14 ނޮވެމްބަރ 2025 - 23:51

އިޒްރޭލު ފިޔަވައި ހުރިހާ ގައުމަކާ އެކު، ރާއްޖެ އިން ގުޅުން ބާއްވާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވާހާ ހިނދަކު އިޒްރޭލާ އެކު ރާއްޖެ އިން މަރުހަބާ ނުކިޔާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި އެތައް ހާސް ބަޔަކާ އެކު، ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ، ރާއްޖޭގެ ރީތި ބީޗުތަކާއި މޫދުތައް ފަލަސްތީނުގެ ރައްޔިތުން މަރައި، އަނިޔާވެރިވާ ބަޔަކަށް މަރުހަބާ ނުކިޔާނެ ކަމަށެވެ. ހާއްސަކޮށް، ރާއްޖެ އިން އިޒްރޭލުގެ ޕާސްޕޯޓް މަނާކުރީ އެ ސަބަބުތަކަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ގިނަ ފިއްތުންތައް އައި ޕާސްޕޯޓު ބޭންކުރަން އުޅުނީމާ. ޓޫރިޒަމް ހަލާކުވާނެއޭ، އެހެން ކަންތައްތައް ވާނެއޭ. އަޅުގަނޑު ގަބޫލުކުރީ އެއީ އެކަން ވާނެ ގޮތެއް ނޫން ކަމަށް. އެއީ މިއީ ޑިމޮކްރަސީއޭ، ޑިމޮކްރަސީގައި ކަންކަން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. މި ސަރުކާރަކީ ރައްޔިތުންނާ އެކީގައި އޮތް ސަރުކާރެއް. މި ސަރުކާރުން އަޑުއަހާނީ ރައްޔިތުންގެ އަޑު. ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރަމުން ދާނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިޒްރޭލު ފިޔަވައި އެހެން ހުރިހާ ގައުމަކާ އެކު ގުޅުން ބަދަހިކޮށް، މި ސަރުކާރުން މަސައްކަތް ކުރަނީ ދިވެހިންނަށް ކަންކަން ފަހިވާ ގޮތަށް ކަމަށެވެ.
"މޯލްޑިވްސް ފަސްޓް ޕޮލިސީއަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު، އެ ގޮތަށް މިއަދާ ހަމައަށް ކަންތައް ކުރަމުން މި އައީ. ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައީސްގެ މަގާމުގެ ހުވާ ނޮވެމްބަރު 17، 2023 ގައި ކުރެއްވުމަށް ފަހު، ދެއްވި ފުރަތަމަ ތަގުރީރުގައި ވެސް ދިވެހިންނަށް ދެއްވި ޔަގީންކަމަކީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި ފަލަ، ރަތް ރޮނގު ކުރަހާލުން ކަމަށެވެ. އެއީ ހަގީގީ މާނައިގައި ދެއްކެވި ވާހަކައެއް ކަމަށާއި މިއަދު އަމަލީ ގޮތުން އެ ސިޔާސަތު ތަންފީޒު ކުރައްވާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ދިފާއީ ކަންކަން ވަރުގަދަ ކުރަން މަސައްކަތްޕުޅު ކުރައްވަނީ ވެސް ރަތްރޮނގު ދަމަހައްޓަން ބޭނުންފުޅުވާތީ އެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ މި ސިޔާސަތުގެ ދަށުން އިތުރު ކާމިޔާބީތައް މި ގައުމަށް ލިބިގެންދާ ތަން. އެއީ އެހީގެ ގޮތުންނާއި މަޝްރޫއުތަކުގެ ގޮތުންނާއި އެހެނިހެން ފައިދާތައް ގައުމަށް އިރާދަކުރެއްވިއްޔާ ކުރަމުންދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.