ދިރިއުޅުން ބަދަލުވި، ފައިމަގުގެ ފަސްގަޑިއިރުގެ ދަތުރު
ދިރިއުޅުން ބަދަލުވި، ފައިމަގުގެ ފަސްގަޑިއިރުގެ ދަތުރު

އެމެރިކާގެ ކެލިފޯނިއާގައި އުޅޭ ޖޯޑަން ޑަންކަން މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން، އޭނާ ވަޒީފާ އަދާކުރާ ތަނާއި ގެޔާ ދެމެދު އުޅެނީ ހިނގައިފަ އެވެ. އެ ދެ މެދުގައި ހަތް މޭލު ހުރެ އެވެ. މަސައްކަތް ނިންމާފައި ވަރަށް ދަންވަރު ވެސް އޭނާ މި ދިގު ރާސްތާ ކަޑައްތުކުރަނީ ފައިމަގުގަ އެވެ.

ގެންގުޅުނު ކާރު ހަލާކުވުމުން ހިނގާފައި އުޅެން ނިންމީ ދަތުރެއް ހޯދަން ކޮންމެ ދުވަހަކު އެކުވެރިންނަށް އުނދަގޫކުރަން ބޭނުން ނުވުމުންނެވެ.

ވޮޝިންޓަން ޕޯސްޓަށް ޑަންކަން، 19، ދީފައިވާ އިންޓަވިއުއެއްގައި ބުނީ ހިނގާފައި އުޅެން ފަސޭހަ ނޫން ކަމަށާއި އެކަމަކު އާދަޔަކަށް ވުމުން ދެ ގަޑިއިރާއި 15 މިނިޓްގެ ދަތުރު މިހާރު ފަސޭހަ ކަމަށެވެ.

ޑަންކަންގެ ނަސީބަކަށް ދިމާވީ އެއް ރޭ މަސައްކަތް ނިންމާފައި ގެޔަށް ދަނިކޮށް ދިމާވި ފުލުހެކެވެ. މާ ދަންވަރު އެކަނި ދަނީ ކޮން ތަނަކަށްތޯ އެ ފުލުސް މީހާ އެހުމަށް ފަހު ޑަންކަން ކިޔައިދިން ވާހަކަތަކުން ފުލުސް މީހާގެ ހިތް ބަދަލުވި އެވެ. ފުލުސް މީހާގެ ކާރުގައި ޑަންކަން ގެޔަށް ލައިދިނެވެ. އަދި އެ ދަތުރުމަތީ ޑަންކަންގެ ދިރިއުޅުމާ ގުޅޭ ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ.

ކިޔަވާ ކުއްޖަކު ވަޒީފާ އަދާކުރުމަށް ވަމުން ދިޔަ ގުރުބާނީން ފުލުސް މީހާއަށް ވަރަށް އަސަރުކުރި އެވެ. ފުލުސް އޮފިސަރުންގެ އެސޯސިއޭޝަނުގެ މެންބަރެއް ކަމަށްވާ މި ފުލުސްމީހާ ޑަންކަންގެ ކޮންމެ ދުވަހަކު ފަސް ގަޑިއިރަށް ވުރެ ގިނައިރު ހިނގާފައި އުޅޭ ވާހަކަ ފުލުހުންގެ އެސޯސިއޭޝަނަށް ހުށަހަޅައި އެހީތެރިވާން މަސައްކަތް ފެށި އެވެ.

ފުލުހުން ޑަންކަން އަށް ބައިސްކަލަކާއި ހެލްމެޓް ފަދަ ތަކެތި ހަދިޔާކުރި އެވެ. އަދި ދަތުރު ކުރުވި އެވެ. މި ވާހަކަ ނޫސްތަކަށް އެރުމާ އެކު ޓީވީ ޝޯތަކަށް ވެސް ޑަންކަން ގެންދަން ފެށި އެވެ.

ލިބުނު މަޝްހޫރުކަމާ އެކު ފުލުހުން ވަނީ ޑަންކަންއަށް އެހީވުމަށް "ގޯ ފަންޑް މީ" އެކައުންޓެއް ހުޅުވައި ފައިސާ އެއްކޮށްފަ އެވެ. ޑަންކަންގެ ކާރު ހަދަން 5000 ޑޮލަރު ހޯދަން ފެށި މި ހަރަކާތަށް ތަރުހީބު ބޮޑުވެ ދިގުލައިގެން ގޮސް 42،000 ޑޮލަރު ވަނީ ލިބިފަ އެވެ.

މި ފައިސާއިން އަގުހެޔޮ ކާރެއް ޑަންކަން ގަތެވެ. އަދި ކިޔެވުން ކުރިއަށް ގެންދިޔަ އެވެ. ޑަންކަންގެ ކްލާސްތައް ފެށުމުން އޭނާ އަށް އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ނަމަވެސް ރޭގަނޑު ޝިފްޓްގައި އަދާކުރަން ޖެހޭ ވަޒީފާ ދޫކޮށެއް ނުލަ އެވެ.

ޑަންކަން ބޭނުންވަނީ ހަތަރު އަހަރުގެ އިންޖިނިއަރިން ޑިގްރީއެއް ނެގުމަށް ފަހު ޕޮލިސް އެކަޑަމީއަށް ވަންނާށެވެ.