14 ނޮވެމްބަރ 2025 - 20:38

އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް އާރްއެސްޑައބްލިއު ފައިނޭންސިން ސްކީމްގެ ތިން ވަނަ ފިޔަވައްސަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެ އިދާރާ އިން ބުނީ، އެ ޕްރޮގްރާމުގެ ދަށުން 200 މަސްދޯންޏަށް އެހީ ލިބޭނެ ކަމަށެވެ.
މިއީ ދެމެހެއްޓެނިވި ގޮތެއްގައި ފިޝަރީޒް މިނިސްޓްރީ އާއި ދަ ލައިވްސް އެންޑް ލައިވްލިހުޑްސް ފަންޑް (އެލްއެލްއެފް) އާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިއެސްޑީބީ ގުޅިގެން ހިންގާ ފައިނޭންސިން ޕްރޮގްރާމެކެވެ.
އެސްޑީއެފްސީން ބުނީ، އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތަށް ދޫކުރާ ފައިނޭންންސިން އަމާޒު ކޮށްފައި ވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ކަމަށެވެ. އެގޮތުން މަސް ދޯނިތަކުގައި ފިނިކުރާ ނިޒާމާއި ސޯލާ ޕެނަލް އަދި ޖަނެރޭޓަރު ސެޓް ލުއި ފަސޭހަ ގޮތުގައި ދޫކުރާނެ ކަމަށް ބުންޏެވެ.
އެސްޑީއެފްސީން ބުނި ގޮތުގައި، އެ ސްކީމްގެ ދަށުން ފައިނޭންންސިން ލިބި، އާރްއެސްޑަބްލިއު ސިސްޓަމް އިންސްޓޯލް ކުރުމާއި ގަތުމުގެ އަގުގެ 35 ޕަސެންޓު ހިލޭ އެހީގެ ގޮތުގައި ކަނޑައަޅައި އަނބުރާ ދައްކަންޖެހޭ އަދަދުން މި އަދަދު އުނި ކުރާނެ އެވެ.
އެ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ އެވެ. އަދި ގްރޭސް ޕީރިއަޑްގެ ގޮތުގައި ހަ މަސް ދުވަސް ކަނޑައަޅާފައިވާއިރު، އެ ފިސިލިޓީ އަށް އަނބުރާ ފައިސާ ދެއްކުމަށް 10 އަހަރު ލިބޭނެ އެވެ. އެ ފައިނޭންސިންގެ ފައިދާ ހިސާބު ކުރަނީ އަހަރަކަށް ހަ ޕަސެންޓުގެ ރޭޓުންނެވެ. ރަހުނަކާ ނުލާ ލިބޭ މި ފައިނޭންސިން އަށް އަމިއްލަ އަތުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ.
އެ ސްކީމަށް އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.