15 ނޮވެމްބަރ 2025 - 12:05

ސަރުކާރުގެ އެކި މަޝްރޫއުތައް ހިންގި އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނުދީ ހުރި ފައިސާ ދޫކުރަން މި މަހުގެ ކުރީކޮޅު ފެށި ފަހުން މިހާތަނަށް 444 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ނުދީ ހުރި ފައިސާ ކުރިއަށް އޮތް ފަސް ހަފުތާ ތެރޭގައި ދީ ނިންމާނެ ކަމަށް ރައީސް ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ ކުރީކޮޅު އެވެ.
މާލޭގެ އާޓިފިޝަލް ބީޗްގައި ޕީއެންސީން ރޭ ބޭއްވި ބޮޑު ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އެ މުއްދަތު މި މަހުގެ ހަ ވަނަ ދުވަހު ހަމަވިއިރު، ފައިސާ ދޫކުރުން އޭރުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.
"ފަސް ހަފުތާ ވީ ތަނާ ފެށީ ބިލުތައް ދައްކަން. ފެށި ގޮތަށް މިއަދާ ހަމައަށް އައިއިރުގައި މިއަދުގެ މި ގަޑިއާ ހަމައަށް އައި އިރުގައި ތަފާތު 1،040 ފަރާތަކަށް ކުރީގައި ކޮށްފައި ހުރި މަސައްކަތަށް ފައިސާ ދެވިއްޖެ. 1،040 ފަރާތަކަށް ފައިސާ ދީފިން. ޖުމްލަ 444.3 މިލިއަން ރުފިޔާގެ ޕެންޑިން ބިލްސް އަށް އަޅުގަނޑުމެން ފައިސާ ދައްކައިދީފިން މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ނުދީ ހުރި ފައިސާ ދިނުން ކޮންމެ ދުވަހަކު ވެސް ކުރިއަށް ގެންދާނެ ކަމަށާއި އެގޮތަށް ގޮސް ހުރިހާ ފައިސާއެއް ދީ ނިންމާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން ކުރީގެ ސަރުކާރަށް ރައީސް މުއިއްޒު ރޭ ވެސް ފާޑުވިދާޅުވި އެވެ. އެއީ އަމިއްލަ ކުންފުނިތައް ހިންގާ މީހުންނަށް ކުރީގެ ސަރުކާރުން ދީފައި އޮތް ދެރައެއް ކަަމަށް އެ މަނިކުފާނު ސިފަ ކުރެއްވި އެވެ.
"މިދިޔަ ސަރުކާރުން އެކި މަސައްކަތް ކުރުވާފައި، އޮޅުވާލާފައި އެކި ފަރާތްތަކަށް ދެރަ ދީފައި ހުރި ބިލުތައް އެއީ،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ފައިސާ ޗާޕްކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތަށް ވެސް އެ މަނިކުފާނު ރޭ ރައްދު ދެއްވި އެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން އެކި ފަރާތްތަކަށް ދޭން ހުރި ފައިސާ ދެމުން އަންނަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި އެކަން މި ސަރުކާރުން ނުކުރާނެ ކަމަށެވެ.
"ފައިސާ ޗާޕެއް ނުކުރާނަން. އަޅުގަނޑުމެން ބޭނުމެއް ނޫން ފައިސާ ޗާޕް ކުރާކަށެއް،" ރަައީސް ވިދާޅުވި އެވެ.
މި އަހަރުގެ ކުރީކޮޅު ގއ. އަތޮޅާއި ގދ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ގދ. ހޯޑެއްދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވާ ގޮތުގައި ދިވެހި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ 500 މިލިއަން ރުފިޔާ އޭރު އޮތެވެ. އެ ފައިސާ ހަފުތާގެ ތެރޭގައި ދައްކާނެ ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭގައި ރައީސް ވިދާޅުވެފައިވަނީ ސަރުކާރަށް 51 ހަފްތާ ވިއިރު ސަރުކާރުން އަމިއްލަ ކުންފުނިތަކަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށެވެ.