14 ނޮވެމްބަރ 2025 - 23:28

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކްސް ނުދީ ތިބި ބިދޭސީން މާދަމާ އިން ފެށިގެން ޑީޕޯޓް ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސް ވިދާޅުވީ ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ ރައްޔިތުންނަށް ވެވަޑައިގެން ވައުދުފުޅެއް ކަމަށާއި އޭގެ ތެރޭގައި މަސްތުވާތަކެއްޗާއި ގޭންގްތަކާއި ބިދޭސީންގެ މައްސަލަ ހައްލުކޮށްދެއްވުން ހިމެނޭ ކަމަށެވެ.

ބިދޭސީންގެ މައްސަލައަކީ މިދިޔަ ހުރިހާ ވެރިކަމެއްގައި ވެސް އޮތް މައްސަލައެއް ކަމަށާއި އެކަން ބޮޑުވަމުން އައިއިރު ވެސް އެކަން ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް މި ސަރުކާރުން "ކުރަނގި އޮޕަރޭޝަން" ފެށިއިރު ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ވެސް ނޭނގޭ ކަމަށާއި އެ މީހުންނާ ގުޅޭ އެއްވެސް ތަފާސްހިސާބެއް ނެތް ކަމަށެވެ.
އެކަމަކު މި ސަރުކާރުން ފެށި އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބީ ކޮން ބިދޭސީންނެއް ކަމާއި އެ މީހުން ތިބީ ކޮން ތަނެއްގައި ކަން ވެސް މިހާރު އެނގެ އެވެ.
"އަޅުގަނޑުމެން ފެށި ކުރަނގި އޮޕަރޭޝަނުގައި މިއަދާ ހަމައަށް އައިއިރުގައި 191،723 ބިދޭސީންގެ 10 އިނގިލީގެ ނިޝާން ނަގައިފިން. އަޅުގަނޑުމެންނަށް އެބަ އިނގޭ ރާއްޖޭގައި ތިބި ބިދޭސީންނާއި މި މީހުން ތިބީ ކޮން ތަނެއްގައި ކަމާ، މި ހުރިހާ ކަމެއް،"
ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ދިން މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާ ކަމަށާއި އެ މުއްދަތާ ހަމައަށް އެ މައުލޫމާތު ނުދީ ރާއްޖޭގައި ބިދޭސީއަކު އުޅޭ ނަމަ ޑީޕޯޓް ކުރަން ފަށާނެ ކަމުގެ އިންޒާރު ވެސް ރައީސް މިރޭ ދެއްވި އެވެ.
"މާދަމާ އަށް ފަހު ދެން މި ރާއްޖޭގައި ބަޔޯމެޓްރިކްސް ނޫނީ ޑީޓެއިލްސް ނުދީ އެންމެ ބިދޭސީއަކަށް ވެސް ނުހުރެވޭނެ. ވަގުތުން ޑީޕޯޓް ކުރާނީ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ވެސް ވަނީ ރާއްޖޭގައި އެކި ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހިމެނޭ ގޮތަށް 9،021 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށެވެ.
ބިދޭސީންގެ މައްސަލައިގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގި އެންމެ ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަން އިއްޔެ ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ޑްރަގުގެ ވިޔަފާރިކުރާ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލައިގެ ޝަރީއަތްތައް ހިންގައި އަދުލުވެރިކަމާ އެކު، އެ މީހުންނަށް ފިޔަވަޅު އަޅާނެ އެވެ. އަދި ކުދިކުދި އިޖުރާއީ މައްސަލަތަކުގެ ސަބަަބުން ޑްރަގު ވިޔަފާރީގައި އުޅޭ މީހުން މިނިވަންވެ، މުޖުތަމައަށް އަނބުރާ އައުމަކީ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އެއްވެސް ނުފޫޒެއްގައި ނުޖެހި މުޅި ދައުލަތް މަސައްކަތް ކޮށްފިއްޔާ މި ގައުމުން މި ސަރުކާރު މަސައްކަތުން ޑްރަގު ވަބާ ފޮހެލާނަން،" ރައީސް ވިދާޅުވި އެވެ.
"މިއީ ނުހުއްޓާނެ އޮޕަރޭޝަނެއް. އަޅުގަނޑުމެން އުއްމީދު ކުރަނީ އަދި ޔަގީން ކުރަނީ އެ މީހުންގެ ކަންކަން ބެލުމުގައި އަޅުގަނޑު ހަމަ ކުރިން ދެންނެވި އަދުލުވެރި އިންސާފުވެރިކަމާ އެކީގައި ކުރިއަށް ދާނެއޭ. ކުދިކުދި އިޖުރާއީ ކަންކަމުގައި ޖެހި މި މީހުން މިނިވަން ވެގެން ދިއުމަކީ އަޅުގަނޑުމެން ރައްޔިތުން ބޭނުންވާ ކަމެއް ނޫން."
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ ގާނޫނަށް ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވެގެން އައުމާ އެކު ޑްރަގު އެތެރެކޮށް އޭގެ ވިޔަފާރިކުރާ މީހުންނަށް އިސްލާމުދީނުގައި އޮންނަ އެންމެ ހަރުކަށި އަބަދު ދެވޭނެ ކަމަށެވެ.
އެ މަނިކުފާނު ވަނީ މި ގައުމުން ޑްރަގުގެ ވަބާ ނައްތާލާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ހަގީގީ މާނައިގައި ޒުވާނުން ބާރުވެރި ކުރެވޭނީ މަސްތުވާތަކެތީގެ ވަބާ، ރާއްޖެއިން ނައްތާލެވިގެން ކަމަށާއި އެކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ އާ ގާނޫނެއް ފާސްކޮށް، ގޭންގުގެ ވަބާ ނައްތާލުމަށް ވެސް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެ މަސައްކަތުގެ ނަތީޖާއަކީ މިދިޔަ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުގައި ގޭންގް ކުށްތައް 49 ޕަސެންޓް ދަށްވުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.