ހިތުގެ 3،900 ސާޖަރީއަކަށް ފަންޑު ހޯދައި އިންޑިއާގެ ލަވަކިޔުންތެރިޔަކަށް ދުނިޔޭގެ ރެކޯޑެއް
ހިތުގެ 3،900 ސާޖަރީއަކަށް ފަންޑު ހޯދައި އިންޑިއާގެ ލަވަކިޔުންތެރިޔަކަށް ދުނިޔޭގެ ރެކޯޑެއް

ހިތުގެ 3،900 އަށް ވުރެ ގިނަ ސާޖަރީއަށް ފަންޑު ހޯދައި އިންޑިއާގެ ލަވަކިޔުންތެރިޔާ ޕަލަކް މުއްޗަލް ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ.

ޕަލަކް އަމިއްލަ ޗެރިޓީ ފަންޑް "ޕަލަކް ޕަލަޝް ޗެރިޓެބަލް ފައުންޑޭޝަން" މެދުވެރިކޮށް އޭނާ ވަނީ 3،947 ހިތުގެ ސާޖަރީއަކަށް ފަންޑު ހޯދައިފަ އެވެ. އެއީ އިންޑިއާގެ އެކި ހިސާބުތަކުގައި ޔަތީމު ހާލުގައި އުޅޭ ކުދިންގެ ހިތުގެ ސާޖަރީތަކަށެވެ.

ޕަލަކް ހިންދުސްތާން ޓައިމްސްއަށް ބުނީ އޭނާގެ އެ މަސައްކަތުގެ އަގުވަޒަންކޮށް "ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް" އިން އޭނާއަށް ދުނިޔޭގެ ރެކޯޑުގެ ޝަރަފު ދީފައިވާ ކަމަށާއި އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށެވެ.

ހިތުގެ ބަލިތައް ހުންނަ މީހުން ހިތްހަމަޖައްސައިދީ، އެމީހުންނަށް އެހީތެރިވުމަށް އުމުރުން އެންމެ ހަތް އަހަރުން ފެށިގެން މިއުޒިކް ކުޅެމުން އަންނަ ކަމަށް ވެސް ޕަލަކް ބުންޏެވެ.

"މިހާތަނަށް ކުރި މަސައްކަތުން 3،947 ކުއްޖަކު އަހަރެންގެ އެހީގައި އޮޕަރޭޝަން ކޮށްފި. މިހާރު ވެސް އިތުރު 416 ކުއްޖަކު އަހަރެންގެ ވެއިޓިން ލިސްޓުގައި އެބަތިބި. އެމީހުންނަށްޓަކާ ވަރަށް މަސައްކަތް އެބަ ކުރަން. އުއްމީދުކުރަނީ މިކަމުގައި ދެމިހުރެވޭނެ ކަމަށް،" ޕަލަކް ބުންޏެވެ.

ޕަލަކް ބުނީ އޭނާއަށް ވަގުތު ވާ ވަރަކުން ހޮސްޕިޓަލްތަކަށް ގޮސް އެ ކުދިން ހާލު ވެސް ބަލާ ކަމަށެވެ. އަދި ބައެއްގެ ކުދިންގެ ސާޖަރީތަކަށް ޑޮކްޓަރުންގެ ހުއްދައާ އެކު، އޮޕަރޭޝަން ތިއޭޓަރަށް ވަދެފައިވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

މިހާތަނަށް ކުރި ގިނަ އޮޕަރޭޝަންތައް ވަރަށް ކާމިޔާބު ކަމަށް ވެސް އޭނާ ބުންޏެވެ.

ޕަލަކް އާއި އޭނާގެ ކޮއްކަ ޕަލަޝް މުއްޗަލްއަކީ އިންޑިއާގެ ފަގީރު ކުދިންނަށް ސިއްހީ އެހީތެރިކަން ހޯދައިދިނުމަށް، އަދި ހާއްސަކޮށް ހިތުގެ ބަލިތައް ތަހައްމަލުކުރާ ކުދިންނަށް އެހީވުމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގައި ވެސް މިއުޒިކް ކުޅެގެން އާމްދަނީ ހޯދާ ދެ އާޓިސްޓުންނެވެ.