އަގު ހެޔޮކޮށް ފްލެޓް އަޅަން ސަރުކާރުން ބީއެމްއެލްއަށް ބިން ދިނީ ހިލޭ!
އަގު ހެޔޮކޮށް ފްލެޓް އަޅަން ސަރުކާރުން ބީއެމްއެލްއަށް ބިން ދިނީ ހިލޭ!

މަރުކަޒީ ބޭންކް، އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އަޅާ ފްލެޓް ގައުމީ ބޭންކް، ބީއެމްއެލްއަށް ބިން ދިނީ ހިލޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.

އަގު ހެޔޮކޮށް ފްލެޓް އަޅަން ސަރުކާރުން ބީއެމްއެލްއަށް ބިން ދިނީ ހިލޭ!
އަގު ހެޔޮކޮށް ފްލެޓް އަޅަން ސަރުކާރުން ބީއެމްއެލްއަށް ބިން ދިނީ ހިލޭ!

އެ ބިންތައް ހަވާލުކުރުމަށް ބީއެމްއެލްގެ ހެޑް އޮފީހުގައި ހެނދުނު ބޭއްވި ރަސްމިއްޔާތުގައި މުއްތަލިބް ވިދާޅުވީ މިއަދަކީ ދިވެހިންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ދަތިކަން ހައްލުކުރުމަށް ގައުމީ ބޭންކުން ސަރުކާރާ އެކު، އަތުގުޅާލައި މަސައްކަތް ފެށި ދުުވަސް ކަމަށެވެ.

ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު، ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ.

"އާދެ، މި ތަންތަނަކީ އަތްފޯރާ ފަށުގައި ދެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ބޭންކަށް ބިން މި ދެނީ، ބޭންކަށް އިތުރު އަގަކާއި ނުލައި. ދައުލަތުން އެ އަގުގައި ހިފާ ގޮތަށް. އޭގެ ސަބަބުން މާތް ﷲ ގެ ވާގިފުޅާ އެކު، މި ފްލެޓްތަކުގެ އަގު މިހާރު މި ދޫކުރާ [ސޯޝަލް ހައުސިން] ފްލެޓްތަކުގެ އަގާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިގެން ދާނެ،" މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެ މީހުންނަކީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.

"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރާ އެއްކޮށް، އަތުގުޅާލައި ބޮޑު މަޝްރޫއެއް ފެށުމަށް ބޭންކުން ނިންމީ، މިއީ މީގެ ކުރީގެ މެނޭޖްމަންޓުތަކުން ހަގީގަތުގައި ސަރުކާރަށް ދީފައި ނުވާވަރުގެ އެއްބާރުލުމެއް،" އޭނާ ވިދާޅުވި އެވެ.

މުއްތަލިބް ވިދާޅުވީ ބޯހިޔާވަހިކަމަކީ ކޮންމެ އާއިލާއެއްގެ ވެސް ހައްގެއް ކަމަށާއި ސަރުކާރުން މި މަސައްކަތް ކުރަނީ ކޮންމެ އާއިލާއަކަށް ވެސް އެކަށީގެންވާ ބޯހިޔާވަހިކަމެއް، އަތްފޯރާފަށުގައި ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށެވެ. މިފަދަ އެހެން ޕްރޮޖެކްޓުތައް އެކި ފަންތިތަކަށް، އެކި ގިންތިތަކަށް ހާއްސަކޮށްގެން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އިން އެ 3،000 ފްލެޓްގެ މަސައްކަތް ކުރާނީ އެ މަޝްރޫއަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ބޭންކުގެ ފުރިހަމަ ހިއްސާ އޮންނަ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ "ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް"ގެ ދަށުންނެވެ.

މާލެ ސަރަހައްދުން އަލަށް ގެދޮރު ގަތުމަށް ބޭނުންވާ މީހުންނަށް މާލީ ނިޒާމުގެ ތެރެއިން ފައިނޭންސިން ހަމަޖެއްސުމުގެ މަގުސަދުގައި "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ ނަމުގައި ހާއްސަ ސްކީމެއް ތައާރަފުކުރަން ނިންމައި އެކަމާ ބެހޭ އުސޫލު އެމްއެމްއޭ އިން މިދިޔަ މަހު ވަނީ އާންމުކޮށްފަ އެވެ. އަދި ހުރިހާ ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ ތެރެއިން 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ އަދަދެއް އެ ސްކީމަށް ކަނޑައަޅަންވާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

"ބީއެމްއެލް އެފޯޑެބަލް ހޯމް ލީޒިން ޕްރައިވެޓް ލިމިޑެޓް" އިން އެ 3،000 ފްލެޓް އެޅުމަށް ފަހު، "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދޭނެ އެވެ. އަދި ކުލީގެ މުއްދަތު ހަމަވުމުން، ފްލެޓް ކުއްޔަށް ނަގާ މީހަކަށް އެތަނެއް މިލްކުކޮށްދޭނެ އެވެ.