15 ނޮވެމްބަރ 2025 - 10:12

އިސްލާމީ ނަޒަރުން ބަލާއިރު ދެމަފިރިން އެކަކު އަނެކަކަށް އަދާކޮށްދޭން ޖެހޭ ހައްގުތަކުގެ ތެރޭގައި ދެ ފަރާތުން އެއްވަރަށް ބައިވެރިވާ ހައްގު ތަކެއް ވެއެވެ. މި ހައްގުތަކުގެ ތެރެއިން ބައެއް ކަންކަމަށް ކުރީގެ ލިޔުމެއްގައި ވާނީ ބަލައިލާފަ އެވެ.
މި ލިޔުމުގައި ބަލައިލާނީ އިސްލާމީ އަދަބުތަކަށް ރައްކާތެރިވުމުގައި ދެމަފިރިން އެކަކު އަނެކަކަށް ބާރު އެޅުމާއި ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ ނަފުސަށް އިލްތިޒާމުވާން ޖެހޭ އަދަބުތަކުގެ މައްޗަށެވެ.
ﷲ އަށް އީމާންވެ ތަގުވާވެރިވެ ﷲ އަށް އަޅުވެތިވުމުގެ ގޮތުން ނަމާދު ކުރުމަށް ތިމާގެ އަހުލުންނަށް އަމުރު ކުރުމަށާއި އެކަމުގައި ދިމާވާ ދަތިތަކަށް ކެތް ކުރަން ކީރިތި ރަސޫލާ ﷺ އަށް އަންގަވާފައި ވެއެވެ (ޠާހާ 132). އަދި އިސްމާޢީލުގެފާނަކީ އެކަލޭގެފާނުގެ އަހުލުންނަށް ނަމާދަށާއި ޒަކާތަށް އަމުރު ކުރައްވާ ބޭކަލެއްކަން ބަޔާން ކުރައްވާފައި ވެއެވެ (މަރްޔަމް 55). ހަމައެއާ އެކު، ތިމާގެ އަމިއްލަ ނަފުސާއި ތިމާގެ އަހުލުން ނަރަކައިން ސަލާމަތް ކުރަން ﷲ އަންގަވާފައި ވެ އެވެ (އައްތަޙުރީމު 6).
މި އާޔަތްތަކުން އެނގެނީ ތިމާގެ އަމިއްލަ ނަފުސާއި ތިމާގެ އަނބިދަރިން ތަގުވާވެރިކަން މަތީ ތިބެ ﷲ އަށް އަޅުވެތިވާން މަސައްކަތް ކުރަން ލާޒިމު ކަމެވެ. ތަގުވާވެރިކަން ފުރިހަމަ ވާނީ ތިމާގެ އަމަލުތައް ﷲ ބައްލަވައި ވޮޑިގެންވާނެކަން ދަނެ ސިއްރާއި ފާޅުގައި އެކަލާނގެ އަށް ބިރުވެތިވުންމަތީ ދެމިތިބެގެންނެވެ. އަދި ﷲ ގެ ހައްގުތައް އަދާކުރުމަށް އެކަކު އަނެކަކަށް ހިތްވަރު ދީގެންނެވެ. މީގެ އިތުރުން ކޮންމެ މީހަކު ވެސް އަނެކަކަށް ނަމޫނާ އަކަށް ވެގެންނެވެ.
ކީރިތި ރަސޫލާ ﷺ ގެ ހަދީސުން އެނގޭ ގޮތުގައި ފިރިމީހާ ދަންވަރު ތެދުވެ ދަމު ނަމާދުކޮށް، އޭނާގެ އަނބިމީހާ އަށް ގޮވައި (ނުތެދުވެއްޖެ ނަމަ) މޫނުގައި ފެން އުނގުޅައިގެން ވެސް ހޭލައްވައިފި ނަމަ އެ މީހަކަށް ﷲ ރަހުމަތް ލައްވަ އެވެ. ހަމަ އެފަދައިން އަނބިމީހާ ވެސް މިގޮތަށް ފިރިމީހާއާ މެދު ކަންކޮށްފި ނަމަ އޭނާ އަށް ވެސް ﷲ ރަހުމަތް ލައްވަ އެވެ (އަބޫދާއޫދާއި ނަސާއީ).
އީމާންކަމާއި ތަގުވާ އާއި އަޅުވެރިކަމަށް ދެމީހުން ފަރުވާތެރިވުމާ އެކު، އެކަކު އަނެކަކަށް މި ކަންކަމަށް ބާރުއަޅާ ފަދައިން ރިވެތި އަހުލާގުގެ މަތީ ދެމީހުން ތިބުމަށާއި މިކަމުގައި ވެސް އެކަކު އަނެކަކަށް ހިތްވަރުދީ، ބާރުއަޅަން ޖެހެ އެވެ.
ކީރިތި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ހެޔޮ ކަމަކީ އަހުލާގު ރިވެތިވުން ކަމަށެވެ. އަދި ފާފަ އަކީ ތިމާގެ ނަފުސުގައި އެކަމަކާ މެދު ޖެހިލުންވެ، ޝައްކު އުފެދި އެހެން މީހުން އެކަން ތިމާގެ ކިބައި ފެނުމަށް ތިމާ ނޭދޭ ކަންކަން ކަމުގަ އެވެ (އަހުމަދާއި މުސްލިމާއި އައްދާރަމީ). އަނަސްގެފާނު ވިދާޅުވާ ގޮތުގައި ކީރިތި ރަސޫލާ ﷺ އަކީ އެންމެ ރިވެތި ޚުލްގުގެ ވެރި ބޭކަލެވެ. މިގޮތުން އެކަލޭގެފާނަށް ކީރިތި ރަސޫލާގެ ކިބައިން ފެނިވަޑައިގެންފައިވާ ރިވެތި ސިފަތައް ބަޔާން ކުރެއްވި އެވެ (ބުޚާރީ އާއި މުސްލިމް). މީހެއްގެ އަހުލާގު ރިވެތި ވުމަކީ އެ މީހަކަށް ސުވަރުގޭގެ އެންމެ މަތިން ގަނޑުވަރެއް ލިބޭނެ ކަމެކެވެ (އަބޫދާއޫދު). އަދި މީހާގެ އީމާންކަން ފުރިހަމަ ވަނީ ވެސް އަހުލާގު ފުރިހަމަ ވީމަ އެވެ. މީގެ އިތުރުން މީހަކު ހެޔޮ މީހަކަށް ވަނީ އެ މީހެއްގެ އަނބިމީހާ އަށް އެންމެ ހެޔޮކޮށް ހިތީމަ އެވެ (އައްތިރުމިޛީ)
ދިރިއުޅުމުގެ ހަޔާތާއި އާހިރަތު ކާމިޔާބު ކުރުމަށްޓަކައި ދެނެގަތުން ލާޒިމުވާ ކަންކަން ކޮންމެ މީހަކު ވެސް ދަސްކުރަން ޖެހެ އެވެ. ޒަވާޖީ ހަޔާތުގައި ކޮންމެ މީހަކު ވެސް އެ މީހަކަށް އެނގޭ މިންވަރަކުން އަނެކާ އަށް ދަސްކޮށްދިނުމަކީ އަދާކޮށްދޭން ޖެހޭ ހައްގެކެވެ. ނުވަތަ އެންމެ ކުޑަމިނުން މިކަމަށް އެކަކު އަނެކަކަށް މަގުފަހި ކޮށްދޭން ޖެހޭނެ އެވެ. މިކަން ހިމެނިގެންދަނީ ހެޔޮ ކަންތައްތަކުގައި އެކަކު އަނެކަކަށް ވާގިވެރި ވުމުގެ ތެރެއިންނެވެ.
މިއީ ﷲ އެކަމަށް އަމުރު ކުރައްވާފައިވާ ކަމެކެވެ. އަދި އާއިލާއެއްގައި އަބަދުވެސް ދެމިއޮންނަން ޖެހޭ ސިފަތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ހިމެނޭ ހިނދު އެކަކު އަނެކަކަށް ކަންކަން ދަސްކޮށްދިނުމަކީ ލޯތްބާއި އޯގާތެރި ކަމުގެ ވަރަށް މުހިންމު ރަމްޒެކެވެ. ހަމައެއާ އެކު، ދެމަފިރިންނަކީ އެކަކު އަނެކަކަށް ފުރިހަމަކޮށްދޭން ޖެހޭ ދެމީހުން ކަމަށް ވާނީ ވެސް މިކަންވެސް ފުރިހަމަކޮށްދީގެންނެވެ.
އުޅޭ ތަނާއި ހަށިގަނޑާއި ލައި އުޅޭ ހެދުން ސާފުތާހިރުކޮށް ބެހެއްޓުމަކީ ކޮންމެ މީހަކަށް ވެސް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދާނެ ކަމެކެވެ. އަދި އެއީ ﷲ ގެ ލޯބި ލިބިގެންދާ ކަމެކެވެ (އަލްބަޤަރާ 122).ސާފުތާހިރު ކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ (އަޙުމަދާއި މުސްލިމް).
އާއިޝަތުގެފާނު ވިދާޅުވާ ގޮތުގައި ހުކުރު ދުވަހު މީސްތަކުން ގެއިންނާއި ދުރު ތަންތަނުން ނުކުމެ އަންނަ އިރު ދާހިއްލައި ގައިގައި ހިރަފުސް އުގުޅޭ ގޮތް ވާތީ ހުކުރު ދުވަހު ސާފުތާހިރުވެ، ސުންނަތް ހިނައިގަންނަން އިރުޝާދު ދެއްވި އެވެ (ބުޚާރީ). އަދި ﷲ އަކީ ރަނގަޅު ކަންކަމާއި ސާފުތާހިރުކަމާއި ދީލަތި ކަމަށް ލޯބި ކުރައްވާ އަދި އެ ސިފަތައް ލިބިވޮޑގެންވާ ރަސްކަލާނގެ ކަމަށް ވާތީ ތިމާ އުޅޭ ގޭތެރެ ވެސް ސާފު ކުރަން ކީރިތި ރަސޫލާ ﷺ އަމުރު ކުރައްވަ އެވެ. އަދި މިކަމުގައި ޔަހޫދީންނާ އެއްފަދަ ނުވާން އަންގަވަ އެވެ (ތިރުމިޛީ – ނިކަމެތި ހަދީސެއް).
ވީމާ މިކަމަކީ ދެމަފިރިން ވެސް މިކަމަށް ސަމާލުވެ އެކަކު އަނެކަކަށް މިކަމަށް ނަސޭހަތް ދިނުން މުހިންމު ކަމެކެވެ.
ހަށިގަނޑާއި އުޅޭ ތަނާއި ފޭރާމުގެ ސާފުތާހިރު ކަމުގެ އިތުރުން އެތެރެފުށުގެ ސާފުކަމަށް ވެސް ވަރަށް ބޮޑު އިނާޔަތެއް ދޭން ޖެހެ އެވެ. ކީރިތި ޤުރުއާނާއި ސުންނަތުން އެނގޭ ގޮތުގައި ރަސޫލާގެ މުހިންމަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ކަމަކީ ނަފުސުތައް ތަހުޒީބު (ތަޒުކިޔާ) ކޮށްދިނުމެވެ. އެބަހީ ނަފުސުތައް ތާހިރު ކުރުމެވެ. ނަފުސުގައިވާ ހުރިހާ ނުބައި ސިފަތައް ފޮހެލައި އޭގެ ބަދަލުގައި އެންމެހާ ރިވެތި ސިފަތަކުން ނަފުސަށް ޒީނަތްތެރިކަން ގެނައުމެވެ.
މިގޮތުން އަތާއި ދުލުގެ ނުބައިކަމުން އެހެން މީހުން ސަލާމަތް ކޮށްދޭން ޖެހޭނެ އެވެ. މިއީ ދެމަފިރިންނަށް ވެސް ލާޒިމުވާނެ ކަންކަމެވެ. އަދި ކޮންމެ މީހަކު ވެސް އަނެކަކަށް މިކަންކަމަށް ހިތްވަރު ދޭން ވާނެ އެވެ.
ދީނީގޮތުންނާއި ގާނޫނީ ގޮތުން އޮންނަ އެކި ނިޒާމުތަކަށް ތަބާވުމަކީ ވެސް މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް ގާނޫނުތަކާއި ގަވައިދުތަކަށް ދެމީހުން ވެސް ތަބާވާން ދަސްކުރަން ޖެހެ އެވެ. އެހެނީ ﷲ އަށް ކިޔަމަންވެ، ރަސޫލާ އަށް ކިޔަމަންވާން އޮންނަ އަމުރާ ވިދިގެން ވެރިންނަށް ކިޔަމަން ވާން އަމުރު އައިސްފައި ވުމެވެ.
ދެމަފިރިންނަކީ ވެސް މިކަމަށް ސަމާލުވާ އަދި އެކަކު އަނެކަކަށް މިކަމަށް ހިތްވަރުދޭ ބަޔަކަށް ވާން ޖެހެ އެވެ.
ދިރިއުޅުމުގައި ބޭނުންކުރާ ކޮންމެ އެއްޗަކީ ވެސް ހަލާލު އަދި ހަލާލު ގޮތުގައި ހޯދާފައިވާ އެއްޗެއް ކަމުގައި ހަދަން ޖެހެ އެވެ. އެހެނީ ބާތިލު ގޮތުގައި މުދާ ނުކެއުމަށް ﷲ އަންގަވަ އެވެ (އަލްބަޤަރާ 188). އަދި ރަސޫލާ ﷺ ހަދީސް ކުރައްވަނީ ﷲ އަކީ ހުރިހާ ރަނގަޅު ކަމެއްގެ ވެރި ރަސްކަލާނގެ ކަމަށާއި ރަނގަޅު ހަލާލު އެއްޗެއް މެނުވީ އެކަލާނގެ ގަބޫލު ނުކުރައްވާނެ ކަމަށެވެ. އަދި މީހަކު އޭނާގެ ކެއުމާއި ބުއިމާއި އަންނައުނު ހަރާމް ކަމުގައިވާ ނަމަ ދަތުރެއް ކޮށް ބޯ ހާވާލައި ހިރަފުހާ އެކުގައި (ހައްޖަށް) އައިސް މައްޗަށް އަތްއުފުލާ ދުއާ ކުރިޔަސް އޭނާގެ ދުއާ އިޖާބަ ކުރައްވާނެ ގޮތެއް ނޯންނާނެ ކަމަށެވެ (މުސްލިމް).
ހަލާލު ކަމަށް ސަމާލުކަން ދޭ ފަދައިން އިސްރާފު ނުކުރުމަށާއި ބޮޑާނުވުމަށާއި ކަން ދެއްކުމުން ސަލާމަތްވާން ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. ބޭރުފުށަށް ވުރެ އެތެރެފުށަށް ބޮޑަށް އިސްކަންދޭން ޖެހޭނެ އެވެ. މުއުމިނުންގެ ސިފަޔަކީ ހޭދައެއް ކޮށްފި ނަމަ އިސްރާފު ނުކޮށް މުށްބާރު ނުކޮށް އެ ދެމެދުގައި ހުރުމެވެ (އަލްފުރްޤާން 67). އިސްރާފު ކުރުމަކީ ﷲ ލޯބިވެ ވޮޑިނުގަންނަވާ ކަމެކެވެ (އަލްއަޢުރާފު 31). އަދި އެއީ ޝައިތާނާގެ އަހެއް ކަމުގައި މީހާ ވާނެ ކަމެކެވެ (އަލްއިސްރާއު 27).
ވީމާ މި ފާހަގަކުރި ކަންކަމާއި އެ ނޫން ވެސް ކަންކަމުގެ ތެރެއިން ދެމަފިރިން އިސްލާމީ އަދަބުތަކަށް ރައްކާތރިވާން ޖެހޭނެ އެވެ. މީގެ އިތުރުން އެ ދެމީހުން އެކަކު އަނެކަކަށް މިކަމަށް ބާރުއަޅައި ހިތްވަރުދީ ހަދަން ޖެހޭނެ އެވެ.