14 ނޮވެމްބަރ 2025 - 16:58

ފުވައްމުލަކުގެ ސަޕްލައި ފެން ތަޣައްޔަރުވި މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ އިން އެ ފެނަކީ ރައްކާތެރި ފެންކަން ދެނެގަނެވިފައިވާ ކަމަށް މޯލްޑިވްސް ފުޑް އެެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފެނަކަ ފުވައްމުލަކު ބްރާންޗުން ދޫކުރާ މުނިސިޕަލް ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެން ނަގައި ތަހުލީލުކޮށްފައިވާ ކަމަށެވެ.
އެ ތަހުލީލުތަކުގެ ނަތީޖާ ދައްކާ ގޮތުގައި އެއީ ސިއްހަތާ ބެހޭ ޖަމިއްޔާގެ، ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިއްޔެ ބުނެފައިވާ ގޮތުގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރި އެވެ.
ނަމަވެސް، ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ އޭރު ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ. ތިން ދުވަހަށް ފަހު ފެން ދޫކުރަން ފެށީ އިއްޔެ އެވެ.
އެ ރަށުން ކުރިން ވާހަކަދެއްކި މީހަކު ބުނެފައިވާ ގޮތުގައި ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމާއި އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފަ އެވެ. އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.