13 ނޮވެމްބަރ 2025 - 22:26

ފުވައްމުލަކުގެ ސަޕްލައި ފެނުގެ މައްސަލަ ހައްލުކުރުމަށް ފަހު، ހެދި ޓެސްޓުތަކުގެ ނަތީޖާ ނުލިބޭތީ އާއްމު ބޭނުމަށް ފެން ދޫނުކުރަން ސިޓީ ކައުންސިލުން މިރޭ އެދިއްޖެ އެވެ.
އެ ކައުންސިލުން ނެރުނު އެންގުމުގައި ބުނީ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރަން، މޭޔަރާއި ކައުންސިލްގެ މެމްބަރުން ފެން ޕްލާންޓަށް ޒިޔާރަތްކޮށް، ފެނުގެ ރައްކާތެރިކަމާ ގުޅޭގޮތުން ފެނަކައިގެ އިސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު ދޫކުރަނީ ރައްކާތެރި ފެންކަން ޔަގީންވާނެ ފަދަ ޓެސްޓެއްގެ ނަތީޖާ މިހާތަނަށް ވެސް ނުލިބޭތީ، އެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާއްމު ބޭނުމަށް ފެން ދޫނުކުރަން އެދިފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ފުވައްމަލުގައި ފެނަކަ އިން ދޫކުރާ ސަޕްލައި ފެން ތަޣައްޔަރުވެ ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މުޅި ރަށުން ވަނީ ފެން ކަނޑާލައިފަ އެވެ. ތިން ދުވަހަށް ފަހު މިއަދު ފެން ދޫކުރަން ފެށިއަސް ވޭލްތައް ބަންދުކޮށްފައި ހުރުމުން ފެން ލިބޭ ގޮތެއް އަދިވެސް ނުވެ އެވެ.
އެ ރަށުން ކުރިން ވާހަކަދެއްކި މީހަކު ބުނީ ފެނުގެ މައްސަލަ ދިމާވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އެ ފެނުގެ ރަހަ އާއި ކުލަ ވެސް ހުންނަނީ ބަދަލުވެފައި ކަމަށާއި އެކަމަކު މީހުން ދިޔައީ އެ ފެން ބޭނުންކުރަމުން ކަމަށް އޭނާ ބުންޏެވެ.
އެހެންވެ، ފެނުގެ ނެޓްވޯކް ބަންދުކުރީ ހައި ޑޯޒެއްގެ ކްލޮރިން އެޅުމަށެވެ.