14 ނޮވެމްބަރ 2025 - 11:00

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެޑެލް ހޮލީވުޑް ފިލްމެއް ކުޅެން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެޑެލް ކުޅެނީ އެމެރިކާގެ ފެޝަން ޑިޒައިނަރު އަދި ފިލްމު އުފެއްދުންތެރިޔާ ޓޮމް ފޯޑުގެ ކުރިއަށް އޮތް ފިލްމުގެ ރޯލެކެވެ. "ކްރައި ޓު ހެވަން" ކިޔާ އެ ފިލްމަކީ ހަމަ އެ ނަމުގައި 1982 ވަނަ އަހަރު އެމެރިކާގެ ވާހަކަ ލިޔުންތެރިޔާ އޭން ރައިސް ގެނެސްދިން ވާހަކައަކަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
ގްރޭމީ އެވޯޑް ކާމިޔާބުކޮށްފައިވާ އެޑެލް ފިލްމެއް މި ކުޅެނީ ފުރަތަމަ ފަހަރަށެވެ.
"ކްރައި ޓު ހެވަން"ގެ ކާސްޓުގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ނިކޮލަސް ހޮލްޓް، އާރޯން ޓޭލާ ޖޯންސަން، ޗިއަރާން ހައިންޑްސް، ޖޯޖް މެކޭ، މާކް ސްޓްރޯންގް، ކޮލިން ފާތު، ޕޯލް ބެޓަނީ، ހަންޓާ ޝެފާ އަދި ތެންޑީވޭ ނިއުޓަން ހިމެނެ އެވެ.
އެ ފިލްމު ލިޔެ، ޑައިރެކްޓުކޮށް އަދި ޕްރޮޑިއުސްކުރަނީ ވެސް ޓޮމް ފޯޑެވެ.
ޑެޑްލައިން އިން ބުނީ އެ ފިލްމުގެ ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތްތައް މިހާރު ލަންޑަނާއި ރޯމްގައި ފަށާފައިވާ ކަމަށާއި ޝޫޓިން އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށެވެ. އަދި އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ފަހުކޮޅު ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
"ހެލޯ" އާއި "ރޯލިން އިން ދަ ޑީޕް" އަދި "ޗޭޒިން ޕޭވްމަންޓްސް" ކަހަލަ މަޝްހޫރު އެތައް ލަވައެއް ކިޔާފައިވާ އެޑެލް އެންމެފަހުން މިއުޒިކް އަލްބަމެއް ގެނެސްދިނީ 2021 ވަނަ އަހަރު އެވެ. އޭނާގެ ވަރި އާއި އެކަނިވެރި މައެއްގެ ދިރިއުޅުން އަދި އޭނާގެ މަޝްހޫރު ކަމާ ގުޅޭ ގޮތުން ގެނެސްދިން "ތާޓީ" ކިޔާ އެ އަލްބަމަށް ފަހު އެޑެލް ވަނީ މިއުޒިކީ ދާއިރާއިން ބޮޑު ބްރޭކެއް ނަގައިފަ އެވެ.