13 ނޮވެމްބަރ 2025 - 14:16

ސަރުކާރު ހިންގާ ޕާޓީ ކަމަށްވާ ޕީއެންސީން މާލޭގައި މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާއަށް ރަށްރަށުން ގިނަ ބަޔަކު މާލެ އަންނަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި، އެ ޖަލްސާގައި ބައިވެރިވުމަށް އިއްޔެއިން ފެށިގެން އެ ޕާޓީގެ ސަޕޯޓަރުން ވަނީ މާލެ އަންނަން ފަށައިފަ އެވެ. މިއަދު ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
އައްޑޫގެ ޕީއެންސީގެ ސަޕޯޓަރުން ގެނައުމަށް މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 ގެ ފްލައިޓެއް ވެސް ވަނީ ގަމަށް ބާއްވައިފަ އެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ފްލައިޓްތަކުގައި ވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މާލެ އައިސްފަ އެވެ.
މާލެ ކައިރި ރަށްރަށުން ލޯންޗްތަކުގައި ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސްފަ އެވެ.
ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިން ވިދާޅުވެފައިވަނީ ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން މާދަމާ ރޭގެ ޖަލްސާއިން ސާފުވާނެ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތެއް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޖަލްސާއަށް ސަޕޯޓަރުން ދާނީ ރައީސް ކުރައްވާފައިވާ މަސައްކަތްތައް ބަލައިގަންނާތީ ކަމަށެވެ.
"ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު. އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަން ހިނގާ މަގު އެނގޭތީ މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ގަބޫލު ކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާ އެކީގައި އާ މުސްތަގުބަލަކަށް އުންމީދު ކޮށްގެން،" އަބްދުއްރަހީމް ވިދާޅުވެފައިވެ އެވެ.
އަބްދުއްރަހީމް ވިދާޅުވެފައިވާ ގޮތުގައި ރައްޔިތުން ބޭނުންވާ ތަރައްގީ ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
ޕީއެންސީން ބޮޑު ޖަލްސާއެއް މި ބާއްވަނީ ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށްފަހު އެވެ.