15 ނޮވެމްބަރ 2025 - 05:59

ކަޝްމީރުގެ އިންޑިއާ ސަރަހައްދުގައި އަތުލައިގަތް ގޮވާތަކެތީގެ ބާވަތްތަކެއް ޕޮލިސް ސްޓޭޝަނެއްގައި ބަހައްޓާފައި ހުއްޓާ ގޮވައި ހަތް މީހަކު މަރުވެއްޖެ އެވެ.
އެންޑީޓީވީން އެކި ފަރާތްތަކާ ހަވާލާދީ ބުނީ ހުކުރު ދުވަހުގެ ރޭ ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ގޮވާތަކެތީގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރަމުން ދިޔަ ފުލުހުންނާއި ފޮރެންސިކް ތަހުގީގު ޓީމުގެ މީހުން ކަމަށެވެ.
ހާދިސާގައި ޒަހަމްވި މީހުންގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށާއި އެހެންވެ މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ވެސް ބުންޏެވެ.
ފުލުހުންގެ އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވެފައިވާ ގޮތުގައި ނައުގަމް ޕޮލިސް ސްޓޭޝަންގައި ހިނގި ހާދިސާއަށް ފަހު މުޅި ތަނުގައި ރޯވެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި މި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ރެޑް ފޯޓް ސަރަހައްދުގައި ހޯމަ ދުވަހުގެ ރޭ ކާރެއް ގޮއްވާލައިގެން ވަރުގަދަ ހަމަލާއެއް ދިނުމާ އެކު ބޮޑު ތަހުގީގެއް ކުރިއަށް ދަނިކޮށެވެ. އަށް މީހަކު މަރުވި އެ ހަމަލާގައި ތުހުމަތުކުރެވެނީ ކޮން ބަޔަކަށް ކަމެއް އިންޑިއާއިން ރަސްމީކޮށް އަދި ނުބުނި ކަމުގައި ވިޔަސް އިންޑިއާގެ މީޑިއާއިން ބުނާ ގޮތުގައި ތުހުމަތު އޮތީ ކަޝްމީރުގައި ހަރަކާތްތެރިވާ ޖަމާއަތަކަށެވެ. އަދި މި ދުވަސްވަރު ކަޝްމީރުގައި ގެންދަނީ ޓެރަރިޒަމާ ދެކޮޅު ބޮޑެތި އޮޕަރޭޝަންތައް ހިންގަމުންނެވެ.
ރެޑް ފޯޓް ސަރަހައްދުގައި ހަމަލާ ދިނީ ވެސް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ގޮވާތަކެތި ހޯދައި ބަޔަކު ހައްޔަރުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. އެ ދުވަހު ހައްޔަރުކުރީ މެޑިކަލް ޑޮކްޓަރުންތަކެކެވެ. އަދި ގޮއްވާލި ކާރުގައި ވެސް އިނީ އެ މީހުންނާ އެކު މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށް އިންޑިއާގެ މީޑިއާ އިން ބުނެ އެވެ. ނަމަވެސް ފެނުނު ގޮވާތަކެއްޗާ ރެޑް ފޯޓްގައި ދިން ހަމަލާއާ ގުޅުން އޮތްކަން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.