14 ނޮވެމްބަރ 2025 - 19:23

ވެރިކަންކުރާ ޕާޓީ، ޕީއެންސީން މިރޭ މާލޭގައި ބާއްވާ ބޮޑު ޖަލްސާއާ ގުޅިގެން، މާލެ އާއި ހުޅުމާލެއާ ދެމެދުގައި ދަތުރުކުރާ ބައެެއް ބަސް ރޫޓުތަކުގެ ދަތުރުތައް އެމްޓީސީސީން މެދުކަނޑާލައިފި އެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ޕީއެންސީން ބާއްވާ ޖަލްސާއާ ގުޅިގެން ފުލުހުން ވަނީ ޓްރެފިކަށް ބަދަލުތަކެއް ގެނެސްފަ އެވެ. މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން އެ ޖަލްސާ ނިމެންދެން ބައެއް މަގުތައް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
އެ ބަދަލާ ގުޅިގެން އެމްޓީސީސީން ބުނީ މިރޭ ދަންވަރު 12:30 އާ ހަމައަށް އެ ސަރަހައްދުގެ މަގުތައް ބަންދުކޮށްފައިވާތީ އެ ކުންފުނިން ފޯރުކޮށްދޭ ފަސް ރޫޓެއްގެ ބަހުގެ ހިދުމަތް ވެސް މެދުކަނޑާލާފައިވާ ކަމަށެވެ. އެއީ އާރު2 އާއި އާރު8 އާއި އާރު10 އަދި އާރު11 އާއި އާރު12ގެ ދަތުރުތައް ކަމަށް އެ ކުންފުނިން ބުންޏެވެެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ކޮޅުން، ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދަށް މިރޭ މަގު ބަންދުވާނެ އެވެ. އަދި ބަންދުކޮށްފައިވާ ސަރަހައްދާ ގުޅިފައިވާ ފަސް ގޯޅިއެއް ވެސް ބަންދުކޮށްފައިވެ އެވެ.
އާޓިފިޝަލް ބީޗް ކުރިމަތިން، ހެންވޭރު ދަނޑާ ހިސާބަށް މަގު އެއްކޮށް ވަނީ ބަންދުކޮށްފަ އެވެ. އަދި ދަނޑުން ފެށިގެން ޖަނަވަރީ މަގާ ހަމަޔަށް، ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކޮށް، ހެންވޭރު ދަނޑުގެ ދިގަށް، ދެކޮޅަށް ދުއްވާ ގޮތަށް އޮތް މަގު ވެސް ހަތަރުފުރޮޅުލީ އުޅަދުތަކަށް ވަނީ ބަންދުކޮށްފަ އެވެ. އެ މަގުން މިރޭ ދުއްވޭނީ ކާނިވަލާ ވީ ކޮޅުން މަޖީދީމަގާވީ ކޮޅަށް އެކަންޏެވެ.
ޕީއެންސީގެ ބޮޑު ޖަލްސާ އަށް ރާއްޖޭގެ ހުރިހާ ރަށަކުން އެތައް ސަތޭކަ ބަޔަކު މާލެ އަށް ގެނެސްފައިވާއިރު، މިއީ ރާއްޖޭގައި މި ފަހުގެ ތާރީހުގައި ބާއްވާ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށް އެ ޕާޓީގެ ލީޑަޝިޕުން ބުނެފައި ވެ އެވެ.
މިރޭގެ 8:30 ގައި ބާއްވާ މި ޖަލްސާގައި ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާނެ އެވެ.