13 ނޮވެމްބަރ 2025 - 16:12

ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް މުޅިން ވެސް ހައްޔަރުކުރީ ޑްރަގް ވިޔަފާރީގައި ހަރަކާތްތެރިވާ މީހުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެންގެވުމަކަށް ރޭ ފަތިހު 5:30 ގައި މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި ހާއްސަ އޮޕަރޭޝަންގައި މިއަދުގެ މެންދުރާ ހަމައަށް 92 މީހަކު ވަނީ ހައްޔަރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

"އަލިމަގު" ގެ ނަން ދީފައިވާ އޮޕަރޭޝަނާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ދެންނެވުމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ހައްޔަރުކުރި އެންމެންނަކީ ވެސް ޑްރަގް "ވިއްކާ" މީހުން ކަަމށެވެ.

"މި އެންމެންނަކީ [ޑްރަގް] ޑިސްޓްރިބިއުޓް ކުރުމުގައި އުޅޭ ބައެއް. ވިއްކާ މީހުން. މީގެ ތެރޭގައި ނުހިމެނޭ ވިޔަފާރި ނުކުރާ ބައެއް. މަސްތުވާތަކެތި ބޭނުންކޮށް އަދި ވިޔަފާރި ވެސް ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިހާތަަނަށް ހައްޔަރުކުރި މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ހުރިހާ ފަންތިއެއްގެ މީހުން ހިމެނެ އެވެ. އެގޮތުން ކުދި، މެދުފަންތި އަދި އެންމެ މަތީ ފެންވަރު ވެސް ހިމެނޭ ކަމަށް އިހުސާން ވިދާޅުވި އެވެ.
"އެ މީހުންގެ ބައިވެރިވުން އޮތް ވަރު މިހާރު ބަލަމުން މިދަނީ. މި މީހުންގެ ފަރާތުން ލިބޭ މައުލޫމާތުގެ އަލީގައި މިކަމާ ގުޅުން ހުރި މީހުން ވެސް ދެނެގަންނަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި އެއްވަގުތެއްގައި 100 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރުމުގެ އެ އޮޕަރޭޝަނުގައި 500 އަށް ވުރެ ގިނަ ފުލުހުން ބައިވެރިވާނެ އެވެ. އަދި އެއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ހަރަކާތް ކަމަށް ފުލުހުން ބުންޏެވެ.
"ހއ. އިން ފެށިގެން އައްޑުއާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދާނެ،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައި ވަނީ ޑްރަގް ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށެވެ.
ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން މިއަދު ހިންގާ އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހާއްސަ އޮޕަރޭޝަން ފަށާފައިވަނީ އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށްފައި ކަމަށެވެ.
އެ އޮޕަރޭޝަންގައި ހާއްސަ ޑިޕާޓްމަންޓުތަކާއި ސަރަހައްދުތައް ވިލަރެސް ކޮށްގެން އެކުލަވާލާފައިވާ ޓީމުތަކުން އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.