13 ނޮވެމްބަރ 2025 - 13:49

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓްތައް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސަބްސިޑަރީ ކުންފުންޏެއް އުފައްދައިފި އެވެ.
އަލަށް އުފެއްދި ކުންފުންޏަކީ ބީއެމްއެލްގެ 100 ޕަސެންޓް ހިއްސާ އޮންނަ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އެވެ.
ފްލެޓް އަޅާ ބިންތައް ހަވާލު ކުރުމަށް ބީއެމްއެލްގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއުއަށް ހާއްސަކޮށްގެން އުފައްދާފައިވާ ސަބްސިޑަރީ ކުންފުނިން ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އެ 3،000 ފްލެޓް އެޅުމަށްފަހު "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލި ދައްކާ ނިމުމުން، އެތަން ކުއްޔަށް ނަގާ މީހަކަށް އެތަން މިލްކުކޮށް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ކުންފުނި ވާނީ ބީއެމްއެލްގެ ދެވަނަ ސަބްސިޑަރީ ކުންފުންޏަށެވެ. ބީއެމްއެލްގެ ފުރަތަމަ ސަބްސިޑަރީ ކުންފުންޏަކީ މި އަހަރު އެ ކުންފުނީގެ ދަށަށް ބަދަލުކުރި ކުރީގެ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އެވެ.
ބީއެމްއެލް އިން ވަނީ އެސްޑީއެފްސީ ރީބްރޭންޑްކޮށް، އެސްއެމްއީ ޑިޖިޓަލްއަށް ދާދިފަހުން ބަދަލުކޮށްފަ އެވެ.
ބީއެމްއެލް އިން ހިންގާ އެ މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލޭގެ ފޭސް 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު، ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ.