15 ނޮވެމްބަރ 2025 - 06:29

ބޮލީވުޑްގެ ސެލެބްރިޓީ ކަޕުލް އަޖޭ ދޭވްގަން އާއި ކާޖޮލް އެ ދެމަފިރިންގެ ލޯބީގެ ހަޔާތާ ގުޅޭ ގޮތުން ތަފާތު ވާހަކަތަކެއް ދައްކައިފި އެވެ.
ކާޖޮލްގެ އަމިއްލަ ޓޯކް ޝޯ "ޓޫ މަޗް ވިތު ޓުވިންކަލް އެންޑް ކާޖޮލް"ގެ މިދިޔަ ބުދަ ދުވަހު ގެނެސްދިން އެޕިސޯޑުގައި ކުޅުނު ގޭމެއްގައި ކުރި ސުވާލަކަށް ދިން ޖަވާބުގައި ކާޖޮލް ބުނީ ކައިވެންޏަކީ "އެކްސްޕަޔަރީ ޑޭޓެއް" ނުވަތަ ވަކި މުއްދަތެއް އޮންނަން ޖެހޭ ގުޅުމެއް ކަމަށެވެ.
ކާޖޮލްއާ އެކު، އެ ޝޯ ހޮސްޓުކުރާ ބޮލީވުޑްގެ ތަރި ޓުވިންކަލް ކަންނާއި އެ އެޕިސޯޑުގެ މެހުމާނުން ކަމަށްވާ ވިކީ ކައުޝަލް އާއި ކްރިތީ ސެނޮން އެކަމަކު އެކަމަށް އެއްބަހެއް ނުވި އެވެ. އެ ހިޔާލާ އެމީހުން ދެކޮޅެވެ.
"އަހަރެން ގަބޫލުކުރަނީ އެގޮތަށް. ކޮން ގެރެންޓީއެއް އޮތީ ތި އިނދެވެނީ އެންމެ ރަނގަޅު މީހާއާ ކަމެއް؟ އަލުން ކައިވެންޏެއް ކުރުމުގެ އޮޕަޝަން އޮންނަން ޖެހޭ، އަދި ކައިވެންޏަށް ވަކި މުއްދަތެއް ކަނޑައަޅާފައި އޮތިއްޔާ މާ ގިނަ ދުވަހު އެ ހިތާމައިގައި އުޅެން ނުޖެހޭނެ،" ކާޖޮލް ބުންޏެވެ.
ކާޖޮލް އެގޮތަށް ވާހަކަދެއްކުމާ އެކު، ނޫސްތަކުގައި އެ ޚަބަރު ޖެހިތާ މާ ގިނައިރުތަކެއް ނުވެ، ހަމަ އެ ދުވަހު އަޖޭ އޭނާގެ އާ ފިލްމު "ދޭ ދޭ ޕިޔާރު ދޭ 2"ގެ ޕްރޮމޯޝަނަށް "ބުކް މައި ޝޯ"ގެ ޔޫޓިއުބް ޗެނަލަށް ދިން އިންޓަވިއުއެއްގައި ބުނީ ލޯބީގެ އެއްވެސް މާނައެއް މިހާރު ނޯންނަ ކަމަށެވެ.
"އަހަންނަށް ފެންނަ ގޮތުގައި، މީހުން މިހާރު ލޯތްބާ މެދުގައި ދެކެނީ މާ އާދައިގެ ކަމެއް ގޮތުގައި. 'ލޯބި' އެ ބަސް ވެސް ބޭނުންކުރަނީ އެއްވެސް އަގެއް އަދި މާނައެއް ނެތް އެއްޗެއްގެ ގޮތުގައި،" އަޖޭ ބުންޏެވެ.
"އަހަރެމެންގެ ޖެނެރޭޝަންގައި 'އައި ލަވް ޔޫ'އޭ ބުނުމަކީ ވެސް ވަރަށް ބޮޑު ކަމެއް. އެކަމަކު، މިހާރު މީހުންނަށް އެ ލަފުޒުގެ ފުން އިހުސާސް ނޭނގޭ."
އަޖޭ އާއި ކާޖޮލް މި ކަހަލަ ވާހަކަތަކެއް ދެއްކި އިރު، އެ ދެމަފިރިން ވަރިވާން އުޅޭ ކަމަށް ބުނާ އަޑުތަކެއް 2023 ވަނަ އަހަރު ވަރަށް ގަދަވި އެވެ. މި އަހަރުގެ މެދު ތެރޭގައި ވެސް ބައެއް މީޑިއާތަކުން އެ ކަހަލަ ވާހަކަތަކެއް ރިޕޯޓްކުރި ނަމަވެސް، އަޖޭ އާއި ކާޖޮލް ވެސް އެކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
އަޖޭ އާއި ކާޖޮލް ކައިވެނިކުރީ ފެބްރުއަރީ 24، 1999 ގަ އެވެ. އެ ކައިވެންޏަށް ދެ ކުދިން ތިބެ އެވެ.