30 މާޗް 2017 - 15:08

އެއްގަމު އިންޖީނުލީ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރު ބީލަމާ ނުލައި، ވަކި އަގުތަކެއްގައި ވިއްކާ ގޮތަށް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފި އެވެ.
ކުރިން ގަވާއިދު އޮންނަ ގޮތުން ޑޮމެއިން ނަމްބަރުތައް ވިއްކާނީ ބީލަމުގެެ އުސޫލުން ނުވަތަ ނީލަމުގެ އުސޫލުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. އަދި އެކަމަށް އާންމުކޮށް އިއުލާން ވެސް ކުރަންޖެހެ އެވެ.
އެ ގަވާއިދަށް މިއަދު ގެނައި އިސްލާހު ބުނާ ގޮތުން ޑޮމެއިން ނަމްބަރު ގަތުމަށް ޓްރާންސްޕޯޓް އޮތޯރިޓީ އަށް ހުށަހެޅުމުން ބީލަމެއް ނެތި އަދި އިއުލާން ކުރުމެއް ނެތި ޑޮމެއިން ވިއްކާނެ އެވެ. އަދި އުޅަނދުތަކަށް ޑޮމެއިން ވިއްކާނެ އަގު ވެސް އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.
ސައިކަލުގެ ޑޮމެއިން ނަންބަރެއް 80،000ރ. އަށް އަދި ކާރާއި ވޭނުގެ ޑޮމެއިން ނަންބަރެއް އެއް ލައްކަ ރުފިޔާ އަށް ވިއްކާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ. ޑޮމެއިން ނަމްބަރު ވިއްކާނީ ސައިކަލާއި ކާރު އަދި ވޭނަށް އެކަންޏެވެ.
ޑޮމެއިން ނަމްބަރަކީ އުޅަނދުތަކުގައި ހުންނަ ނަމްބަރު ބޯޑުގައި ރަޖިސްޓްރީ ނަމްބަރުގެ ބަދަލުގައި، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅައި، ޖަހާ ރީތި ނަމްބަރެކެވެ. ޑޮމެއިން ނަމްބަރު ހުންނަ އުޅަނދުތަކުގައި ފެންނަން ހުންނާނީ ޓްރާންސްޕޯޓް އޮތޯރިޓީން ވިއްކާ ޑޮމެއިން ނަމްބަރު އެކަންޏެވެ. އެ އުޅަނދެއް ދުއްވަން ކަނޑައަޅާފައިވާ ޒޯން ފަދަ އިތުރު މައުލޫމާތެއް އެފަދަ އުޅަނދުތަކުގައި ފެންނާކަށް ނުހުންނާނެ އެވެ.
ޑޮމެއިން ނަމްބަރުތަކުގެ ގޮތުގައި ތިން އަކުރުގެ ނަމްބަރުތައް ވެސް ވިއްކަ އެވެ.