މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ފުރަތަމަ ފަހަރަށް ގަމަށް!
މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު ފުރަތަމަ ފަހަރަށް ގަމަށް!

ގައުމީ އެއާލައިން، މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 އިން އައްޑޫ ގަމަށް ފުރަތަމަ ފަހަރަށް މިއަދު ފްލައިޓެއް ބާއްވައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ އޭ330-200 އިން ގަމަށް މިއަދު ދަތުރުކުރީ އަމިއްލަ ފަރާތަކުން ޗާޓަރު ކޮށްގެން ކަމަށެވެ. އަދި މި ދުވަސްވަރު މާލެ އާއި ގަމާ ދެމެދު ކުރާ ދަތުރުތަކަށް ޑިމާންޑް ބޮޑު ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

"A330 ގެ ޑިމާންޑު ގަމަށް މި ދުވަސްވަރު ބޮޑު ކަމަށް ފެނުނީމާ ޗާޓަރު ފްލައިޓެއް މި ބޭއްވީ. ޑިމާންޑު ބޮޑު ހިސާބުތައް ބަލާފައި މީގެ ކުރިން ވެސް ބޮޑެތި ބޯޓުފަހަރު ބާއްވާފައި ވާނެ. އެ އުސޫލުން ޑިމާންޑު ވަރަށް ބޮޑަށް އިތުރުވީމާ މި ފަހަރު ވެސް މި ބޭއްވީ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދުގައި ޝެޑިއުލް ދަތުރުތައް ކުރާ މޯލްޑިވިއަންގެ އޭ330-200 އިން މާލެއިން ގަމަށް ފުރަތަމަ ފްލައިޓް ބޭއްވީ މިއަދު ހެނދުނު 9:36 ގަ އެވެ. އަދި ގަމުން މާލެ އަށް މެންދުރު ފަހު 12:49 ގައި ވަނީ ފްލައިޓެއް ބާއްވައިފަ އެވެ.

މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓުން ގަމަށް ފްލައިޓެއް ބޭއްވި އިރު، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން މާދަމާ ރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާއަށް އެ ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ރަށްރަށުން މާލެ އަންނަން ފަށައިފަ އެވެ. ރޭ ވެސް އައްޑޫން ވަރަށް ގިނަ ބަޔަކު މާލެ އައިސްފައި ވެ އެވެ. އަދި އެހެން ރަށްރަށުން ވެސް ރެއިން ފެށިގެން ޕީއެންސީގެ ޖަލްސާ ވަނީ މީހުން މާލެ އަންނަން ފަށައިފަ އެވެ.

ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ވަރަށް ބޮޑަށް އެ ޖަލްސާއިން ސާފުވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ.