒަފުން ހަރެއް ނުލާ

އޭނާ ވިދާޅުވީ މީރާ އެންމެ ފުރަތަމަ އުފެދިގެން އައީ އޭރުގެ އެހެން އިދާރާތަކާ އަޅާ ބަލާއިރު ރަނގަޅު މުސާރައާއެކު ކަމަށާއި އެކަމަކު މިހާރު މީރާގައި ކުރަންޖެހޭ މަސައްކަތްތަކާ އަޅާ ބަލާއިރު ރަނގަޅު މުސާރައެއް ނުލިބޭ ކަމަށެވެ.

މިދިޔަ އަހަރު މީރާގައި ޓާންއޯވާ 17 ޕަސެންޓުގައި ހުރިއިރު އެ އަދަދު މިއަހަރު 21 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ދިމާވީ މީރާގެ ޓެކްނިކަލް މުވައްޒަފުންނަށް އެހެން ތަންތަނުން މާ ރަނގަޅު މުސާރަ އާއި ވަޒީފާގެ ފުރުސަތު ލިބޭތީ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ އެ އިދާރާގެ މަސައްކަތުގެ މާހައުލު ވެސް ހުރީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ. އެގޮތުން ބައެއް އޮފީސް އިމާރާތްތަކުގައި 50 މުވައްޒަފުން އެންމެ ފާހަނާއެއް ވެސް ބޭނުން ކުރަންޖެހޭ ކަމަށް ޒަރީރު ވިދާޅުވި އެވެ.

"އޭގެ ތެރޭގައި 50 މުވައްޒަފުންނަށް އެއް ފާހަނަ ބޭނުން ކުރަންޖެހޭ ތަންތަން ވެސް އެބަހުރި. އެއީ މަސައްކަތުގެ އެންވަޔަރްމެންޓް، މަސައްކަތް ކުރަންޖެހޭ ތަނުގެ ގޮތުން ވެސް ވަރަށް ބޮޑު ޗެލެންޖްތަކެއް. ވަރަށް ކުދި ޖާގަތަކެއްގައި ވަރަށް ކޮންޖެސްޓްކޮށް މަސައްކަތް ކުރަން ޖެހެނީ،" އޭނާ ވިދާޅުވި އެވެ.

އެ އިދާރާއަށް ގާތްގަނޑަކަށް 370 މުވައްޒަފުން ބޭނުން ވާއިރު އަދި އެޕްރޫވް ވަޒީފާތަކުގެ ގޮތުގައި 337 މަގާމު އޮތްއިރު އެ އިދާރާގައި މިހާރު މަސައްކަތް ކުރަނީ 290 އެއްހާ މުވައްޒަފުންނެވެ. އަދި ހުސްވެފައިވާ މަގާމުތަކަށް ހުޅުވާލިޔަސް، އެ ވަޒީފާތަކަށް މާބޮޑު ޝައުގުވެރިކަމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީރާގެ އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވަނީ މުވައްޒަފުން ރީޓެއިން ކުރުން [ހިފެހެއްޓުން]. މީގައި ދިމާވާ މައްސަލައަކީ މީރާ ފަށައިގަތީ ދައުލަތުގެ އެހެން މުއައްސަސާތަކާ ތަފާތުކޮށް ތަފާތު ޕޭ ސްކޭލެއްގައި. އެހެން ނަމަވެސް މިދިޔަ 15 އަހަރު އެބައި ދަށްވަމުން ގޮސް މީރާގެ ކަންކަމުގައި މާބޮޑު ބަދަލުތަކެއް އައިސްފައި ނެތީމަ މިހާރު މީރާގެ މަސައްކަތުގެ ގަޑި އާއި ރެސްޓްރިކްޝަންތައް ލާފައި މާ ބޮޑު އެޓްރެކްޓިން ތަނަކަށް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އެހެންވެ، މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، މަސައްކަތުގެ މާހައުލު މިހާރަށް ވުރެ ރަނގަޅު ކުރުމަށް ހަރަދުތައް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މުވައްޒަފުންގެ ކަންކަން ރަނގަޅު ނުކުރާނަމަ، އެ އިދާރާގެ ޕާފޯމަންސް އެންމެ ރަނގަޅަށް ކުރިއަށް ގެންދަން ދަތިވާނެ ކަމަށެވެ.

އަންނަ އަހަރަށް މީރާއަށް ކަނޑައަޅާފައިވަނީ 117 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.