ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރަން ހެލްތު އެކްސްޕޯ ފަށައިފި
ދުޅަހެޔޮ އާދަތަކަށް ހޭލުންތެރިކުރަން ހެލްތު އެކްސްޕޯ ފަށައިފި

ސިއްހީ ކަންކަމާ ގުޅޭ ގިނަ މައުލޫމާތު އެއް ތަނަކުން ލިބޭނެ "ހެލްތު އެކްސްޕޯ" މިއަދު ފަށައިފި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އަންނަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށްގެންދާ އެކްސްޕޯ ފައްޓަވައިދެއްވީ، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނީ އެ އެކްސްޕޯގެ ބޭނުމަކީ ދުޅަހެޔޮ ޖީލަކާއި މުޖުތަމައުއެއް ބިނާކުރަން ސަރުކާރުން ގެންގުޅޭ ސިޔާސަތުގައި ހިމެނިގެން، ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާ ގުޅޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ހެލްތު މިނިސްޓްރީން އިސްވެ ބާއްވާ އެކްސްޕޯގައި ސިއްހީ ކަންކަމާ ގުޅޭ މައުލޫމާތާއި އެ ލިބޭ މައުލޫމާތުތަކަށް ފަހު ދެން އަމަލުކުރަން ޖެހޭ ގޮތާއި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވާން އެޅޭނެ ފިޔަވަޅުތައް ހިމެނޭހެން ވަށާޖެހޭ ގޮތެއްގައި ފުރިހަމަ ނިޒާމެއްގެ ތެރެއިން އާއްމުން ހޭލުންތެރިކުރެވޭނެ މައުލޫމާތުތައް ލިބޭނެ އެވެ.

އޭގެ އިތުރުން ބައެއް ސްޓޯލްތަކުން ލޭގެ ޕްރެޝަރާއި ބަރުދަނާއި އިސްކޮޅު އަދި ސިއްހަތާ ގުޅުން ހުރި އެހެން ކަންކަން ހިލޭ ބެލޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މާލެ އާއި ރަށްރަށުގެ ހޮސްޕިޓަލްތައް ހިމެނޭހެން ދާއިރާގެ ކަމާ ގުޅުން ހުރި ޖަމިއްޔާތަކާއި ޖަމާއަތްތަކާއެކު 50 ފަރާތަކުން ބައިވެރިވެ އެވެ.