14 ނޮވެމްބަރ 2025 - 14:11

ސަރުކާރު ހިންގާ ޕީއެންސީން މާލޭގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވާ އާޓިފިޝަލް ބީޗް ސަރަހައްދުގެ ގިނަ މަގުތަކެއް އިރު އޮއްސި 6:00 އިން ފެށިގެން ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ޓްރެފިކަށް ގެންނަ ބަދަލު ހާމަކޮށް ފުލުހުން އާންމުކޮށްފައިވާ ޕޯސްޓުގައި ހިމަނާފައިވާ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ކޮޅުން، ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދަށް މަގު ބަންދުވާނެ އެވެ. އަދި ބަންދުކޮށްފައިވާ ސަރަހައްދާ ގުޅިފައިވާ ފަސް ގޯޅިއެއް ވެސް ބަންދުކުރާނެ އެވެ.
މީގެ އިތުރުން، ޖަލްސާ އޮންނަ އާޓިފިޝަލް ބީޗް ކުރިމަތން، ހެންވޭރު ދަނޑާ ހިސާބަށް މަގު އެއްކޮށް ބަންދުކުރާއިރު، ދަނޑުން ފެށިގެން ޖަނަވަރީ މަގާ ހަމަޔަށް، ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރާނެ އެވެ. އަދި ހެންވޭރު ދަނޑުގެ ދިގަށް، ދެކޮޅަށް ދުއްވާ ގޮތަށް އޮތް މަގު ވެސް ހަތަރުފުރޮޅުލީ އުޅަދުތަކަށް ބަންދުކުރުމަށް ފަހު އެ މަގުން މިރޭ ދުއްވޭނީ ކާނިވަލާ ވީ ކޮޅުން މަޖީދީމަގާވީ ކޮޅަށް އެކަންޏެވެ.
ފުލުހުން ބުނީ މިރޭ 6:00 އިން ފެށިގެން އިވެންޓް ނިމެންދެން މަގުތައް ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.
މިރޭ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ޖަމާވެފައި ވާއިރު އަދިވެސް މީހުން އަންނަމުންދާ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
ކަނޑުމަގުންނާއި ޗާޓަރު ފްލައިޓްތަކުގައި ވެސް މީހުން ޖަމާވަމުން ދާއިރު މިއީ ސަރުކާރު ހިންގާ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއްވުމަށް ވާނެ ކަމަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.