15 ނޮވެމްބަރ 2025 - 08:06

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނަތަކަށް ހޮވުނު މީހުންނާ އިނާމު ހަވާލުކޮށްފި އެވެ.
މި އަހަރުގެ ރޯޑް ރޭހުގެ ވަނަތަކަށް ހޮވުނު ދުވުންތެރިންނަށް ޖުމުލަ 256،000 ރުފިޔާގެ ފާއިސާގެ އިނާމު ދިނީ މިދިޔަ ބުރާސްފަތި ދުވަހު ދިރާގުން ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.
މިގޮތުން، 21.1 ކޭ ކެޓަގަރީގެ ޗެމްޕިއަނަށް 25,000ރ. ގެ ފައިސާގެ އިނާމު ދިން އިރު، ރަނަރަޕަށް ދިނީ 15,000ރ. އެވެ.
އަދި ސެކަންޑް ރަނަރަޕަށް 10,000ރ. ގެ އިނާމު ދިނެވެ. އޭގެ އިތުރުން 5ކޭ އާއި 10ކޭ އޯޕަން އަދި 5ކޭ ކޯޕަރޭޓް ކެޓަގަރީތަކުގެ ޗެމްޕިއަނުންނަށް 10,000ރ. ރަނަރަޕަށް 8,000ރ. އަދި ސެކަންޑް ރަނަރަޕަށް 6,000ރ. ގެ ފައިސާގެ އިނާމު ވެސް ހަވާލުކުރި އެވެ.
އެ ދުވުމުގެ 5ކޭ ސްކޫލް ކެޓެގަރީގެ ވަނަތައް ހާސިލްކުރި ދަރިވަރުންނާ ވަނީ ހާއްސަ ގިފްޓް ވައުޗަރު ވެސް ހަވާލުކޮށްފަ އެވެ. އެއީ ޗެމްޕިއަނުންނަށް 5,000ރ. ރަނަރަޕަށް 3,000ރ. އަދި ސެކަންޑް ރަނަރަޕަށް 1,000ރ. ގެ ވައުޗަރުތަކެވެ.
ދިރާގުން ވަނީ 21.1ކޭ އަދި 10ކޭ ކެޓަގަރީތަކުގައި އުމުރުން 45-50 އަހަރާ ދެމެދު، އުމުރުން 51-55 އަހަރާ ދެމެދު، އުމުރުން 56-60 އަހަރާ ދެމެދު އަދި 61-65 އަހަރާ ދެމެދުގެ އުމުރުފުރާތަކުން އެއްވަނަ، ދެވަނަ އަދި ތިވަނަ އަށް ހޮވުނު މީހުންގެ އަގުވަޒަންކޮށް ހާއްސަ ސެޓްފިކެޓެއް ހަވާލުކޮށްފަ އެވެ.
ރޯޑް ރޭހުން އެންޑޯސް ކުރި އަމިއްލަ ޖަމިއްޔާތަކަށް ވެސް ބުރާސްފަތި ދުވަހުގެ ހަފުލާގައި 678،800ރ. ހަދިޔާކުރި އެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެންޖީއޯއަކަށް 200،000ރ. ގެ ފައިސާގެ އިނާމު ދިރާގުން ވަނީ ހުށަހަޅައިފަ އެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ހާއްސަ ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 13 އެންޖީއޯއާ ހަވާލުކޮށްފަ އެވެ.
ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގު މޯލްޑިވްސް ރޯޑްރޭހަކީ ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ދުވުމުގެ އިތުރުން އެއީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ޝިއާރުގެ ދަށުން ހިންގާ އަދި އެ ކަމަށް މަސައްކަތްކުރާ އެތައް ޖަމިއްޔާއަކަށް މަންފާ ލިބޭ ބޮޑު އިޖުތިމާއީ ހަރަކާތެއް ކަމަށެވެ
"މި ދުވުން ރަމްޒު ކޮށްދެނީ މުޖުތަމައުގެ އެއްބައިވަންތަކަމާއި އެންމެންގެ ބައިވެރިވުން އަދި ދެމެހެއްޓެނިވި ވެއްޓެއް ކަށަވަރު ކުރުމަށް އަޅުގަޑުމެން ކުރަމުންދާ މަސައްކަތް. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ބައިވެރިން އަދި އެހީތެރިވެ ދެއްވި ފަރާތްތަކުން މިކަމަށް ދެއްވައި ތަރުހީބަށާއި އަދި މި އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކާމިޔާބު ރެކޯޑް ރޭހަކަށް ހެއްދެވުމަށް ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" އިނާމު ހަވާލުކުރުމުގެ ހަފުލާގައި އޭނާ ވިދާޅުވި އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގައި އިނާމު ލިބުނު މީހުން:
21.1ކޭ ފިރިހެން ކެޓަގަރީ:
- ޗެމްޕިއަން: ސަންތޯޝް ބިކްރަމް ބިސްޓް
- ރަނަރަޕް: އަޖިތް ކުމާރް ޔާދަވް
- ސެކަންޑް ރަނަރަޕް: ކިރަން ސިންގް ބޮގާޓީ ރާޖްވާރް
21.1ކޭ އަންހެން ކެޓަގަރީ:
- ޗެމްޕިއަން: ޕުލްމަތި ރަނާ
- ރަނަރަޕް: އައިޝަތު ޖިނާނީ އިބްރާހީމް
- ސެކަންޑް ރަނަރަޕް: ވެނެސާ ޑޯޒިއާ
10ކޭ ފިރިހެން ކެޓަގަރީ:
- ޗެމްޕިއަން: މުހައްމަދު އިރުފާން
- ރަނަރަޕް: އަބްދުالله ނާސިހު
- ސެކަންޑް ރަނަރަޕް: މުހައްމަދު ރަޝީދު
10ކޭ އަންހެން ކެޓަގަރީ:
- ޗެމްޕިއަން: ސުމިތްރާ ކުމާރީ ޗައުދަރީ
- ރަނަރަޕް: އައިޝަތު ބިންތު އަހްމަދު
- ސެކަންޑް ރަނަރަޕް: އަނާން އަހްމަދު ރަޝީދު
5ކޭ އޯޕަން ފިރިހެން ކެޓަގަރީ:
- ޗެމްޕިއަން: އަޖިތް ކުމާރް ޔާދަވް
- ރަނަރަޕް: ކިރަން ސިންގް ބޮގާޓީ ރާޖްވާރް
- ސެކަންޑް ރަނަރަޕް: ސަންތޯޝް ބިކްރަމް ބިސްޓް
5ކޭ އޯޕަން އަންހެން ކެޓަގަރީ:
- ޗެމްޕިއަން: ސުމިތްރާ ކުމާރީ ޗައުދަރީ
- ރަނަރަޕް: ޕުލްމަތީ ރަނާ
- ސެކަންޑް ރަނަރަޕް: އައިޝަތު ޖިނާނީ އިބްރާހީމް
5ކޭ ސްކޫލް 13 އަހަރުން މަތީގެ ފިރިހެން ކެޓަގަރީ:
- ޗެމްޕިއަން: އައިދް އަބްދުﷲ ރިފާއު
- ރަނަރަޕް: އިސްމާއިލް މުލްހާމް އާޒިމް
- ސެކަންޑް ރަނަރަޕް: އިޒްޔާން އިސްމާއިލް ދީދީ
5ކޭ ސްކޫލް 13 އަހަރުން މަތީގެ އަންހެން ކެޓަގަރީ:
- ޗެމްޕިއަން: ކްލާރާ ސަރޭނާ އާސިފް
- ރަނަރަޕް: ކިއާރާ އަފްރާހް ގާސިމް
- ސެކަންޑް ރަނަރަޕް: ލީމް އަހްމަދު ވިކާސް
5ކޭ ސްކޫލް 13 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީ:
- ޗެމްޕިއަން: މަސްރޫރް އަހްމަދު
- ރަނަރަޕް: ޔޫސުފް ހޫދު ހިޝާމް
- ސެކަންޑް ރަނަރަޕް: ޒެކް ޒެވިއެލް އަހުމަދު
5ކޭ ސްކޫލް 13 އަހަރުން ދަށުގެ އަންހެން ކެޓަގަރީ:
- ޗެމްޕިއަން: އައިރާ މުހައްމަދު އަރުޝަދު
- ރަނަރަޕް: އައިޝަތު ޒަނާ ޒިޔާއު
- ސެކަންޑް ރަނަރަޕް: އައިޝާ ސާރާ ވިސާމް
5ކޭ ކޯޕަރޭޓް ޗެމްޕިއަން ޓީމް:
- އެމްއެންޑީއެފް ޓީމް: މޫސާ ފަވާޒް މާލިކް، ސަހާއު އީސާ، އަބްދުالله ނާސިހު އަދި މުހައްމަދު ރަޝީދު
5ކޭ ކޯޕަރޭޓް ރަނައަޕް ޓީމް:
- އެމްއެންޑީއެފް ޓީމް 2: މުހައްމަދު ފަވާޒް، އަބްދުالله އިބްރާހިމް، ޝިފާޒް މުހައްމަދު އަދި އަހްމަދު ޖަވާދު
5ކޭ ކޯޕަރޭޓް ސެކަންޑް ރަނަރަޕް ޓީމް:
- އެމްއެންޑީއެފް – ދިވެހި ސިފައިންގެ ކްލަބް: އަލީ ޝަރީފް، ހާޒިމް ހުސައިން ޝަރީފް، އިބްރާހީމް އާނިމް އަހްމަދު އަދި މުހައްމަދު މުސްތަފާ
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމެވެ. މި އަހަރުގެ ދުވުމުގައި 4،500 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވިއިރު، އޭގެ ތެރޭގައި 44 ގައުމެއްގެ ދުވުންތެރިން ހިމެނެ އެވެ. އަދި އެ ދުވުމުގައި 28 ސްކޫލާއި 128 ކޯޕަރޭޓް ޓީމު ބައިވެރިވި އެވެ.
މި ދުވުން ބޭއްވުމަށް ބޭނުންކުރި ކަރަންޓުގެ މިންވަރު ގްރިޑް-ޓައިޑް ސޯލާ ސިސްޓަމް މެދުވެރިކޮށް 100 ޕަސެންޓު އޮފްސެޓު ކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ދިރާގުން މުހިންމު ލަނޑުދަނޑިއެއް ވެސް ވަނީ ހާސިލްކޮށްފަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސެޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.