14 ނޮވެމްބަރ 2025 - 23:19

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ ބޭއްވި ބޮޑު ޖަލްސާ އަށް 13،000 އަށް ވުރެ ގިނަ މީހުން ދިޔަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ މިރޭގެ ބޮޑު ޖަލްސާ ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވީ، އެއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެންމެ ގިނަ ބަޔަކު ބައިވެރިވެގެން ބާއްވާ ބައްދަލުވުން ކަމަށެވެ.

"މި ވަގުތު ވެސް މި ތަނުގައި 13،000 އަށް ވުރެ ގިނަ ރައްޔިތުން އެބަތިބި ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބިފައި ވަނީ،" އެތައް ހާސް ބަޔަކު ބައިވެރިވި އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ އެހާ ގިނަ ބަޔަކު މާލެއިންނާއި އެކި ރަށްރަށުން މިރޭގެ ޖަލްސާގައި ބައިވެރިވެފައިވާތީ ޝުކުރު އަދާކުރައްވައިފަ އެވެ.
ޕީއެންސީގެ މި ބިޔަ ޖަލްސާގެ ބޭނުމަކީ ރައީސް މުއިއްޒުގެ ސަރުކާރަށް އަންނަ ހޯމަ ދުވަހު ދެ އަހަރު ފުރޭތީ އެ މަނިކުފާނަށާއި މި ސަރުކާރަށް އޮތް ތާއީދު ހާމަކުރުމެވެ. އެހެންވެ، ރާއްޖޭގެ ހުރިހާ ރަށަކުން ކަހަލަ ގޮތަކަށް ޖަލްސާ އަށް މީހުން މާލެ ގެނެސްފައި ވެ އެވެ. އެހެންވެ، މި ހަފުތާ ބަންދު ފާހަކުރަމުން އަންނަނީ ޕީއެންސީގެ "ބޮޑު އީދެއްގެ" ގޮތުގަ އެވެ.
މިރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގެ ކާމިޔާބީތަކާ ގުޅޭ ގޮތުން ތަފުސީކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ.
ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހުރިހާ ވައުދަކާއި ސިޔާސަތުތައް ކުރިއަށް ގެންދަނީ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށެވެ.
"މި ތިން ދާއިރާއަކީ މި ސަރުކާރުގެ ސިޔާސަތުތައް އެންމެ ކުރުކޮށް ދަންނަވަންޏާ ތަރުތީބު ކުރެވިފައިވާ ގޮތް. ކޮންމެ ވައުދެއް ވެސް ކޮންމެ ސިޔާސަތެއް ވެސް ކޮންމެ މަޝްރޫއެއް ވެސް ބެހިގެންދަނީ މި ތިން ދާއިރާގެ މައްޗަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.