14 ނޮވެމްބަރ 2025 - 15:58

މިއަދު 50 އަށް ވުރެ ގިނަ ޑޮމެސްޓިކް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލްކޮށްފައިވާ ކަމަށް އެއާޕޯޓްގެ ފްލައިޓް އިންފޮމޭޝަން ސިސްޓަމުން ދައްކައިފި އެވެ.
މިހާ ގިނަ އަދަދަކަށް ފްލައިޓްތައް ޝެޑިއުކޮށްފައި ވާއިރު އެއާޕޯޓްގެ ޑޮމެސްޓިކް ފްލައިޓްގެ އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް ބިޒީވެފަ އެވެ.
އާންމު ފްލައިޓް ޝެޑިއުލްގެ އިތުރުން އިއްޔެ އާއި މިއަދު ޗާޓަރު ފްލައިޓްތައް ވެސް ގެންދަނީ ބާއްވަމުންނެވެ. މީގެ ގިނަ ދަތުރުތަކަކީ ސަރުކާރު ހިންގާ ޕީއެންސީން މިރޭ ބާއްވާ ބޮޑު ޖަލްސާއަށް މީހުން އުފުލުމަށް ބާއްވާ ދަތުރުތަކެކެވެ.
ޝެޑިއުލުން ދައްކާ ގޮތުގައި ރޭ މެންދަމު 1:00 އިން ފެށިގެން މިރޭ 11:30 އާ ހަމަޔަށް 50 ފްލައިޓް ޝެޑިއުލްކޮށްފައިވެ އެވެ. މިއީ މޯލްޑިވިއަން އާއި މަންޓާ އާއި ވިލާ އެއާގެ ދަތުރުތަކެވެ.
މީގެ ކުރިން އެތެރޭގެ ދަތުރުތަކަށް މިހާ ބާރު ބޮޑުވަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށެވެ. ބައެއް ޗުއްޓީތަކާ ދިމާކޮށް މީގެ ކުރިން ދުވާލަކު 50 އަށްވުރެ ގިނަ ޑޮމެސްޓިކް ދަތުރުތައް ކޮށްފައިވެ އެވެ. ކުރިން އާންމުކޮށްފައިވާ ބައެއް މައުލޫމާތުން ދައްކާ ގޮތުގައި އާންމުކޮށް އޮންނަނީ ދުވާލަކު 20-30 ދަތުރެވެ.
އިއްޔެ ވެސް ޖަލްސާއަށް މީހުން ގެނައުމަށް ގިނަ އަދަދެއްގެ ފްލައިޓްތައް އޮޕަރޭޓްކޮށްފައި ވާއިރު ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 އިން އައްޑޫ ގަމަށް ފުރަތަމަ ފަހަރަށް ފްލައިޓެއް ބާއްވާފައިވެ އެވެ. އެއީ ވެސް ޖަލްސާއަށް މީހުން އުފުލަން ބޭއްވި ފްލައިޓެކެވެ.
ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން މާލެ އައިސްފައި ވާއިރު އަދިވެސް މީހުން އަންނަމުންދެ އެވެ.
ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް އެ ޖަލްސާއިން ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.