14 ނޮވެމްބަރ 2025 - 21:29

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި މިހާރު ކުރިއަށް ގެންދާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް އައި އެތައް ހާސް ސަޕޯޓަރުންނެއް އެ ސަރަހައްދުގެ މަގުތައް ފުރާލައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ދައްކާލައިފި އެވެ.

ޖަލްސާ އަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސް މިރޭގެ ބިޔަ ޖަލްސާ އަށް ރައީސް މުއިއްޒުގެ ދެކަނބަލުން އާޓިފިޝަލް ބީޗު ސަރަހައްދަށް ވަޑައިގެންނެވިއިރު އެ ސަރަހައްދު އޮތީ ފުރާލައިފަ އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން އާޓިފިޝަލް ބީޗު ސަރަހައްދަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާން ކުރައްވަމުން ގެންދެވިއިރު އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ތިއްބެވި އެވެ.
އެއްވެފައި ތިބި މީހުންގެ ސަފުތަކުގެ ތެރެއިން ރައީސް މުއިއްޒު އާޓިފިޝަލް ބީޗުގެ ސްޓޭޖާ ހަމައަށް ވަޑައިގެންނެވިއިރު ގައުމީ ދިދަ އާއި ޕީއެންސީގެ ދިދަ ހިފައިގެން ތިބި އެތައް ހާސް ބަޔަކު ގެންދިޔައީ އެ މަނިކުފާނަށް އޮތް ސަޕޯޓް ދައްކަން އެ މަނިކުފާނުގެ ނަންފުޅުން ގޮވަމުންނެވެ.
ޕީއެންސީގެ ލީޑަޝިޕުން ބުނެފައި ވަނީ މިއީ މި ފަހުގެ ތާރީހުގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށެވެ. އަދި މިރޭގެ ޖަލްސާ އިން ދިވެހިން ބޭނުންވަނީ ކޮން ލީޑަރެއްކަން ވަރަށް ސާފުކޮށް ދައްކައިދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.
ކަނޑުމަގުންނާއި ޗާޓަރު ފްލައިޓްތަކުގައި ވެސް މީހުން މި ޖަލްސާއަށް އައިސްފައިވާއިރު މިއީ ސަރުކާރު ހިންގާ ޕާޓީއަކުން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއްވުމަށް ވާނެ ކަމަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
މިރޭގެ ޖަލްސާގެ މައިގަނޑު ބޭނުމަކީ ރައީސް މުއިއްޒުގެ ސަރުކާރަށް އަންނަ ހޯމަ ދުވަހު ދެ އަހަރު ފުރޭއިރު، ސަރުކާރަށް އޮތް ތާއީދު ދައްކާލުން ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
އެ ޖަލްސާއާ ގުޅިގެން އާޓިފިޝަލް ބީޗު ކުރިމަތިން، ހެންވޭރު ދަނޑާ ހިސާބަށް މަގު އެއްކޮށް ބަންދުކޮށް، ދަނޑުން ފެށިގެން ޖަނަވަރީ މަގާ ހަމަޔަށް، ހަތަރުފުރޮޅުލީ އުޅަނދު ދުއްވުން ވަނީ މަނާކޮށްފަ އެވެ. އަދި ހެންވޭރު ދަނޑުގެ ދިގަށް، ދެކޮޅަށް ދުއްވާ ގޮތަށް އޮތް މަގު ވެސް ހަތަރުފުރޮޅުލީ އުޅަދުތަކަށް ބަންދުކުރުމަށް ފަހު އެ މަގުން މިރޭ ދުއްވޭނީ ކާނިވަލާ ވީ ކޮޅުން މަޖީދީމަގާވީ ކޮޅަށް އެކަނި ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.