15 ނޮވެމްބަރ 2025 - 00:49

ސިއްހީ ހާލަތަށް ހަޖޫޖަހައި، މަލާމަތްކޮށް ހަދަނީ އިންސާނިއްޔަތުކަމެއް ނެތުމުން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު އިދިކޮޅު ފަރާތްތަކަށް ރޭ ރައްދު ދެއްވައިފި އެވެ.

ޕީއެންސީން ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް ކުރިމަތިވި ބައްޔަކާ ގުޅުވައި، ފުރައްސާރަ ކުރަމުންދާ ކަމަށާއި އެހާ ދަށުދަރަޖަ އަށް ވެއްޓޭނީ އިންސާނިއްޔަތުކަމެއް ނެތުނީމަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އަންހެނަކަށް ވީތީ ސިފަ އަށް ހަޖޫޖަހަމުންދާ ކަމަށް ވިދާޅުވެ، ހީނާ ވަނީ އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވެފަ އެވެ.
"..އަދި ކޮބައިތޯ އަޅުގަނޑށް ކުރިމަތިވި ބައްޔަކާއި މިފަދަ ކަންކަމާ ގުޅުވައި އަޅުގަނޑަށް ފުރައްސާރަ ކުރާނީ ކިހާ އިންސާނިއްޔަތުކަން ކުޑަވީމަތޯ. ކިހާ ދަށުދަރަޖައަށް ވެއްޓުނީމަތޯ؟ ޒާތީ ގޮތުން އަޅުގަނޑުގެ ސިއްހީ ހާލަތަށާއި އަޅުގަނޑުގެ ސިފަ އަށް ވެސް ހަޖޫޖަހައި އަޅުގަނޑު ކަހަލަ އަންހެނަކަށް ގޯނާ ކުރާނީ އިންސާނިއްޔަތުކަމުގެ އެއްވެސް ޒައްރެއްގެ މިންވަރު ވެސް ނެތީމަ،" ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ހީނާ ވިދާޅުވި އެވެ.
ހީނާ އަށް ކެންސަރު ޖެހިފައިވާކަން އެނގިވަޑައިގަތީ 2023 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ޕާޓީގެ މުހިއްމު މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ގެންދަވަނިކޮށެވެ.
އުރަމަތީގެ ކެންސަރުން ރަނގަޅުވުމަށް ހޯއްދަވަމުން ގެންދަވާ ފަރުވާއާ އެކު، މީގެ ކުރިން ހީނާ ވަނީ ކެންސަރުގެ ބިރުވެރިކަމާއި ހިތްދަތިކަން ވެސް ސޯޝަލް މީޑިއާގައި ހާމަކުރައްވައިފަ އެވެ.
އެތައް ހާސް ބަޔަކާ އެކު ބޭއްވި ބޮޑު ޖަލްސާގައި ހީނާ ވިދާޅުވީ އޭނާ އަށް އަމާޒުކޮށް، ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ފަތުރަމުންދަނީ އަންހެނަކަށް ވީތީ ކަމަށެވެ. އޭގެ ތެރޭގައި ހީނާ ފާހަގަކުރެއްވީ އެންސްޕާ ހިންގާނެ ތަނެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކެކެވެ.
އެންސްޕާގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ހީނާ ވިދާޅުވި ގޮތުގައި އެންސްޕާ ހިންގާނެ ތަނެއް ފިނޭންސް މިނިސްޓްރީން ހޯދަން އިއުލާންކުރީ އެ އޮންނަ އުސޫލުގެ ދަށުންނެވެ.
"އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބިޑަށް ބޭނުން ކޮންމެ ބަޔަކަށް ކުރިމަތިލެވޭ ގޮތަށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިޔަ ކަމެއް. އެ ބިޑު ކާމިޔާބުކުރި ފަރާތުން އެދިގެން އެ ބިޑު ބާތިލުކޮށް، ޓާމިނޭޓްކުރީ. އެ މުއާމަލާތުގައި ދައުލަތަކަށް އެންމެ ލޯލާރިއެއް ވެސް ނުގެއްލޭ." އެކަން ހިނގާދިޔަ ގޮތް ސާފުކޮށްދެއްވަމުން ހީނާ ވިދާޅުވި އެވެ.
އެކަމަކު އަންހެނަކަށް ވީތީ އޭނާގެ ބޮލުގައި ނާޅުވަނީ ކޮން ނުހައްގު އިލްޒާމެއްތޯ ހީނާ ސުވާލު އުފެއްދެވި އެވެ.
އެ ޖަލްސާގައި ހީނާ ވަނީ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ބައްދަލުވުމެއްގައި އޭނާއާ ގުޅުވައި ދެެއްކި ވާހަކަތަކަކަށް ވެސް ރައްދު ދެއްވައިފަ އެވެ. ހީނާ ވިދާޅުވި ގޮތުގައި އެއީ އާއިލާ އާއި ދަރިން ދޫކޮށް، މަގުތަކަށް ނިކުމެ، ޔާމީން މިނިވަން ކުރުމަށް ކުރެއްވި ބުރަ މަސައްކަތާއި ގުރުބާނީގެ އަގު ވަޒަންކުރާ ގޮތެވެ.
ހީނާ ވިދާޅުވީ ނަފްސާނީ ގޮތުން އޭނާ ބަލިކަށިކޮށްލުމަށް ދޮގު ވާހަކަތަކެއް ދެއްކިދާނެ ކަމަށާއި އެކަމަކު އަޒުމު ގުޑުވާނުލެވޭނެ ކަމަށާއި މަސައްކަތުން ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.