13 ނޮވެމްބަރ 2025 - 15:25

މަސްތުވާތަކެތީގެ ވިޔަފާރި ރާއްޖޭގައި ދެން ނުކުރެވޭނެ ކަމަށާއި އެކަން ކުރާ ނަމަ "ރާއްޖޭގައި އުޅެން އުނދަގޫ ކުރާނެ" ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވަން މުޅި ރާއްޖޭގައި އެއްވަގުތެއްގައި ފުލުހުން ކުރިއަށް ގެންދާ ބޮޑު އޮޕަރޭޝަނާ ބެހޭ ގޮތުން ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އިހުސާން ވިދާޅުވީ ޑްރަގް ވިއްކުމުގައި އުޅުނު މީހުން މިއަދަށް ފަހު ދެން ޖެހޭނީ އެކަންތައް ހުއްޓާލަން ކަމަށާއި ރާއްޖޭގައި ދެން އެ ފުރުސަތު ނުދޭނެ ކަމަށެވެ. ޑްރަގްގެ ވިޔަފާރި ހުއްޓުވަން ރާއްޖޭގައި ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން އެދޭ އެދުމަކީ މިކަމުގައި މިއުޅޭ ކުދިން ވެސް މިކަން ހުއްޓާލާފައި އެހެން ކަމަކައިގެން މިއަދުން ފެށިގެން އުޅެން ފަށަން. ދިވެހިރާއްޖޭގައި އަޅުގަނޑުމެން އެ މީހުންނަށް އުޅެން އުނދަގޫކުރާނަން، މި މަސައްކަތުގައި އުޅޭ ކަމަށް ވަންޏާ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުން މިއަދު ހިންގާ އޮޕަރޭޝަނަކީ ޑްރަގްގެ ވިޔަފާރި ހުއްޓުވަން އަޅާ ވަރުގަދަ ފިޔަވަޅުތަކުގެ ފެށުމެކެވެ. އެ މަސައްކަތް ހުއްޓާލާނީ ޑްރަގްގެ ވިޔަފާރީގައި އުޅޭ މީހުން އެކަން ހުއްޓާލި އިރަކުން ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން 24 ގަޑި އިރު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިހުސާން ރައްޔިތުންނަށް ދެއްވި އެވެ.
ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް މިއަދު ހެނދުނު ފެށި ހާއްސަ އޮޕަރޭޝަންގައި މިހާތަނަށް 90 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މިއަދުގެ ހެނދުނު 5:30 ގައި ފެށި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، މެންދުރު 12:15 އާ ހަމައަށް 90 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި މިއަދު ހައްޔަރުކީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހުންނެވެ.
މިއަދު ފެށި އޮޕަރޭޝަން "އަލިމަގު" އަކީ ފުލުހުންގެ އިދާރާއިން ބުނި ގޮތުގައި، މަސްތުވާތަކެއްޗާ ދެކޮޅަށް ފަހުގެ ތާރީހެއްގައި އެންމެ ފުޅާ ދާއިރާއެއްގައި އެއް ވަގުތެއްގައި ހިންގި އެންމެ ބޮޑު އޮޕަރޭޝަނެވެ.
ފުލުހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގާ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާތަކެއްގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ ރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތްވެފައިވާ ގައުމަކަށް ހަދަން ސަރުކާރުން ކުރާ މަސައްކަތުގައި، ޑްރަގުގެ ވިޔަފާރީގައި ބައިވެރިވާ ފަރާތްތަކާ ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގަވާފައި ވާނެ ކަމަށެވެ.